ޕޮމިސް ކަޕް ނުބާއްވައި، ސީޒަން އަވަހަށް ފަށަނީ
ޕޮމިސް ކަޕް ނުބާއްވައި، ސީޒަން އަވަހަށް ފަށަނީ

ސަރަހައްދީ ބައެއް ގައުމުތަކުގެ ގައުމީ ޓީމުތައް ބައިވެރިކޮށްގެން މި އަހަރުގެ ފަހުކޮޅު ބާއްވަން ތާވަލްކޮށްފައިވާ ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް (ޕޮމިސް ކަޕް) ނުބާއްވައި، އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން އަވަހަށް ފަށަން އެފްއޭއެމުން ނިންމައިފި އެވެ.

އިއްޔެ ބޭއްވި އެ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ ވިސްނުމަކީ ވީހާ ވެސް އަވަހަކަށް ސީޒަން ފެށުން ކަމަށާއި އެހެންވެ މި އަހަރު ފަހުކޮޅު އިތުރު މުބާރާތެއް ނުބާއްވަން ނިންމީ ކަމަށެވެ.

"އަންނަ ސީޒަން ވީހާ ވެސް އަވަހަކަށް ފެށުމަށްޓަކައި އެގޮތަށް ނިންމީ،" ތޯރިގް ވިދާޅުވި އެވެ.

ރާއްޖޭގެ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގު އާއްމުކޮށް ފަށާނީ މާޗު ނުވަތަ އޭޕްރިލް މަހު އެވެ. އޭގެ ސަބަބުން ފެބްރުއަރީ މަހު ފަށާ އޭއެފްސީ ކަޕުގައި ކްލަބްތައް ވާދަކުރަން ޖެހެނީ ވާދަވެރި މެޗެއް ނުކުޅެ އެވެ.

އޭއެފްސީ ކަޕް ފަށާތާ އެތައް ދުވަހެއް ފަހުން ރާއްޖޭގެ ސީޒަން ފެށުމުން، ސީޒަން ދިގުލައިގެން ގޮސް ކްލަބްތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް އަންނަނީ ވަމުންނެވެ. އަދި ގައުމީ ޓީމުގެ މުބާރާތްތަކަށް ވެސް އެކަށީގެންވާ ވަގުތެއް ނުލިބެ އެވެ. މި އަހަރު ވެސް ލަހުން ސީޒަން ފަށައި އަދި ލީގުގެ ކުރީކޮޅު ބޮޑު ބްރޭކެއް އައުމުގެ ސަބަބުން ޖޫން ޓްރާންސްފާ މުއްދަތު ޖެހުނުއިރު ލީގުގައި ކުޅެވިފައި ވަނީ އެންމެ ބުރެކެވެ. ސީޒަނުގެ މެދުތެރެއިން އަންނަ ޖެހޭ ޓްރާންސްފާ މުއްދަތު އައިއިރު، ލީގުގެ ބާކީ ދެ ބުރާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް އޮތީ ނުކުޅެ އެވެ.

ޕޮމިސް ކަޕަކީ 1987 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް ބޭރުގެ ކްލަބްތަކަށް ދައުވަތު ދީގެން ރާއްޖޭގެ ގަދަ ހަތަރު ކްލަބުގެ މެދުގައި ބާއްވަމުން އައި ކާމިޔާބު މުބާރާތެކެވެ. އެ މުބާރާތް މިދިޔަ އަހަރު އަލުން ފަށަން ނިންމި ނަމަވެސް ފަހުން އެ މުބާރާތް ބޭއްވީ ޕީޕަލްސް ކަޕުގެ ނަމުގަ އެވެ. އަދި އެފްއޭއެމުން ނިންމީ ގައުމީ ޓީމުތައް ވާދަކުރާ މުބާރާތެއްގެ ގޮތުގައި ޕޮމިސް ކަޕް ބޭއްވުމަށެވެ. އެކަމަކު ޝެޑިއުލް ތާށިވުމުގެ ސަބަބުން އެ މުބާރާތް މި އަހަރަށް ފަސްކުރީ އެވެ.