ފާރިސަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ
ފާރިސަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވައިލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

ޝަހްސު އޮޅުވައިލުމުގެ ދައުވާ ފާރިސްގެ މައްޗަށް ކުރަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި މާދަމާ ބާއްވާ އަޑުއެހުމުގައި އޮންނާނީ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ތެރެއިން ހެކިބަސް ނަގާނެ ހެކިވެރިންނާ ބެހޭ ގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމެވެ. އެ މައްސަލައިގައި ފާރިސްގެ ފަރާތުން 47 މީހަކު ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

ޝަހްސު އޮޅުވައިލުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވާ އިރު، މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި ފާރިސް މި ވަގުތު ވެސް ހުންނެވީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި ފާރިސް އެއް ފަހަރު ދޫކޮށްލާފައި ވަނިކޮށް، އޭގެ ދެތިން ދުވަސް ފަހުން އަނެއްކާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި ފާރިސްގެ މައްޗަށް އުފުލާފައިިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.

ފާރިސްގެ އިތުރުން އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް މި ވަގުތު ހުންނެވީ ހައްޔަރުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އެ މަނިކުފާނު ހައްޔަރުކުރީ ފަނޑިޔާރުންނަށް ރިޝްވަތު ހުށަހެޅުމާއި ސަރުކާރު ބަދަލުކުރަން ރޭވުމުގެ ތުހުމަތުގަ އެވެ.