04 މާޗް 2018 - 06:28

ބުދަ ދުވަހާ ގުޅޭ
"ދަރިފުޅުގެ ޚަރަދަށް އެންމެ ލާރިއެއް ވެސް ނުދޭނަން." ކޯޓުގެ ދޮރުމަތިން ހުމޭރު އިންޒާރު ދިނެވެ.
އަހަރެން ގާތަށް އައީ ހިންޏެވެ. ހުމޭރު އަތުން ޚަރަދު އަތުލަން އުޅެނީ ކާކު ހެއްޔެވެ؟ އޭނަޔަށް ދެވޭނީ ކޯޗެއް ހެއްޔެވެ؟
"ތިހިރީ ހަމަ ރަނގަޅަށް ވެސް މޮޔަވެފަ. އަހަންނަށް ބުނެވުނުތަ ޚަރަދު ދެއްޗޭ؟" އަހަރެން ސުވާލު ކުރީމެވެ. "އަހަންނަށް ރަނގަޅީ ހުމޭރު އެއްވެސް ޚަރަދެއް ނުކުރިއްޔާ. ދަރިފުޅާ ބައްދަލުކުރަން ބޭނުމިއްޔާ އަހަންނަށް ގުޅާލާފަ އާދޭ. ކޮންމެ ވަގުތެއް ވެސް އޯކޭވާނެ."
ފައިސާގެ ބާރު ގެއްލުމުން ފިރިހެނުން ކިހާ ނިކަމެތިވާކަން އަހަންނަށް އެ ދުވަހު އިހުސާސް ކުރެވުނެވެ. ބަލި ގަބޫލުކޮށްފައި، ގޮތް ހުސްވެގެން ހުމޭރު ދިޔައީ އެވެ. އޭގެ ދެތިން ދުވަހެއް ފަހުން ދަރިފުޅު ގޮވައިގެން އަހަރެން ދިޔައީ ލަންކާ އަށެވެ. ދެ މަސް ކޮށްފައި ރާއްޖެ އަށް އެނބުރި އައީމެވެ. ގެއަށް ނުވަދެވެނީސް ހުމޭރު ގުޅި އެވެ. އަހަންނަށް ކަށަވަރެވެ. އޭނަ އިންނަނީ ކައިރީގައި ފޯނު ބާއްވައިގެން އަހަންނަށް ގުޅާލަގުޅާލަ އެވެ. ފޯނު ނެގުމުން ހުމޭރު އުޅުނީ ބޮޑު ޒުވާބެއް ފަށާށެވެ.
"މުޅި ލަންކާ ކުޑަކޮށްފަ މާލެ އާދެވިއްޖެ ދޯ؟" މަލާމާތުގެ ރާގެއްގައި ހުމޭރު ބުންޏެވެ.
"މަ ނުޖެހޭނެ ހުމޭރުގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް،" އަހަރެން ހަނދާން ކޮށްދިނީމެވެ. "އަހަންނަކީ މިހާރު ހުމޭރުގެ ވައިފެއް ނޫނޭ. އަހަންނާ ވާހަކަ ދައްކަން ހުމޭރު ބޭނުމިއްޔާ ތިމާގެ ސައިޒުގަ ހުރެގެން ވާހަކަ ދައްކާ. އޭރުން މަ ވެސް އަޑުއަހާނީ. ކޮއްކޮ ކުރިމަތީގަ އިރެއްގަ މަގޭ އަގު ވައްޓައިލިޔަސް މިހާރަކު އެހެނެއް ނުވާނެ."
އެއްޗެއް ނުބުނެ އިރުކޮޅަކު ހުރުމަށް ފަހު ފޯނު ކަނޑައިލި ގޮތަކަށް ދެނެއް ހުމޭރެއް ނުގުޅަ އެވެ. ދަރިފުޅު ދެކިލަން ހުމޭރަށް އާދެވޭ ކަމަށް ވަނީ މަހަކު އެއް ފަހަރު ނޫނީ ދެ ފަހަރު އެވެ. އަހަރެން އަޅައެއް ނުލަމެވެ. ހުމޭރާ މެދު އަހަރެން މާ ފޮނި އުންމީދެއް ނުކުރަމެވެ. އަހަރެންގެ މަންމަ ހުރީ ދަރިފުޅު ބަލައިދޭން ތައްޔާރަށެވެ. ވީމާ، އަހަރެން ވަޒީފާ އަކަށް ވަނީމެވެ. އާ ދިރިއުޅުމެއް ފެށީމެވެ.
