އީގަލްސް އާއި ވެލެންސިއާގެ މެޗު ހަމަހަމަ
އީގަލްސް އާއި ވެލެންސިއާގެ މެޗު ހަމަހަމަ

އެސްޓީއޯ މާލޭ ލީގުގައި މިރޭ ފޯރިގަދަ މެޗަކަށް ފަހު ކްލަބް ވެލެންސިއާ އާއި ކްލަބް އީގަލްސް 3-3 އިން އެއްވަރުވެއްޖެ އެވެ.

ވެލެންސިއާ އިން ތިން ފަހަރެއްގެ މަތިން ލީޑު ނެގި މި މެޗުގައި އީގަލްސް ބަލިނުވެ ސަލާމަތްކޮށްދިނީ ހެޓްރިކް ހެދި ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯ އެވެ.

މިރޭގެ މެޗާ އެކު ލީގުގެ ދެ ވަނަ ހަފުތާގެ ކުޅުން ނިމިފައިވާއިރު ހަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ޔުނައިޓެޑް ވިކްޓަރީ އެވެ. ނިއު ރޭޑިއަންޓް އޮތީ ހަ ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އީގަލްސް ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ހަތަރު ވަނައިގައި އޮތީ ދެ ޕޮއިންޓާ އެކު ކްލަބް ގްރީންސްޓްރީޓްސް އެވެ. ޓީސީ، މާޒިޔާ އަދި ވެލެންސިއާ އަށް އެއް ޕޮއިންޓް ލިބިފައިވާއިރު ވިކްޓަރީ އަށް ޕޮއިންޓެއް ނުލިބެ އެވެ.

މިރޭގެ މެޗުގެ ހަ ވަނަ މިނެޓުގައި އީގަލްސްގެ އެޑުއާޑޯ ލަނޑެއް ޖެހުމާ ގާތަށް ދިޔަ އެވެ. އޭރިއާ ތެރެއިން އެޑުއާޑޯ އަށް ލިބުނު ބޯޅަ ވެލެންސިއާގެ ޑިފެންޑަރެއް ކައިރިން ނައްޓާފައި ޖެހުމުން އެ ޓީމުގެ ގޯލްކީޕަރު ޖުން ކޮޗީ މަތަކުރި އެވެ.

ޖެހިގެން އައި މިނެޓުގައި ވެލެންސިއާ އިން ލީޑު ނެގި އެވެ. އެ ޓީމުގެ ޔޫކްރޭން މިޑްފީލްޑަރު ވަލޭރީ ރިޝިން ދިން ބޯޅަ އޭރިއާ ތެރެއިން ހަނި އޭންގަލުން ގޯލަށް ވައްދާލީ ޔޫކްރޭން ފޯވާޑް ސަރްގޭއި ޑްރިގާ އެވެ.

އޭގެ ފަހުން އީގަލްސް އަށް އެއްވަރުކުރަން ރަނުގެ ތިން ފުރުސަތެއް ލިބި ބޭކާރުވި އެވެ. ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ އެޑުއާޑޯ އަތުން ބޭކާރުވިއިރު އިބްރާހިމް މުބީން (މުއްކި) އޭރިއާ ތެރެއިން ހުހަށް ހުރެ ޖެހި ބޯޅަ ކީޕަރު ބްލޮކްކުރީ އެވެ. އެ ބޯޅަ އަލުން މުހައްމަދު އާރިފް (ބަކާ) އަށް ފޮނުވާލުމުން ޖެހުނީ އަރިމަތީ ދަނޑީގަ އެވެ. އޭގެ ފަހުން މުހައްމަދު ނާއިމް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ އަތުން ބޯޅަ ގެއްލުނީ އެވެ.

އެންމެ ފަހުން އީގަލްސް އަށް އެޑުއާޑޯ އެއްވަރުކޮށްދިނީ 42 ވަނަ މިނެޓުގަ އެވެ. އަހުމަދު ޒާދު ދިން ބޯޅަ އޭރިއާ ތެރެއިން އޭނާ ގޯލަށް ވައްދާލީ ވެލެންސިއާ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު ވަގުތުގެ ކޮޅުގެ ތެރޭގައި މަހްރޫސް މުޖުތަބާ ވަނީ ވެލެންސިއާ އަށް އަލުން ލީޑު ނަގައިދީފަ އެވެ. އޭރިއާ ތެރެއިން އޭނާ އަށް ލިބުނު ބޯޅަ ޖެހުމުން ގޯލަށް ވަނީ އީގަލްސްގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަން ޕެރޭރާ ބޯމަތިންނެވެ.

