ދިިޕިކާ ކައްކަރްގެ ނަން ފާއިޒާ ޝުއައިބަށް ބަދަލުކޮށްފި
ދިިޕިކާ ކައްކަރްގެ ނަން ފާއިޒާ ޝުއައިބަށް ބަދަލުކޮށްފި

މިދިޔަ ހަފުތާގައި ކައިވެނި ކުރި އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ދިޕިކާ ކައްކަރްގެ ނަން ފާއިޒާ ޝުއައިބަށް ބަދަލުކޮށްފި އެވެ.

އުމުރުން 31 އަހަރުގެ ބަތަލާ ކައިވެނިކުރީ މުސްލިމް އާއިލާއަކަށް ނިސްވަތްވާ ޓީވީ އެކްޓަރު ޝުއައިބް އިބްރާހީމާ އެވެ. ދެ މީހުން ޓީވީ ސިލްސިލާ "ސަސުރާލް ސިމްރަން ކާ" ގެ ސެޓުން ދިމާވެ، ރައްޓެހިވެގެން އުޅޭތާ އަށް އަހަރު ފަހުން ކައިވެނި ކުރުމަށް ފަހު، ދިޕިކާ ބުނީ ނަން ބަދަލު ކުރަން ޖެހުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

އޭނާ ބުނީ ޝުއައިބާ ކައިވެނި ކުރި އިރު ވެސް ނަން ބަދަލުކުރަން ޖެހޭނެކަން އެނގޭ ކަމަށާއި އެއީ އުނދަގޫ ނިންމުމެއް ނޫން ކަމަށެވެ.

"އަހަރެމެން ދެ މީހުންގެ ގުޅުމަކީ ހިތާއި ހިތުގެ ގުޅުމެއް. އެހެންވީމާ ނަން ބަދަލު ކުރަން ޖެހުމަކީ އެއްވެސް މައްސަލައެއް ނޫން،" ކަލާޒް އިން މިހާރު ގެނެސްދޭ ކޮމެޑީ ޝޯ "އެންޓަޓައިންމަންޓް ކީ ރާތު" އިން ވެސް ފެންނަ ދިޕިކާ ބުންޏެވެ. "އަމިއްލަ އަށް ހިތުން ރުހުމުން ނިންމާ ނިންމުމަކާ ދޭތެރޭ ކޮންމެ މީހަކު ވެސް ހިތްހަމަޖެހޭނެ. އަހަރެންގެ އާ ނަމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ވަރަށް އުފަލުން މިހިރީ."

ދިޕިކާ އާއި ޝުއައިބް މިހާރު އަންނަނީ ހަނީމޫނަށް ތައްޔާރުވަމުންނެވެ. އެކަމަކު އެއީ ފިރިމީހާ ދޭ ސަޕްރައިޒެކެވެ.

"އެހެންވެ ފިރިމީހާ އަހަރެން ގެންދަން އުޅެނީ ކޮން ތާކަށްކަން ބަލައިން ކެތްމަދުވެފައި މި ހުންނަނީ،" އޭނާ ބުންޏެވެ.

"ސަސުރާލް ސިމްރަން ކާ" އިން ލިބުނު މަޝްހޫރުކަމާ އެކު، ސިލްސިލާ "ބަލިކާ ވަދޫ" ގައި ވެސް މަސައްކަތް ކުރި ދިޕިކާ މިހާރު ވަނީ ބޮލީވުޑްގެ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. އެއީ ބޮޑު ކާސްޓެއް ހިމެނޭ ޖޭޕީ ދައްތާގެ ހަނގުރާމަތީ ފިލްމް "ޕަލްޓާން" އެވެ. "ބޯޑަރު" ގެނެސް ދިން ޑައިރެކްޓަރުގެ ފިލްމްގެ ކާސްޓުންގެ ތެރޭގައި އަރުޖުން ރާމްޕާލް، އީޝާ ގުޕްތާ، ޖެކީ ޝްރޮފް، ލަވް ސިންހާ، ސިދާންތު ކަޕޫރް، ސޮނާލް ޗޯހަން، ހާޝްވަރްދަން ރާނޭ، ސޯނޫ ސޫދް، ގުރްމީތު ޗައުދަރީ އަދި ރޯނިތު ރޯއި ހިމެނެ އެވެ.