ވިރާޓް ކޯލީ ބުނަނީ "ޕަރީ" އަކީ އަނުޝްކާގެ އެންމެ މޮޅު ފިލްމް ކަމަށް
ވިރާޓް ކޯލީ ބުނަނީ "ޕަރީ" އަކީ އަނުޝްކާގެ އެންމެ މޮޅު ފިލްމް ކަމަށް

އަނުޝްކާ ޝަރްމާ ކައިވެނި ކުރި ފަހުން، ރިލީޒްވި ފުރަތަމަ ފިލްމް "ޕަރީ" ބަލައިފައި ފިރިމީހާ، މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ބުނަނީ އެ ފިލްމަކީ އަނުޝްކާގެ އެންމެ މޮޅު މަސައްކަތް ކަމަށެވެ. ހުކުރު ދުވަހު ރިލީޒް ކުރި "ޕަރީ" އަކީ ބިރުވެރި ފިލްމެކެވެ.

މި ފިލްމްގައި އަނުޝްކާ ދައްކައިފައިވާ އެކްޓިން އަށް ވަރަށް ގިނަ ބަޔަކު ތައުރީފު ވެސް ކުރަމުން އަންނަ އިރު، ފިލްމް ބަލައިފައި ވިރާޓް ކުރި ޓްވީޓެއްގައި ބުނީ ސުވާލެއް ވެސް ނެތި "ޕަރީ" އަކީ އޭނާގެ ލޯބިވާ އަންހެނުންގެ އެންމެ މޮޅު ފިލްމް ކަމަށެވެ.

"ފިލްމް ބެލި އިރު އަހަރެން ބިރު ވެސް ގަތް. އެކަމަކު ވަރަށް ފަހުރުވެރިވަން މަގޭ އަންހެނުން ކޮށްފައިވާ މަސައްކަތާ ދޭތެރޭ،" ވިރާޓް ބުންޏެވެ.

އަނުޝްކާ ބިރުވެރި ރޯލެއް ކުޅެފައިވާތީ، ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި އޭނާއެކު ވިރާޓަށް ދެން އެއް ކޮޓަރީގައި ނިދައިލެވޭތޯ ސުވާލު އުފައްދައި ޖޯކު ވެސް ޖަހައިފަ އެވެ.

ޕްރޮސިތު ރޯއި ޑައިރެކްޓްކޮށްފައިވާ "ޕަރީ" ގެ ގިނަ ރިވިއުތަކަށް ބަލާއިރު، އަނުޝްކާގެ އެކްޓިން އަށް ހުރިހާ ކްރިޓިކުން ވެސް ވަނީ ތައުރީފު އޮއްސާލައިފަ އެވެ. ފިލްމްގައި އޭނާ ކުޅެފައިވާ ރުހްސާނާގެ ރޯލް އެހެން އެއްވެސް ބަތަލާއަކަށް ނުކުޅެވޭނެހާ މޮޅަށް އަނުޝްކާ ކުޅެފައިވާ ކަމަށާއި މިއީ މިހާތަނަށް އޭނާ ދެއްކި އެންމެ މޮޅު އެކްޓިން ކަމަށް ވެސް ކްރިޓިކުން ބުނެފައިވެ އެވެ.

"ޕަރީ" ހުކުރު ދުވަހު ރިލީޒް ކުރި އިރު، ވިޔަފާރި ތަންކޮޅެއް ދަށްކޮށް ފެނުނު ނަމަވެސް، ފިލްމް ބަލާފައި އާންމު ދައްކާ ވާހަކަތަކުގެ ސަބަބުން ވިޔަފާރި ރަނގަޅު ވާނެ ކަމަށް ބޮލީވުޑްގެ ހަބަރުތައް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

"ޕަރީ" އަކީ "އޭ ދިލް ހޭ މުޝްކިލް" ފަދަ ފިލްމްތައް ކުޅެފައިވާ އަނުޝްކާ އާއި އޭނާގެ ކޮއްކޮ ކަރްނޭޝް ޝަރްމާގެ އަމިއްލަ ފިލްމް ކުންފުނި ކްލީން ސްލޭޓް ފިލްމްސް އާއި ކްރިއާޖް އެންޓަޓައިންމަންޓުން ގެނެސް ދިން ފިލްމެކެވެ. ބޮލީވުޑްގެ އޭ ލިސްޓް ބަތަލާއަކު، ބިރުވެރި ފިލްމެއް ކުޅެ، އެކްޓިން އިން އޭނާގެ ތަފާތުކަން ދައްކާލައިފައިވާތީ، ގިނަ ބަޔަކު ބުނަނީ މިއީ އިންޑިއާގައި ހަދާ ބިރުވެރި ފިލްމްތަކަށް ބަދަލެއް ގެނުވާނެ ފިލްމެއް ކަމަށެވެ.

ބޮލީވުޑްގެ ނަން ހިނގާ މަޝްހޫރު ތަރިން ބިރުވެރި ފިލްމްތަކުން ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެންވެ އަނުޝްކާ ނެގީ ރިސްކެއް ކަމަށް ވެސް ފިލްމީ ވިޔަފާރި ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

"ޕަރީ" އަކީ އާންމުކޮށް އިންޑިއާގައި ހަދާ ބިރުވެރި ފިލްމްތަކާ ހިލާފަށް ވަރަށް އަސްލާ އެއްގޮތަށް ގެނެސް ދޭން މަސައްކަތްކޮށްފައިވާ ފިލްމެކެވެ. އަދި ފިލްމް ވަރަށް ޝައުގުވެރި ކަމަށް ފިލްމް ބެލި ގިނަ މީހުން ބުނެފައިވެ އެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ޕަރަމްބްރަޓާ ޗެޓަޖީ، ރަޖަތު ކަޕޫރް އަދި ރިއާ ޗަކްރަބަތީ ހިމެނެ އެވެ.

ވަރުން ދަވަންއާ އެކު މިހާރު "ސުއީ ދާގާ: މޭޑް އިންޑިއާ" ގެ މަސައްކަތް ކުރަމުން އަންނަ އަނުޝްކާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ރަންބީރް ކަޕޫރް ސަންޖޭ ދަތުގެ ރޯލް ކުޅޭ ފިލްމާއި ޝާހްރުކް ހާނާ އެކު ކުޅޭ "ޒީރޯ" ހިމެނެ އެވެ. މި ތިން ފިލްމް ވެސް މި އަހަރު ރިލީޒް ވާނެ އެވެ.