04 މާޗް 2018 - 09:47

ލިވަޕޫލް (މާޗް 4) – މި ސީޒަނުގައި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ޖެހި 32 ވަނަ ގޯލާ އެކު ނިއުކާސަލް ޔުނައިޓެޑް 2-0 އިން ބަލިކޮށް ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް އަރައިފި އެވެ.
އެއް ވަނައިގައި 75 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީގެ ފަހަތުން ލިވަޕޫލް ދެ ވަނައިގައި އޮތީ 60 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި 59 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ޔުނައިޓެޑް ތިން ވަނަ އަށް ވެއްޓިފައިވީ ނަމަވެސް އެ ޓީމަށް، މާދަމާރޭ ކްރިސްޓަލް ޕެލަސް އަތުން މޮޅުވެގެން ޔުނައިޓެޑަށް އަލުން ދެ ވަނަ އަށް އެރޭނެ އެވެ.
ރޭ ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ގަދަ ހަތަރެއް ކަށަވަރުކުރުމުގައި މުހިއްމު މޮޅެއް ހޯދައިފަ އެވެ. ހަޑާސްފީލްޑް ޓައުން އަތުން 2-0 އިން މޮޅުވެ ޓޮޓެންހަމް ހަތަރު ވަނައިގައި އޮތީ 58 ޕޮއިންޓާ އެކު އެވެ. ޗެލްސީ 53 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތްއިރު މިރޭ މެންޗެސްޓާ ސިޓީ އަތުން މޮޅުވެގެން ޓޮޓެންހަމްއާ ކައިރިކުރުމުގެ ފުރުސަތު ޗެލްސީ އަށް އެބައޮތެވެ. ޗެލްސީ ފަސް ވަނައިގައި އޮތީ 53 ޕޮއިންޓާ އެކު އެވެ.
އަމިއްލަ ދަނޑުގައި ރޭ ޓޮޓެންހަމް މޮޅުވި މެޗުގައި ދެ ލަނޑު ވެސް ޖެހީ ދެކުނު ކޮރެއާގެ ސޮން ހެއުން-މިން އެވެ. ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ގޯލް ޖެހީ 54 ވަނަ މިނެޓުގަ އެވެ.
އަމިއްލަ ދަނޑުގައި ލިވަޕޫލް މޮޅުވި މެޗުގައި ފުރަތަމަ ގޯލް ސަލާ ޖެހީ 40 ވަނަ މިނެޓުގަ އެވެ. ދެ ވަނަ ގޯލް ޖަހައިދިނީ 55 ވަނަ މިނެޓުގައި ސަޑިއޯ މާނޭ އެވެ.