04 މާޗް 2018 - 10:13

މެޑްރިޑް (މާޗް 4) – ސްޕެނިޝް ލީގުގައި ރޭ ގެޓަގޭ އަތުން 3-1 އިން މޮޅުވެ، ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ޕީއެސްޖީއާ ދެކޮޅަށް ކުޅެން ތައްޔާރުކަން ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން އިއުލާންކޮށްފި އެވެ.
ރޭގެ މޮޅާ އެކު، އެ ޓީމު އޮތީ 54 ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި 66 ޕޮއިންޓާ އެކު އޮތް ބާސެލޯނާ އާއި 61 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް މިރޭ ބައްދަލުކުރާނެ އެވެ.
އަމިއްލަ ދަނޑުގައި ރޭ މެޑްރިޑް ކުޅުނު މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ގަރެތު ބޭލް އެވެ. ދެ ވަނަ ގޯލް 45 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އޭނާ ސްޕެނިޝް ލީގުގައި ޖެހި 300 ވަނަ ގޯލެވެ.
ދެ ވަނަ ހާފު ފަށައިގެން 47 ވަނަ މިނެޓުގައި ގެޓަފޭގެ ލޮއިކް ރެމީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ. އޭގެ ފަހުން 65 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ގެޓަފޭގެ ޕޯޓިޔޯ ވަނީ ތަފާތު ކުޑަކޮށްފަ އެވެ. މެޑްރިޑުގެ ތިން ވަނަ ގޯލް 78 ވަނަ މިނެޓުގައި ޖެހީ ރޮނާލްޑޯ އެވެ.
މެޑްރިޑަށް ދެން އޮތީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި އަންގާރަ ދުވަހުގެރޭ ފްރާންސުގެ ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗެވެ. ފުރަތަމަ ލެގު 3-1 އިން މެޑްރިޑް ވަނީ ކާމިޔާބުކޮށްފަ އެވެ.
"އަންގާރަ ދުވަހުގެ މެޗަށް އަހަރެމެން ވަރަށް ސީރިއަސްކޮށް ތައްޔާރުވިން. އަހަރެމެން އެ މެޗު ކުޅެން ޖެހޭނީ ތަފާތު އިންޓެންސިޓީއެއްގައި، ޔަގީނުން ވެސް. އެކަމަކު އަހަރެމެން އަންގާރަ ދުވަހަށް ތައްޔާރު،" ޒިދާން ބުންޏެވެ.
މެޑްރިޑަށް މި ސީޒަނުގައި ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ގެއްލިފައިވާއިރު އެ ޓީމުން އެންމެ ސަމާލުކަން ދޭނީ ޗެމްޕިއަންސް ލީގަށެވެ.