ދަރިފުޅު ތަންކޮޅެއް ބޮޑުވުމުން މަންމަ ގާތުގައި ދަރިފުޅު ބަހައްޓައިފައި އަހަރެން ދިޔައީ ކިޔަވާށެވެ. ހުރިހައި ޚަރަދެއް ކުރީ ބައްޕަ އެވެ. ކިޔަވަން އުޅުމުގެ ތެރޭގައި އަސީލާ ދިމާވި އެވެ. އެއީ، އަހަރެން ގަޔާވާ ކަހަލަ ސިފަތަކެއް ހުރި ދިވެއްސެކެވެ. އޭނަ އަށް ވުރެ އަހަރެން ދިހަ އަހަރު ހަގެވެ. އަސީލަކީ ސައިކޮލަޖީގެ ރޮގުން މަތީ ތަޢުލީމު ހާސިލު ކުރާ ދަރިވަރެކެވެ. މެލޭޝިޔާގައި އަހަރެން ދެ އަހަރު ހުރީމެވެ. އަހަރެން މާލެ އަށް އެނބުރި އައީ އަހަރެން ބޭނުންވި ވަރަށް ކިޔަވައިގެން، އަސީލުގެ ހިތް ހިފައިގެންނެވެ. އަހަންނަށް އެނގުނު ގޮތުގައި ހުމޭރު އޭރު ރަށުން މީހަކާ އިނދެފި އެވެ.
އަސީލާއި އަހަންނާ ދެމެދުގައި އޮތީ ކުޅޭކުޅޭ ލޯބީގެ ގުޅުމެއް ނޫނެވެ. ޒިންމާދާރު، ހަރުދަނާ ގުޅުމެކެވެ. އަސީލަކީ ވަރަށް އޯގާތެރި މީހެކެވެ. އަހަރެން ރުއްސައިގެން ގެންގުޅެން އޭނަ އަށް އެނގެ އެވެ. އަހަރެންގެ ދަރިފުޅު ދެކެ ވެސް އަސީލު ލޯބިވެ އެވެ. ހީވަނީ އޭނަގެ ދަރިއެއް ހެންނެވެ. އަނެއްކޮޅުން އަސީލު މުއްސަންޖެވެ. އަމިއްލަ ގެދޮރު ހުއްޓެވެ. ކުރީ ފަހަރާ ޚިލާފަށް އަސީލާ އަހަރެން ކައިވެނިކުރީ ހަރުދަނާ ބިންގަލެއް ތައްޔާރުކޮށްފަ އެވެ. އަހަރެން ޚިޔާލީފޮލާއެއް ނުކައްކަމެވެ. އުދުހޭކަށް ނުވިސްނަމެވެ. އަސީލަކީ ޒިންމާދާރު، މުރާލި މީހެކެވެ. އަހަންނަށް އެނގެ އެވެ. އަހަރެންގެ މިޒާޖުގައި ކޫސަނި ކަންކަން ހުންނާނެ އެވެ. ބޭކާރު ކަންކަމާ އަހަރެން ކުސްތަޅާނެ އެވެ. އަހަރެން ހޯދީ އެ އަޑުތައް އަހާނެ މީހެކެވެ. އަހަރެން ރުއްސައިގެން ގެންގުޅެވޭނެ މީހެކެވެ. އަހަންނަށް ދިރިއުޅެން ދަސްކޮށްދެވޭނެ ކަހަލަ މީހެކެވެ.
