03 މާޗް 2018 - 20:03

ބްރެޓިސްލާވާ (މާޗް 3) - ސްލޮވާކިއާގެ ތަހުގީގީ ނޫސްވެރިޔާ ޖޭން ކުސިއަކްގެ މަރާ ގުޅިގެން ހައްޔަރު ކުރި ހަތް މީހުން ވެސް ފުލުހުން ދޫކޮށްލައިފި އެވެ.
ކޮރަޕްޝަނުގެ މައްޗަށް ލިޔަމުން ދިޔަ ނޫސްވެރިޔާ އާއި އޭނާގެ ލޯބިވެރިޔާ މަރާލާފައި އޮއްވާ ފެނިފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ބަޑިޖަހާ ދެ މީހުން ވެސް މަރާލާފައި ވަނީ އެ މީހުންގެ ގޭގަ އެވެ. އެ ދެ މީހުން ވަނީ މެއި މަހު ކައިވެނި ކުރަން ނިންމައިފަ އެވެ.
ނޫސްވެރިޔާގެ މަރާ ގުޅިގެން ސްލޮވާކިއާ އަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ. އެކަމާ އިހްތިޖާޖް ކުރުމުގެ ގޮތުން 25 ސިޓީގައި ވަނީ އެއްވުންތައް ބާއްވައިފަ އެވެ.
ކުސިއަކް، 27، ލިޔަމުން ދިޔައީ އިޓަލީގެ މާފިއާ ގްރޫޕަކާއި ސްކޮވާކިޔާގެ ސިޔާސީ ބަޔަކު ގުޅިގެން ހިންގަމުން ދިޔަ ކޮރަޕްޝަނުގެ ވާހަކަތަކެވެ. މިއީ ސްލޮވާކިއާގެ ތާރީޚުގައި ވެސް ނޫސްވެރިއަކު މަރާލި ފުރަތަމަ ފަހަރެވެ.
ފުލުހުން ބުނީ ނޫސްވެރިޔާގެ މަރާ ގުޅިގެން ހައްޔަރު ކުރި ހަތް މީހުން ވެސް ދޫކޮށްލީ އެ މީހުންގެ މައްޗަށް އެކަށީގެންވާ ހެކި ނެތުމުން ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރޭން އެކަކީ ބޮޑު ވަޒީރު ރޮބަޓް ފިކޯއާ ގާތް އޮފިޝަލުންނާ އެކު ވިޔަފާރި ކުރަމުންދިޔަ އިޓަލީ މީހެކެވެ.
ނޫސްވެރިޔާ ކުސިއަކްގެ މަރާ ގުޅޭ މައުލޫމާތު ފޯރުކޮށް ދިން ފަރާތަކަށް އެއް މިލިއަން ޔޫރޯ (1.2 މިލިއަން ޑޮލަރު) ގެ އިނާމެއް ދޭނެ ކަމަށް ބޮޑު ވަޒީރު ފިކޯ ވަނީ އިއުލާން ކުރައްވައިފަ އެވެ.