ރައީސް ޔާމީން ދޫކޮށް، އިދިކޮޅާ ނުގުޅޭނަން: މުބީން
ރައީސް ޔާމީން ދޫކޮށް، އިދިކޮޅާ ނުގުޅޭނަން: މުބީން

ރައީސް އަބްދުﷲ ޔާމީންގެ ބައެއް ސިޔާސަތުތަކާ ދޭތެރޭގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި އެހެންވެ، ވަރަށް އަވަހަށް އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަންނަވާނެ ކަމަށް ދައްކާ ވާހަކަތައް އޭނާ މިއަދު ދޮގު ކުރައްވައިފި އެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ރޭ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާ ކަމަށް މުބީން ގަބޫލުކުރައްވާ ކަމަށެވެ. މުބީންގެ ބައެއް ވާހަކަތަކުން، ރައްޔިތުންގެ މަޖިލީހާ ދޭތެރޭގައި ސަރުކާރުން އަމަލުކުރާ ގޮތާ މެދު ވެސް އޭނާގެ ހިތްހަމަނުޖެހުންތަކެއް ހުރި ކަން ސާފުވާ ކަމަށް ވެސް މުހައްމާ ވިދާޅުވި އެވެ.

މި ވާހަކަތައް ދޮގުކުރައްވައި މުބީން "މިހާރު" އަށް ވިދާޅުވީ އޭނާ ހުންނެވީ ސާބިތުކަމާ އެކު ރައީސް އަބްދުﷲ ޔާމީނާ އެކުގައި ކަމަށެވެ. އެމަނިކުފާނު ދޫކުރައްވައި އިދިކޮޅާ ގުޅެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"މުހައްމާއާ އަޅުގަނޑާ ތިފަދަ ވާހަކައެއް ދެކެވިފައެއް ނޯންނާނެ. އެހެން ދިމާވާ ފަހަރަކު ވެސް އަޅުގަނޑު ނަސޭހަތްދެން، މިހާރު އެ އުޅޭ ގޮތް ދޫކޮށްލައި އަނބުރާ ޕާޓީއާ ގުޅިވަޑައިގަތުމަށް،" މުބީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކުރަނީ އިސްލާހީ މަސައްކަތް، ގައުމާއި ރައްޔިތުންގެ ހައްގުގައި. މި މަސައްކަތް ދޫކޮށްލައި ހުސް ދޮގު ވާހަކަތައް ދައްކަން އިދިކޮޅަށް ދާންވީ ސަބަބެއް ނެތް. ރައްޔިތުންނަށް ދޮގު ވާހަކަ ދެއްކުން ނޫން އިތުރު ކަމެއް އެ މީހުންގެ ނެތް."

ޕީޕީއެމްގައި ތިއްބެވި ހުރިހާ މެމްބަރުން އިދިކޮޅާ ގުޅިވަޑައިގަންނަވާނެ ކަމަށް މުހައްމާ ވިދާޅުވި ވާހަކަ އަށް ރައްދު ދެއްވަމުން މުބީން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މެމްބަރުން ގުޅިވަޑައިގަންނަވާނީ ޕީޕީއެމާ ކަމަށެވެ. ރައީސް ޔާމީނާ އެކު މިހާރު ތިއްބެވި އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ބައްލަވާ އެ މީހުން އެ ބާއްވާ އެއްވުންތައް. ރައީސް ޔާމީންގެ އަނބިކަނބަލުން އެކަނި ވެސް އެއަށް ވުރެ ގިނަ މީހުން ނެރޭނެ،" މުބީން ވިދާޅުވި އެވެ.

ވެރިކަން ކުރާ ޕީޕީއެމަށް ރައްޔިތުންގެ މަޖިލީހުގައި ކުރިން އޮތް ސާފު އަޣުލަބިއްޔަތު ގެއްލި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި މިހާރު ތިއްބެވީ 41 މެމްބަރުންނެވެ. އެއީ ޕީޕީއެމްގެ 36 މެމްބަރުންނާއި އެމްޑީއޭގެ ފަސް މެމްބަރުންނެވެ. އިދިކޮޅު ޕާޓީތަކުގައި 44 މެމްބަރުން މިހާރު އެބަ ތިއްބެވި އެވެ.

އެކަމަކު ރައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތު އިދިކޮޅަށް ލިބުމާ އެކު ސަރުކާރުން ވަނީ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އާ އުސޫލުތަކެއް، ގާނޫނު އަސާސީގައި ނެތް ޝަރުތުތަކެއް ލައިގެން، ސުޕްރީމް ކޯޓު މެދުވެރިކޮށް އަމުރެއް ނެރެފަ އެވެ. އެ އަމުރު ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ބާތިލްކުރި ނަމަވެސް، މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުން ވަނީ އަމުރުގެ އެ ބަޔަށް އަމަލްކުރުން ފަސްކުރަން އަންގާފަ އެވެ.