03 މާޗް 2018 - 12:58

ދިމިޝްގު (މާޗް 3) - ސީރިއާގެ ވެރިރަށް ދިމިޝްގާ ކައިރީގައި އޮންނަ އިރުމަތީ ޣޫތާ އަށް ސަރުކާރު ސިފައިން ދޭ ވައިގެ ހަމަލާތަކުގައި އިންފްރާސްޓްރަކްޗާ އަށް ލިބިފައިވާ ގެއްލުންތައް ސެޓެލައިޓް ފޮޓޯތަކުން ހާމަކޮށްފި އެވެ.

އިރުމަތީ ޣޫތާ އަށް ވައިގެ ހަމަލާތައް ދޭން ފަށާފައި ވަނީ ފެބްރުއަރީ 18 ވަނަ ދުވަހު އެވެ. ފެބްރުއަރީ 23 ވަަނަ ދުވަހާއި މާޗް 2 ވަނަ ދުވަހު ނަގާފައިވާ ފޮޓޯތަކެއް އދ. އިން ވަނީ އަލް ޖަޒީރާ އަށް ފޯރުކޮށްދީފަ އެވެ.
"ފޮޓޯތަކުން ފެންނަ ގޮތުގައި އިރުމަތީ ޣޫތާ އަށް ވަނީ ބޮޑެތި ގެއްލުންތައް ދީފައި،" އދ.ގެ އޮޕަރޭޝަނަލް ސެޓެލައިޓް ޕްރޮގްރާމްގެ އެއިނާރް ޖޯގޯ ވިދާޅުވި އެވެ. "މީހުން ދިރިއުޅޭ ތަންތަނާއި ވިޔަފާރި ކުރާ ތަންތަނަށް ދީފައިވާ ގެއްލުން ފާހަގަ ކުރަން ފަސޭހައެއް ނޫން. ބައެއް ހިސާބުތައް ވަނީ ބިމާ ހަމަކޮށްލާފައި."
އިރުމަތީ ޣޫތާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރުގެ ދަށަށް ގެންދިޔައީ 2013 ވަނަ އަހަރުގެ މެދެއްހާ ހިސާބުގަ އެވެ. އެ ސިޓީގައި ގާތްގަނޑަކަށް ހަތަރު ލައްކައެއްހާ މީހުން ދިރިއުޅެ އެވެ. އިރުމަތީ ޣޫތާ އަށް ހަމަލާދޭ ސީރިއާ ސަރުކާރު ސިފައިންނާއި ރަޝިޔާ އިން ބުނެފައި ވަނީ އެ މީހުންގެ އަމާޒަކީ ހަނގުރާމަވެރި ޖަމާއަތްތަކަށް ނިސްބަތްވާ ޓެރަރިސްޓުން ކަމަށެވެ. އިރުމަތީ ޣޫތާ އަށް ވައިގެ ހަމަލާތައް ދޭން ފެބްރުއަރީ 18 ގައި ފެށި ފަހުން މިހާތަނަށް ވަނީ 674 މީހުން މަރުވެފައިވާ ކަމަށް ސީރިއާގެ ވޮލަންޓިއާ ގްރޫޕެއް ކަމަށްވާ ވައިޓް ހެލްމެޓްސް އިން ބުނެ އެވެ.
އިރުމަތީ ޣޫތާ އަށް ދޭ ވައިގެ ހަމަލާތައް 30 ދުވަހަށް ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން މިދިޔަ ހަފުތާގައި ގަރާރެއް ފާސްކުރި ނަމަވެސ އެއަށް އަމަލުކޮށްފައެއް ނުވެ އެވެ. އިރުމަތީ ޣޫތާ ބަންދުވެފައި އޮތުމުގެ ސަބަބުން އެ ސިޓީ އަށް އިންސާނީ އެހީތެރިކަން ވެސް ފޯރުކޮށްދޭން ވަނީ ދަތިވެފަ އެވެ. އިރުމަތީ ޣޫތާގައި އުޅޭ ފަސް އަހަރުން ދަށުގެ 12 ޕަސެންޓް ކުދިންނަށް ވަނީ ރަނގަޅު ކާނާ ނުލިބުމުގެ މައްސަލަ ދިމާވެފައި ކަމަށް އދ. އިން ބުނެ އެވެ.