ސެލްފީ ރީތިވާނީ ނޭފަތް ފޮރުވައިގެން
ސެލްފީ ރީތިވާނީ ނޭފަތް ފޮރުވައިގެން

ސެލްފީއެއް ނަގަން އުޅޭ މީހަކު އެކި ގޮތްގޮތަށް އެނބުރި، މޫނަށް ވައްތަރުޖައްސަނިކޮށް ފެނުނަސް އެއްޗެކޭ ހީނުކުރާށެވެ. ސެލްފީއާ ބެހޭ ގޮތުން ކުރި ދިރާސާއަކުން ދައްކަނީ ރީތި ސެލްފީއެއް ނެގުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ސަބަބެއް ކަމަށް ވާނީ ނޭފަތެވެ.

ރަޓްޖާސް ނިއު ޖާޒީ މެޑިކަލް ސްކޫލްގެ އޮޓޮލަރިނޮލޮޖީ ޑިޕާޓްމަންޓުން ކުރި ދިރާސާއަކުން ދައްކަނީ އެއް ފޫޓު ދުރުމިނުގައި ފޯނު ބަހައްޓައިގެން ސެލްފީއެއް ނަގައިފި ނަމަ އެ މީހެއްގެ ނޭފަތް ސެލްފީން ފެންނާނީ މޫނުގެ ޕްރޮޕޯޝަނާ ނުގުޅޭ ވަރު ބޮޑުކޮށް ކަމަށެވެ. ދިރާސާއިން ދެއްކީ ފިރިހެނެއްގެ ނަމަ 30 ޕަސެންޓަށް އަދި އަންހެނެއްގެ ނަމަ 29 ޕަސެންޓަށް ނޭފަތް ބޮޑުކޮށް ފެންނަ ކަމަށެވެ.

މިއީ ސެލްފީން މީހާގެ ސިފަ ގެއްލޭ ބޮޑު ސަބަބެއްގެ ގޮތުގައި ވަނީ ފާހަގަވެފަ އެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެނގުނީ ސެލްފީން މީހާ ފެންނަ ގޮތަށް ވުރެ އަސްލު ފެންނައިރު ރީތިކަމެވެ. މިއީ ދިރާސާކުރި ޓީމުން ވެސް ޔަގީންކޮށްދޭން ބޭނުންވި ކަންތަކެވެ. އެ ޓީމުން ބުނީ ސެލްފީއަކީ ހަގީގީ ސިފަ ނޫން ކަމާއި އެ މީހެއްގެ އަމިއްލަ ސިފަ ސެލްފީއަކަށް ވުރެ ފުރިހަމަވާނެކަން ސާބިތުވާ ކަމަށެވެ.

"ފޯނު ހިއްލާލުމަށް ފަހު ފަސޭހައިން ފޮޓޯއެއް ނެގުނަސް ހަގީގަތުގައި ސެލްފީގައި އެ ފެންނަނީ މޫނުގެ ބައްޓަން އޮޅުންބޮޅުންވެފައި ހުއްޓާ. ހާއްސަކޮށް، ނޭފަތާއި އެ ހިސާބުގެ ސިފަ ވަރަށް ބޮޑަށް ބަދަލުވޭ،" ރިސާޗަރުން ބުނެފައިވެ އެވެ.

އެކަމަކު ފަސް ފޫޓު ދުރުން ސެލްފީއެއް ނަގައިފި ނަމަ މީހާގެ މޫނުގެ ސިފަ ފެންނާނީ ހަމަ އަސްލު ވެސް ހުންނަ ގޮތާ ވަރަށް އެއްގޮތަށް ކަމަށް ދިރާސާއިން ދެއްކި އެވެ.

މި ދިރާސާގެ ރިޕޯޓް ރިޕޯޓް މާޗް 1 ގެ ޖަމާ ފޭޝަލް ޕްލާސްޓިކް ސާޖަރީގައި ވަނީ ޝާއިއުކޮށްފަ އެވެ.