އަހަރެއް މެދުކެނޑިފައި ހުމޭރު އައި ދުވަހެކެވެ. އޭނަ ފެނުމުން އަހަރެން ވަރަށް ގިނަ އެއްޗެހި ހިތަށް އެރި އެވެ. ޙަޤީޤަތުގައި ހުމޭރަކީ ގޯސް މީހެއް ނޫނެވެ. އޭނަޔާ އެކުގައި ވެސް އަހަރެންނަށް ރަނގަޅު ހަޔާތެއް ވެއަތު ކުރެވުނީހެވެ. މައްސަލަ އަކީ އަހަރެން މީހަކާ އިން އުމުރެވެ. އޭރު އަހަރެންގެ ވިސްނުން ހުރި ގޮތެވެ. މޮޔަ ޚިޔާލުތަކެވެ. ކަންކަމަށް ކެތްތެރިވާން ދަސްވެފައި ނެތުމެވެ. ހުވަފެނާއި ޙަޤީޤަތް ވަކިވާ ރޮނގު އަހަންނަށް ނުފެނުނީ އެވެ. ބައެއް ފަހަރު އަހަންނަށް އޮވެވޭ ގޮތަކުން އަހަރެންގެ ބޯކޮޅު އޮންނަނީ ހުވަފެނުގަ އެވެ. ޙަޤީޤަތަކާ ހަމައަށް ފޯރައިފައި އޮންނަނީ ފައިކޮޅު އެކަންޏެވެ. ދެބަދޭތެރެ އިން ނުކުންނަން އަހަންނަށް އެނގުނު ނަމަ ހުމޭރު ގާތުން ވަރިވާކަށް ނުޖެހުނީހެވެ. އެ ވާހަކަ ހުމޭރު ގާތުގައި އަހަރެން ބުނިން ވެސް މެ އެވެ. ހުމޭރު އެއްބަހެއް ނުވި އެވެ.
"ތި ކަހަލަ ޓޯއި ވިސްނުން ހުންނަ މީހަކާ އިނދެގެނެއް މަށަކަށް ނޫޅެވުނީސް،" ހުމޭރު ޖަވާބުގައި ބުންޏެވެ. "ދެން އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. ތި އުޅެން ބޭނުންވާ ގޮތަކަށް އުޅެވޭތޯ ބަލާ! އެކަމަކު އަހަރެންގެ ދަރިފުޅަށް ހަފޫގެ އުޅުން ދަސްކޮށް ނުދޭތި!"
"އެއީ އަހަރެންގެ ވެސް ދަރިއެއް،" އަހަރެން ބުނީމެވެ. "ހުމޭރަށް ވަރަށް އުނދަގޫ ދޯ ކަން އޮންނަ ގޮތަށް ބުނަން."
"އަދިވެސް ހަމަ އެ ގޮތް ދޫނުކުރުން." ހުމޭރު ބުންޏެވެ.
އެހާ ދުވަސް ވީއިރު އަހަރުމެންގެ ދެބަސްވުން ދެމިއޮންނާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. އެކަމަކު، އެ ކަމަށް ކުޑަ ވެސް ބަދަލެއް ނާދެ އެވެ.
"ކީއްކުރަން ގޮތް ދޫކުރަންވީ؟ ތިމަންނަގެ ދަރިއޭ ކިޔާފަ އަނގަ ހުޅުވައިލާއިރު ހުމޭރު ހަނދާން އެބަހުރިތަ ދަރިއެއް ހުރިކަން؟" އަހަރެން ބުނީމެވެ. "ދެނަހުރިންތަ ދަރިފުޅަށް ޚަރަދު ދިނުމަކީ ބައްޕަގެ ޒިންމާއެއްކަން؟"
"ބަލަ ހަފޫއެއްނު ބުނީ އަހަރެން ދޭ ޚަރަދެއް ބޭނުމެއް ނޫނޭ. ދެން މަ ކުށްވެރިކޮށްފަ ދަރިފުޅު ބޮލަށް ޗިޕު ޖަހާ! އޭރުން ހަފޫ ބޭނުން ކަންތައް ވީ! ދެން ދޮންބައްޕަ އަށް ބައްޕަ ކިޔުއްވީމަ ނިމުނީ. މަ ނުދެކެން ތިހާ ބޯހަރު މީހެއް."
"ދެން ދޭބަލަ މަށަށް ވުރެ ބޯމަޑު މީހެއް ގާތަށް. ކީއްކުރަން މި ގެ އަށް ތި އަންނަނީ؟" އަހަރެން ބުނީމެވެ.
ހުމޭރު ރުޅިއައިސްގެ ދިޔައީ އެވެ. ފޯނުން ގުޅިޔަސް ނުވަތަ ބައްދަލު ވިޔަސް އެ ނޫން ގޮތަކަށް ނުނިމެ އެވެ. އެ ދުވަހު އަސީލު ގެ އަށް އައުމުން އެ ހުރިހައި ވާހަކައެއް އަހަރެން ކިޔައިދިނީމެވެ. ހުމޭރު ރުޅިއައިސްގެން ދިޔަ ވާހަކަ ވެސް ބުނީމެވެ.
