ރީސް ވިދަސްޕޫން އާއި ކެރީ ވޮޝިންޓަން ސިލްސިލާއެއް ގެނެސް ދެނީ
ރީސް ވިދަސްޕޫން އާއި ކެރީ ވޮޝިންޓަން ސިލްސިލާއެއް ގެނެސް ދެނީ

ރީސް ވިދަސްޕޫން އާއި ޖެނިފާ އެނިސްޓަން ސިލްސިލާއެއްގެ މަސައްކަތް ކުރަމުން އަންނަ އިރު، ރީސް އަނެއްކާ ވެސް މަޝްހޫރު އެހެން ބަތަލާއަކާ އެކު ސިލްސިލާއެއް ގެނެސް ދޭން ތައްޔާރުވާން ފަށައިފި އެވެ.

އޭނާ މި ފަހަރު އަތުގުޅާލީ "ސްކެންޑަލް" ގެ ބަތަލާ ކެރީ ވޮޝިންޓަންއާ އެވެ. ދެ މީހުން ޕްރޮޑިއުސްކޮށް، އެކްޓްކޮށް ލިމިޓެޑް ސީރީޒެއްގެ ގޮތުގައި ގެނެސް ދޭން ނިންމާފައި ވަނީ މިދިޔަ އަހަރު އެންމެ ކާމިޔާބު އެއް ވާހަކަ ކަމަށްވާ ސެލެސްޓް އެންޖީގެ "ލިޓްލް ފަޔާސް އެވްރީވެއާ" އެވެ.

އެމެރިކާގެ އޮހާޔޯ ސިޓީ އަށް ދިރިއުޅުން ބަދަލުކުރާ އެކަނިވެރި މަޔަކަށް ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ވާހަކައަށް ބިނާކޮށް ހަދާ ސިލްސިލާގެ ސްކްރިޕްޓް ލިޔެ، ޑައިރެކްޓް ކުރަން ހަވާލުކޮށްފައި ވަނީ "ކެޝުއަލް" އާއި "ލައިފް އެކްސްޕެކްޓެޑް" ގެނެސް ދިން ލިޒް ޓިގެލާއާ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ލިޓްލް ފަޔާސް އެވްރީވެއާ" ގެނެސް ދެނީ ރީސްގެ ކުންފުނި ހެލޯ ސަންޝައިން އާއި ކެރީގެ ސިމްޕްސަން ސްޓްރީޓުންނެވެ. ބެލެވޭ ގޮތުން މި ސިލްސިލާ ބެލުންތެރިންނާ ހަމައަށް އައުމުގެ ފުރުސަރު ބޮޑީ އޭބީސީ ނެޓްވާކުންނެވެ.

ނަމަވެސް ސިލްސިލާގެ މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ގެނެސް ދޭން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެނިސްޓަން އާއި ކެރީއާ އެކު ސިލްސިލާއެއް ގެނެސް ދޭން ރީސް މަސައްކަތް ކުރާ އިރު، އޭނާ ޕްރޮޑިއުސްކޮށް، ބަތަލާ އޮކްޓޭވިއާ ސްޕެންސިއާ ލީޑް ރޯލް ކުޅޭ ސިލްސިލާ "އާ ޔޫ ސްލީޕިން" ގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ އެވެ.

ރީސް މިހާރު އަންނަނީ އެޗްބީއޯގެ ކާމިޔާބު ސިލްސިލާ "ބިގް ލިޓްލް ލައިސް" ގެ ދެވަނަ ސީޒަނުގެ މަސައްކަތް ވެސް ކުރަމުންނެވެ. މީގެ ކާސްޓުންގެ ތެރޭގައި ނިކޯލް ކިޑްމަން އަދި ޝައިލީން ވުޑްލީ ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.