03 މާޗް 2018 - 20:23

ގާހިރާ (މާޗް 3) - މިސްރުގެ ސަލާމަތީ ފަރާތްތަކުން އަންހެން ދަރިފުޅަށް އަނިޔާދިން ވާހަކަތައް ބީބީސީ އަށް ކިޔައިދިން މަންމަ ހައްޔަރުކޮށްފި އެވެ.
މިސްރުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ސުވާލު ކުރުމުގެ ގޮތުން އެ އަންހެން މީހާ 15 ދުވަހަށް ހައްޔަރު ކުރީ ދޮގު މައުލޫމާތު ފެތުރިކަމުގެ ތުހުމަތުގައި ކަމަށެވެ.
ބީބީސީން މިދިޔަ ހަފުތާގައި ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ޚަބަރެއ ނުވާ އަންހެން ކުއްޖެއް ކަމަށްވާ ޒުބެއިދާއާ ބެހޭ މައުލޫމާތު އޭނާގެ މަންމައާ ހަވާލާދީ ގެނެސްދީފަ އެވެ. އެކަމަކު މިދިޔަ ހޯމަ ދުވަހު ޒުބެއިދާ ވަނީ މިސްރު ޓީވީގެ ޓޯކް ޝޯއަކަށް އަރާ އޭނާ އަށް އަނިޔާ ނުކުރާ ކަމަށް ބުނެފަ އެވެ. ޒުބެއިދާގެ މަންމަ ފަހުން ބުނެފައި ވަނީ އޭނާގެ ދަރިފުޅު ޓީވީ އަށް އަރުވާފައި ވަނީ ބިރު ދައްކައިގެން ކަމަށެވެ.
މިސްރުގެ ސްޓޭޓް އިންފޮމޭޝަން ސާވިސް އިން ވަނީ ބީބީސީގެ ރިޕޯޓުގައި ވަނީ ދޮގު ވާހަކަތައް ކަމަށާއި އެހެންވެ ބީބީސީން މައާފަށް އެދުމަށް ގޮވާލައިފަ އެވެ. ބީބީސީން ބުނެފައި ވަނީ ރިޕޯޓިން ޓީމާ މެދު ފުރިހަމަ އިތުބާރު އޮންނަ ކަމަށާއި އެ މައްސަލައާ ގުޅޭ ގޮތުން މިސްރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރާނެ ކަމަށެވެ.
މިސްރު ސަރުކާރުގެ އަލް އަހްރާމް ނޫހުން ބުނެފައި ވަނީ ޒުބެއިދާގެ މަންމަ ވަނީ ގައުމީ މަސްލަހަތު ގެއްލޭފަދަ ވާހަކަތައް ފަތުރާފައި ކަމަށެވެ.