ބީރުވުމުގެ ނުރައްކާ އެތައް ބަޔަކަށް
ބީރުވުމުގެ ނުރައްކާ އެތައް ބަޔަކަށް

ބީރުވުމުގެ ނުރައްކާ ވަރަށް ގިނަ މީހުންނަށް އެބަ އޮތް ކަމަށާއި މި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވިއްޖެ ނަމަ، 2050 ވަނަ އަހަރު އަންނައިރު 900 މިލިއަނަށް ވުރެ ގިނަ މީހުން ބީރުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ބުނެފި އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ދިމާކޮށް ޑަބްލިޔު.އެޗް.އޯ އިން އިއްޔެ ބުނީ މިހާރުވެސް، އިވުމުން މަހުރޫމުވެފައިވާ 466 މިލިއަން މީހުން ދުނިޔޭގައި އެބަތިބި ކަމަށެވެ. އަދި 2050 ވަނަ އަހަރު އަންނައިރު ކޮންމެ 10 މީހަކުން އެކަކީ މި މައްސަލަ ދިމާވެފައިވާ މީހަކަށް ވެދާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

ސިއްހަތު ޖަމިއްޔާއިން ލަފާކުރާ ގޮތުގައި، އިވުމުން މަހުރޫމުވާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ގައުމުތަކުގެ އުފެއްދުންތެރިކަން ދަށްވެ 750 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިވެދާނެ އެވެ.

ކުރިއަށް އޮތް ތަނުގައި މި މައްސަލަ ބޮޑުވާނެ ކަަމަށް ލަފާކުރަނީ އާބާދީ އިތުރުވެ، އުމުރުން ދުވަސްވީ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެގެން ދާނެތީ އެވެ. ލަފާކުރެވޭ ގޮތުގައި، 2050 ވަނަ އަހަރު އަންނައިރު ދުނިޔޭގެ އާބާދީ ނުވަ ބިލިއަނަށް އަރާނެ އެވެ.

ޑަބްލިޔު.އެޗް.އޯ އިން ބުނީ އިވުމުގެ މައްސަލަ ބޮޑުވާނީ، އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑުވުމުގެ ސަބަބުން ކަމަށް ވިޔަސް މިއީ ހައްލު ނުކުރެވޭނެ މައްސަލައެއް ނޫން ކަމަށެވެ. އެގޮތުން، ކަންފަތުގެ އެކި އިންފެކްޝަންތަކާއި ބަލިތަކުން ސަލާމަތްވެ ތިބުމަށް ކުރަންޖެހޭ ކަންކަން ކުރުން މުހިންމުކަން ވަނީ ފާހަގަކޮށްފަ އެވެ.