04 މާޗް 2018 - 10:53

ދިމިޝްގު (މާޗް 4) - ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ސީރިއާގެ އިރުމަތީ ޣޫތާގެ 10 ޕަސެންޓް ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް މޮނިޓަރުން ބުނެފި އެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އިރުމަތީ ޣޫތާ އަށް އެއްގަމު ސިފައިން ދޭ ހަމަލާތައް އިއްޔެ ވަރުގަދަކޮށްފައިވާ ކަމަށެވެ. އިދިކޮޅު ހަނގުރާމަވެރިން ބޮޑު ބަޑިން ރައްދު ހަމަލާ ދޭ ކަމަށް އޮބްޒަވޭޓަރީން ބުނެ އެވެ.
އިރުމަތީ ޣޫތާ ވަނީ 2013 ވަނަ އަހަރުން ފެށިގެން ބަންދުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ ސިޓީގައި ކާބޯތަކެއްޗާއި ބޭހުގެ ދަތިކަން ވަނީ ބޮޑުވެފަ އެވެ.
ސީރިއާ ސިފައިން ބުނެފައި ވަނީ ވައިގެ ހަމަލާތައް ދެނީ ހަނގުރާމަވެރިންގެ ބާރުގެ ދަށުން އިރުމަތީ ޣޫތާ މިނިވަން ކުރަން ކަމަށެވެ. އެކަމަކު ވައިގެ ހަމަލާތަކުގައި އާއްމުންގެ އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. ފެބްރުއަރީ 18 ވަނަ ދުވަހު ދޭން ފެށި ހަމަލާތަކުގައި 640 މީހުން ވަނީ މަރުވެފަ އެވެ. މީގެ ތެރޭން 150 މީހުންނަކީ ކުޑަ ކުދިންނެވެ.
އިރުމަތީ ޣޫތާ އަށް ދޭ ހަމަލާތައް 30 ދުވަހަށް ހުއްޓާލަން ސަލާމަތީ މަޖިލީހުން ފެބްރުއަރީ 24 ވަނަ ދުވަހު ގަރާރު ފާސްކުރި ފަހުން ވެސް އާއްމުންގެ 100 މީހުން ވަނީ މަރުވެފަ އެވެ. ސީރިއާއާ އެކު ވައިގެ ހަމަލާތަކުގައި ބައިވެރިވާ ރަޝިޔާ އިން ބުނެފައި ވަނީ ކޮންމެ ދުވަހަކު ހެނދުނު 9 އިން ފެށިގެން ފަސް ގަޑިއިރަށް ހަމަލާތައް ހުއްޓާލާނެ ކަމަށެވެ. އެކަމަކު އޮބްޒަވޭޓަރީން ބުނެފައި ވަނީ އިރުމަތީ ޣޫތާން އާއްމުން ނުކުތުމަށް މަގުފަހިވެފައި ނުވާ ކަމަށެވެ.