05 މާޗް 2018 - 10:32

މި އަހަރުގެ ބޮޑެތި ހުރިހާ އެވޯޑްތަކުގައި ވެސް އެންމެ ގިނަ ނޮމިނޭޝަން ހޯދި ފިލްމް "ދަ ޝޭޕް އޮފް ވޯޓާ" އަށް މިހާތަނަށް އެއްވެސް އެވޯޑް ހަފުލާއެއްގައި އެންމެ މޮޅު ފިލްމްގެ މަގާމު ނުލިބުނު ނަމަވެސް، ފިލްމީ ދާއިރާ އިން ލިބޭނެ އެންމެ ވަރުގަދަ އަދި އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އޮސްކާގެ އެންމެ މޮޅު ފިލްމްގެ އެވޯޑް ލިބިއްޖެ އެވެ.
ގްލިމޯ ޑެލް ޓޯރޯ ޑައިރެކްޓް ކުރި ފިލްމަށް އޮސްކާގެ 13 ނޮމިނޭޝަން ލިބުނު ނަމަވެސް، ދިފާއު ކުރެވުނީ ހަތަރު އެވޯޑެވެ. އެއީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި ބެސްޓް ސްކޯގެ އިތުރުން ބެސްޓް ޕްރޮޑަކްޝަން ޑިޒައިން އެވޯޑެވެ.
މި އަހަރުގެ އެންމެ މޮޅު ފިލްމްގެ ނަން އިއުލާންކުރީ މިދިޔަ އަހަރު މޮޅު ފިލްމްގެ ނަން ސްޓޭޖްމަތީގައި އޮޅުވާލައި، އެތައް ބަޔަކު ހައިރާންކޮށްލި އަދި ގިނަ ބަޔަކަށް ފަހުން މަޖާވި ދެ ފަންނާނުން ކަމަށްވާ ފޭއި ޑުނަވޭ އާއި ވެރެން ބީޓީ އެވެ. އެ ދެ މީހުން އެވޯޑް އިއުލާން ކުރުމަށް ސްޓޭޖަށް އައުމާ އެކީ މުޅި ޑޮލްބީ ތިއޭޓަރު ހުނުމުން ގުގުމައިލި އެވެ. އަދި ދެ މީހުން މި ފަހަރުކޮށްލާނީ ކޮން ކަހަލަ ސަމާސާއެއްތޯ ބަލައިލަން މުޅި ހޯލްތެރެ އޮތީ ފިސާރި ރަނގަޅަށް ބަލަ އެވެ.
ނަމަވެސް ވަރަށް ލާނެއް ހިނިތުންވުމެއްގައި ތިބެ މި ފަހަރުގެ އޮސްކާގެ މޮޅު ފިލްމަކީ "ދަ ޝޭޕް އޮފް ވޯޓާ" ކަން ވެރެން އިއުލާން ކުރުމާ އެކު، އެ ފިލްމްގެ ޑައިރެކްޓަރު ގްލިމޯއާ އެކު ޓީމް ސްޓޭޖަށް އެރި އެވެ. ގްލިމޯ ވަނީ ވެރެން އިއުލާން ކުރީ ހަމަ ރަނގަޅު ފިލްމްތޯ ޗެކް ކުރުމަށް ކާޑު ވެސް ބަލައި، އެންމެން ހެއްވާލައިފި އެވެ.
ނުވަދިހަ ވަނަ އޮސްކާ އެވޯޑްގެ މުހިއްމު އެހެން އެވޯޑްތަކަށް ބަލާ އިރު އެންމެ މޮޅު އެކްޓަރުގެ އެވޯޑް ފިލްމް "ޑާކެސްޓް އަވާ" އިން ގެރީ އޯލްޑްމަން ގެންދިޔަ އިރު، އެންމެ މޮޅު ބަތަލާއަކަށް ހޮވުނީ "ތުރީ ބިލްބޯޑްސް އައުޓްސައިޑް އެބިން، މިޒޯރީ" ގެ ބަތަލާ ފްރާންސެސް މެކްޑޯމަންޑް އެވެ. މި އަހަރު ގޯލްޑެން ގްލޯބާއި ބަފްޓާ ވެސް ހޯދީ އެ ދެ ތަރިންނެވެ.
އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑް "އައި، ޓޯނިޔާ" އިން އެލިސަން ޖެނީ އުފުލައިލި އިރު، އެންމެ މޮޅު ސަޕޯޓިން ބަތަލަކީ "ތުރީ ބިލްބޯޑްސް" ގެ ސޭމް ރޮކްވެ އެވެ.
އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑް ބިރުވެރި ފިލްމް "ގެޓް އައުޓް" ގެންދިޔަ އިރު، އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ އެވޯޑް ގެންދިޔައީ "ކޯލް މީ ބާއި ޔޯ ނޭމް" އެވެ.
މުހިއްމު އިތުރު މަގާމުތަކަށް ބަލާ އިރު އެންމެ މޮޅު ސިނަމޮޓޯގްރަފީގެ އެވޯޑް "ބްލޭޑްރަނާ 2049"، އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން އަށް "ފެންޓަމް ތުރެޑް"، އެންމެ މޮޅު އެނިމޭޓެޑް ފިލްމް އަދި އެންމެ މޮޅު ލަވައިގެ އެވޯޑް ގެންދިޔައީ ކޮކޯގެ "ރިމެމްބަ މީ" އެވެ.
ކްރިސްޓޯފާ ނޮލަންގެ ހަނގުރާމަތީ މަތީ ފިލްމް "ޑަންކާކް" ވަނީ މުހިއްމު ތިން އެވޯއް ހޯދައިފަ އެވެ. އެއީ އެންމެ މޮޅު އެޑިޓިން، ސައުންޑް އެޑިޓިން އަދި ސައުންޑް މިކްސިން އެވެ.
އެންމެ މޮޅު ފޮރިން ލެންގްއޭޖް ފިލްމްގެ އޮސްކާ ގެންދިޔައީ ޖަރުމަންގެ "އަ ފެންޓާސްޓިކް ވުމަން" އެވެ.
އޮސްކާ އެވޯޑް ހަފުލާ ހުށަހަޅައި ދިނީ ޖިމީ ކިމެލް އެވެ. އަދި އޮސްކާ ޕްރެންޒެންޓްކޮށް ދިނީ މަޝްހޫރު ގިނަ ފަންނާނުންނެވެ. ސްޓޭޖްމަތީގައި ބައެއް ފަންނާނުންގެ ހުށަހެޅުންތައް ދައްކާލައި، ހޮލީވުޑާ މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް ވަކިވެގެން ދިޔަ ގިނަ ފަންނާނުންތަކެއް ހަނދާންތައް ވެސް އާ ކުރި އެވެ. އެގޮތުން، ބޮލީވުޑްގެ ދެ ފަންނާނުން ކަމަށްވާ ޝަޝީ ކަޕޫރާއި ސްރީދޭވީގެ ހަނދާން އާކުރި އެވެ.