ދެ ވަނަ ހާފު ފަށައިގެން އީގަލްސް އަށް ދެ ވަނަ ފަހަރަށް އެޑުއާޑޯ އެއްވަރުކޮށްދިނީ 58 ވަނަ މިނެޓުގަ އެވެ. އަދި ވެލެންސިއާ އަށް ތިން ވަނަ ފަހަރަށް ލީޑު ނަގައިދިނީ އީގަލްސްގެ ކުރީގެ ކުޅުންތެރިޔާ އަންސަރު އިބްރާހިމް (އަންކޮ) އެވެ. އޭރިއާ ތެރެއަށް ބޯޅައާ އެކު ވަދެ އޭނާ ގޯލް ޖެހީ އީގަލްސްގެ ހައިޝަމް ހަސަނާއި ކީޕަރު ސުޖަން ކައިރިން ދެމި ގަތުމަށް ފަހު އެވެ.

ވެލެންސިއާ މޮޅުވާން ދަނިކޮށް އީގަލްސް އިން އެއްވަރުކުރީ 86 ވަނަ މިނެޓުގައި އެޑުއާޑޯ ވައްދާލީ ހިތްގައިމު ގޯލުންނެވެ. އޭރިއާ ބޭރުން ޖަހައި އޭނާ ބޯޅަ ވައްދާލީ ވެލެންސިއާ ކީޕަރު ބޯމަތިން ޖަހައި ގޯލުގެ ކަނަށެވެ.

ވެލެންސިއާގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ މޮޅުނުވިޔަސް ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ.

"އަޅުގަނޑު އެންމެ ހިތްހަމަޖެހޭ ކަމަކީ އަދި މޮޅުނުވިޔަސް މަސައްކަތްކޮށްފައި ގެޔަށް ދިޔުން. މިރޭ ސަޕޯޓަރުންނަށް ވެސް އެނގޭނެ ކުޅުންތެރިން ވަރަށް ބޮޑަށް އެފަޓްލައިފިކަން. އެކަމަކު އަދި ޑިފެންސް ލައިނުން ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި،" ސޮބާ ބުންޏެވެ.

އޭނާ ވަނީ މިރޭގެ މެޗުގެ ރެފްރީ ނިއުޝާދު މުހައްމަދަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. މިދިޔަ އަހަރު ސޮބާ ކޯޗުކޮށްދިން ގްރީންސްޓްރީޓްސް މެޗެއްގައި ވެސް އޭނާއާ މެދު ހިތްހަމަނުޖެހިގެން އެ ޓީމުގެ ކުޅުންތެރިން ދަނޑުން ފޭބި އެވެ. އަދި އެފްއޭއެމުން ނިއުޝާދު ވަގުތީ ގޮތުން ސަސްޕެންޑް ވެސް ކުރި އެވެ.

ސޮބާ ބުނީ ޓީމުން މެޗަށް އަންނަނީ ދެއިރު މަސައްކަތްކޮށްފައި ކަމަށާއި އެކަމަކު އެކަމަކު ރެފްރީ މި ފެންނަނީ ސެންޓަ ސާކަލްގެ ތެރޭގައި ހިނގާލަ ހިނގާލާ ހުންނަ މަންޒަރު ކަމަށެވެ. އަދި ކްލަބްތަކުން ކުރާ މަސައްކަތް އެންމެ މީހެއްގެ ސަބަބުން ފެނަށް ވެގެން ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ސޮބާ ބުންޏެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ކުޅުމާ މެދު ހިތްހަމަޖެހުނަސް ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ކަމަށާއި އޭނާގެ ޓީމުން ކުޅުނު ކުޅުމާ ބަލާއިރު މިއީ މޮޅުވާން ޖެހޭ މެޗެއް ކަމަށެވެ.

"ރީތި ކުޅުމެއް ކުޅުނު. ބޯޅަ ނުޖަހައި ޕާސްކޮށްގެން. އެއީ ވެސް އީގަލްސްގެ މަގުސަދެއް. ދެން އެބަޖެހޭ ޑިފެންސް ލައިން އަދި ވެސް އޯގަނައިޒްކޮށްލަން. އެއީ ކޮޅަށް ދިޔަ ތިން ބޯޅައިން ވެސް ގޯލް ވަދެފައި މިހިރީ،" މޯހަން ބުންޏެވެ. "ތިން ގޯލް ވެސް ފަހަތުން އަރައި ޖެހުމަކީ ޕޮޒިޓިވްކަމެއް. އޭގެ މާނައަކީ ހިތްވަރު ހުއްޓޭ ކުޅުންތެރިންގެ. އެކަމަކު މިއީ މޮޅުވެވެން ޖެހޭ މެޗެއް."