"އަސްލު ބުނަން ވާހަކައެއް،" އަސީލު ހިނިތުން ވެފައި ބުންޏެވެ. "އޭނަ އަކަށް ހަފޫއެއް ނުގެންގުޅެވޭނެ. ހަފޫ ގެންގުޅެވޭނީ އަހަންނަށް އެކަނި. ލާހިކެއް ނޫން މި ކަހަލަ ފިރިއަކު ހޯދާކަށް."
އަހަރެން ގާތަށް އައީ ލާނެތް ހިންޏެކެވެ. އަސީލު ބުނީ ތެދެކެވެ. އަސީލު ކަހަލަ ދެވަނަ ފިރިއަކު އަހަންނަކަށް ނުލިބޭނެ އެވެ. އަހަންނަކީ ގޭގައި ކައްކާ މީހެއް ނޫނެވެ. ކައްކަން ދަންނަ މީހެއް ވެސް ނޫނެވެ. ގޭތެރޭގެ ހުރިހައި ކަމެއް ކުރަން މީހަކު ގެނެސްފައި ހުރެ އެވެ. ދޮވެއިސްތިރި ކުރަނީ ވެސް އެ މީހާ އެވެ. އަހަރެން އެއްވެސް ކަމެއް ނުކުރަމެވެ. އެކަމަކު އަސީލުގެ ލޯތްބަކަށް ބަދަލެއް ނާދެ އެވެ. ބައެއް ދުވަސްދުވަހު އޭނަ ހޮސްޕިޓަލުން ގެއަށް ވަންނަތަނާ އަހަރެން ދެފައި ތަޅައިގެންފައި ޕިއްޒާ ނޫނީ ނުކާން ގަދަ ހަދައިލަމެވެ. ވަގުތުން އަސީލު ނުކުމެގެން ގޮސް އަހަރެން ބުނި ތާކުން އަހަންނަށް ޕިއްޒާ ގަނެގެން ގެނެސްދެ އެވެ. އެ ލޯބީގައި އެއްވެސް ޝަރުތެއް ނެތެވެ. ޝަކުވާއެއް ނެތެވެ. ދަންވަރު ހޭލައިފައި ވަކި އެއްޗެއް ކާން ބޮޑާހާކައިލިޔަސް، އެ އެއްޗެއް ހޯދަން އަސީލު ނުކުމެ އެވެ. ފަހަރެއްގައި ތަންތަން ލައްޕައިފައި ހުރެގެން އެ އެއްޗެއް ގަންނަން ނުލިބުން އެއީ އެހެން ކަމެކެވެ. ދެން އެއާ އެންމެ ގާތްކުރާ އެއްޗެއް ނަމަވެސް ހިފައިގެން ނޫނީ އަސީލު ގެއަކަށް ނުވަންނާނެ އެވެ. ހެނދުނު ހޭލައިފައި އަހަރެން އެނދަކުން ނުތެދުވާނަމޭ ބުނެފިއްޔާ އެއީ ކީއްވެތޯ އަސީލު ސުވާލެއް ނުކުރާނެ އެވެ. ބަދަލުގައި އޭނަ ބަލާނީ އަހަރެން އެނދުގައި ބާއްވައިގެން ހުރިހައި ކަމެއް ކޮށްދެވޭތޯ އެވެ. ވަޒީފާގެ ގޮތުން ބައެއް ދުވަސްދުވަހު ހެނދުނު އަހަރެން ގެއިން ނުކުންނަ ގޮތަށް އިރުއޮއްސޭއިރު ވެސް ގެއަކަށް ނުވަދެވެ އެވެ. އަހަރެން އިނީ ކައިގެންތޯ އަސީލު ބަލާނެ އެވެ. އެ ވަރަކުން ނުފުދޭނެ އެވެ. ހުރި ތާކަށް ބުނި އެއްޗެއް ގެނެސްދޭނެ އެވެ. އަނެއްކޮޅުން އަހަރެންގެ މަންމަ އާއި ބައްޕަ އަށް އަސީލު ވަރަށް އިޙުތިރާމު ކުރެ އެވެ. ކިޔަމަންތެރިކަމާ އެކުގައި