ބެލެރިން އާސެނަލް ދޫކޮށް ޔުވެންޓަސް އަށް؟
ބެލެރިން އާސެނަލް ދޫކޮށް ޔުވެންޓަސް އަށް؟

ލަންޑަން (މާޗް 3) – މި ސީޒަނަށް ފަހު އާސެނަލް ދޫކޮށްލަން ސްޕެއިނުގެ ފުލްބެކް ހެކްޓާ ބެލެރިން ބޭނުންވާ ކަމަށާއި އަދި އޭނާ ގެންދަން އިޓަލީގެ ޔުވެންޓަސް އިން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާގެ ޔޫތު ޓީމަށް ކުޅެފައިވާ ބެލެރިން އެ ޓީމަށް ބަދަލުވާން އުޅުނު ނަމަވެސް އެކަން ފެއިލްވެ އެންމެ ފަހުން އާސެނަލުގައި މި ސީޒަން ދިޔައީ ވަރަށް ދަށްކޮށެވެ. އެ ޓީމަށް ވެސް ނާކާމިޔާބީއާ ކުރިމަތިވަމުން އަންނައިރު ބެލެރިންގެ ކުޅުން ވެސް ވަނީ ދަށްވެފަ އެވެ.

އެހެންވެ ޕްރިމިއާ ލީގުގައި ހުރި އެންމެ މޮޅު ފުލްބެކުގެ ގޮތުގައި ބެލެވުނު ބެލެރިން މިހާރު ބޭނުންވަނީ ކެރިއަރު އަލުން ކޮޅަށް ޖެހުމަށްޓަކައި އާސެނަލް ދޫކޮށްލަން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޔުވެންޓަސް އިން އޮތީ ވޯލްޑް ކަޕުގެ ކުރިން އޭނާގެ ޑީލް ނިންމާން ބޭނުންވެފަ އެވެ. އަދި އެ ކްލަބުން އޭނާ އަށް 45 މިލިއަން ޕައުންޑް ހޭދަކުރަން ތައްޔާރަށް އޮތް ކަމަށް ވެސް ވެ އެވެ.

ބާސެލޯނާގެ ޔޫތު ޓީމަށް ކުޅުމަށް ފަހު އާސެނަލްގެ ޔޫތު ޓީމާ 2011 ވަނަ އަހަރު ގުޅުނު ބެލެރިން ސީނިއާ ޓީމަށް ކުޅެން ފެށީ 2013 ވަނަ އަހަރެވެ. އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ވަނީ ސްޕެއިން ގައުމީ ޓީމަށް ތިން މެޗު ކުޅެދީފަ އެވެ.