04 މާޗް 2018 - 11:58

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅާލަން ހަދާ ހަތަރު ބްރިޖަކާއި ދެވަނަ ފިޔަވަހީގެ އިކޮނޮމިކް އައިލެންޑާ ގުޅާލާ ބްރިޖް ހަދާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއުލާންކޮށްފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބްރިޖްތައް ހަދަނީ ސައުދީ ފަންޑުން ދިން ލޯނު އެހީގަ އެވެ. ދެވަނަ ފިޔަވަހީގެ ޓޫރިޒަމް އައިލެންޑަކީ މިހާރު އެއްކޮށް ހިއްކާފައި އޮތް ބިމުގެ އެންމެ އުތުރު ކޮޅުގައި ހަދާ ވަކި ތަނެކެވެ. އެތަނުގައި ބުރިޖް އަޅަނީ އުތުރު ކޮޅުން ހުރަހަށް ބިން ކަނޑާލައި، އެ ބަ އާއި ދެވަނަ ފިޔަވަހީގައި ދެން ހިމެނޭ ބިން މުޅިން ވަކިކޮށްލައިގެންނެވެ. އޭރުން އެ ދެ ބައިގެ ދެމެދު އޮންނާނީ ކޯރެކެވެ.
އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ފަސް ބްރިޖްގެ މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށެވެ. އެ މަސައްކަތަށް ބިޑް ހުށަހަޅަން ޖެހެނީ އަންނަ އޭޕްރިލް 15ގެ ކުރިންނެވެ.
އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ ބްރިޖްތައް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކުރީ އެތަނުގެ ޑިޒައިން މަސައްކަތްތައް ނިންމުމަށް ފަހު ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ދެވަނަ ފިޔަވަހީގައި މިހާރު ފަށާފައިވާ ތަންތަނުގެ މަސައްކަތްތައް ނިމެންވާއިރަށް ބްރިޖްތައް ނިންމަން. މި އަހަރުގެ ތެރޭގައި އެ ބްރިޖްގެ މަސައްކަތް ފެށޭނެ،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ވަނީ ހައުސިން މަޝްރޫއުގެ އިތުރުން މަގުތައް ހެދުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.