ހުއްޓިލައިގެން ހުންނައިރު ހީވާނީ އަސީލަކީ އަހަރެންގެ ބައްޕަގެ ދަރިއެއް ހެންނެވެ. ބައްޕަ ގޭތެރޭގައި އުޅެންޏާ ބާރަށް ހޭން ވެސް އަސީލު ބޭނުމެއް ނުވާނެ އެވެ. އަހަރެންގެ ދަރިފުޅާ އަސީލު ވާހަކަ ދައްކަނީ ވެސް ވަރަށް އޯގާތެރިކޮށެވެ. ދުވަހަކު ވެސް ބާރަށް އެއްޗެއް ނުބުނެ އެވެ. ދަރިފުޅުގެ ބައްޕަ އަކީ ހުމޭރުކަން ދަރިފުޅަކަށް އަހަރެން ސިއްރެއް ނުކުރަމެވެ. ދަރިފުޅާއި އަހަންނާ ދޭތެރޭ ޖެހޭ ކުދިކުދި މައްސަލަތައް ޙައްލު ކޮށްދެނީ ވެސް އަސީލެވެ. ސައިކޮލޮޖީ ކިޔަވައިފައި ހުރުމުން އަސީލު އެ ކަމަށް ވަރަށް ކުޅަދާނަ އެވެ. އަސީލު ދެކެ ލޯބިވާ ވަރުން އަސީލަށް ދަރިފުޅު ކިޔަނީ ބައްޕަ އެވެ. އަހަރެންގެ މުޅި ޢާއިލާ އަށް އަސީލު ކަމޭހިތަނީ އަހަންނަށް ޓަކައެވެ. އަހަރެން ލޯބި ކިޔަނީ އެ އަށެވެ. އަސީލު ހާދަހާ ހެވޭ އަބަދާއަބަދަކު އަހަރެން ނުއެއް ކިޔަމެވެ. އެކަމަކު އަހަރެން އެ ކަން ދަންނަމެވެ. ވަރަށް އުފާވެ އެވެ. ޝުކުރުވެރި ވެސް ވަމެވެ. އުފެދޭ ސުވާލަކީ އަސީލު އުޅެނީ އުފަލުގައި ހެއްޔެވެ؟ އާނއެކެވެ. ނޫން ނަމަ އަހަންނާ އިނދެގެން އުޅުމަކީ އަސީލަށް މަޖުބޫރު ކަމެއް ނޫނެވެ.
އިންނަ މީހާގެ ގެދޮރު ހުރިތޯ ބަލަންޖެހެ އެވެ. ލޯބި ހަނާކޮށްގެނެއް ނުކެވޭނެ އެވެ. ކެއުންބުއިމާ ދޭތެރޭގައި ވިސްނަން ޖެހޭނެ އެވެ. ހަޔާތުގެ ބައިވެރިޔާ އަށް ލިބޭ މުސާރަ އެނގެން ޖެހޭނެ އެވެ. އަތްމަތި ދަތިވާ ވަރަކަށް މައްސަލަތައް ފެންމަތި ވާނެ އެވެ. ތަޢުލީމީ ގޮތުން އެކަށީގެންވާ ފެންވަރެއް ދެމަފިރިންގެ ވެސް ހުންނަން ޖެހޭނެ އެވެ. ހުރިހައި ކަމަކަށް ވެސް ވިސްނަން ޖެހޭނެ އެވެ. ފިލްމުތަކާއި ވާހަކަތަކުން އެ ފެންނަނީ ޙަޤީޤަތެއް ނޫނެވެ. ހަޔާތުގައި އޮންނަނީ ދޮޅުގަޑިއިރެއް ނޫނެވެ. ރެޔަކާއި ދުވާލު އެކަނި ވެސް ސައުވީސް ގަޑިއިރު އޮންނާނެ އެވެ. އެއީ ވަރަށް ގިނަ ވަގުތެވެ. ވަރަށް ގިނަ މައްސަލަ އެވެ. ވަރަށް ގިނަ ޙައްލު ވެސް ހޯދަން އެނގެން ޖެހޭނެ އެވެ. ފުލޯކު ބިންގަލެއް މަތީގައި އާރާސްތު ކުރެވެނީ ފުލޯކު ހަޔާތެއްކަން މިހާރު ވިސްނެ އެވެ.--- ނިމުނީ