05 މާޗް 2018 - 06:26

ބަތަލާއިންގެ މެދުގައި އަބަދުވެސް ވަރަށް ބޮޑު ވާދަވެރިކަމެއް އޮންނަ ބޮލީވުޑްގައި ކާމިޔާބު މީހަކަށްވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކު ބެލުންތެރިންގެ ލޯބި ލިބުނު ކާމިޔާބު މީހަކަށްވީ އަމިއްލަ އަށް ކުރި ބުރަ މަސައްކަތުން ކަމަށް މަޝްހޫރު ބަތަލާ ރާނި މުކަރްޖީ ބުނެފި އެވެ.
ރާނީއަކީ 2000ގެ އަހަރުތަކުން ފެށިގެން، ބޮލީވުޑްގައި އެންމެ ގިނަ ހުށަހެޅުންތައް އޮހެމުން އެންމެ ކާމިޔާބު އެއް ބަތަލާ އެވެ. ފިލްމް މެހެދީ (1996) އިން ބޮލީވުޑަށް ނުކުތް ބަތަލާ މަޝްހޫރުވެގެން ދިޔަ ފިލްމަކީ 1998 ގައި ޝާހްރުކް ހާނާއި ކާޖޮލްއާ އެކު ފިލްމް "ކުޗް ކުޗް ހޯތާ ހޭ" އިންނެވެ.
އޭގެ ފަހުން ފަސްބެލުމެއް ނެތި ރާނީ ވަނީ ބޮލީވުޑްގެ އެންމެ ނަން ހިނގާ ގިނަ ޑައިރެކްޓަރުންގެ ކާމިޔާބު ފިލްމްތައް ކުޅެފަ އެވެ. އޭގެ ތެރޭގައި ބްލެކް، ސާތިޔާ، ހަމްތުމް، ވީރް-ޒާރާ، ޗަލްތޭ ޗަލްތޭ އަދި ކަބީ އަލްވިދަ ނާ ކެހެނާ ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
އިންޑިއާގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެރިޔާ ޑައިރެކްޓަރު/ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާއާ ކައިވެނިކޮށްގެން އުޅޭ އަދި މި މަހުގެ 21 ގައި 40 އަހަރު ފުރޭ ރާނީ ބުނި ގޮތުގައި ލަނޑުދަނޑިއެއް އޮވެގެން މަސައްކަތްކޮށްފި ނަމަ ކާމިޔާބީއަކީ ހާސިލް ކުރެވިދާނެ އެއްޗެކެވެ.
ރާނީގެ ކެރިއަރުގައި ވައިއާރްއެފްގެ ގިނަ ފިލްމްތަކެއް ކުޅެފައިވާތީ، ވަރަށް ގިނަ ބަޔަކު ބުނާ ގޮތުގައި އޭނާ އަށް އެހާ މައްޗަށް ދެވުނީ އަދީގެ އަތެއް އޮވެގެންނެވެ. ނަމަވެސް ރާނީ އެކަމާ އެއްބަހެއް ނުވެ އެވެ.
"އަހަރެން ގަބޫލެއް ނުކުރަން އެކަމެއް. އަހަރެން ވައިއާރްއެފްގެ ފިލްމްތައް ކުޅުނީ އެއްވެސް މީހަކާ އޮތް ވަކި ކަހަލަ ގުޅުމެއްގެ ތެރެއިން ލިބުނު ފުރުސަތުތަކެއްގެ ތެރެއަކުން ނޫން. އަހަރެން ގަބޫލު ކުރަނި އަހަރެންގެ ކިބައިގައި އެކްޓް ކުރުމުގެ ހުނަރު ނެތް ނަމަ އެއްވެސް މީހަކު ފުރުސަތެއް ނުދޭނޭ،" މިހާރު ތިން އަހަރުގެ އަންހެން ދަރިއަކު ހުރި ބަތަލާ ބުންޏެވެ.
އަދީއާ ކައިވެނި ކުރި ފަހުން ވެސް ރާނީ ކުޅެފައި ވަނީ ވައިއާރްއެފްގެ ފިލްމްތަކެވެ. އެއީ 2014 ގައި ރިލީޒް ކުރި "މަރްދާނީ" އާއި މި މަހުގެ 23 ގައި ރިލީޒް ކުރާ "ހިޗްކީ" އެވެ.
ރާނީ ބުނީ އަދީއާ ކައިވެނިކޮށްގެން އުޅުނަސް، އޭނާގެ މަސައްކަތަކަށް ފިރިމީހާގެ އެއްވެސް ނުފޫޒެއް ނެތެވެ. އަދި ފިރިމީހާގެ މަސައްކަތްތަކާ އޭނާ ވެސް ނުބެހޭ ކަމަށް ބުންޏެވެ.
"އަހަރެން މިހިރީ އަދިވެސް އެހެން ސްޓޫޑިއޯތަކުގެ ފިލްމްތަކުގައި މަސައްކަތް ކުރަން ތައްޔާރަށް. އެކަމަށް ނެތް އެއްވެސް ހުރަހެއް،" އޭނާ ބުންޏެވެ. "ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓްތަކެއް ލިބޭ ނަމަ ގަބޫލު ކުރާނަން."
ހަތަރު އަހަރެއްހާ ދުވަސް ފަހުން ރާނީ އަނެއްކާ ވެސް އެނބުރި ބޮޑު ސްކްރީނަށް އަންނާތީ އޭނާގެ ފޭނުން ތިބީ ވަރަށް އުފަލުންނެވެ.