"ސުވެގް ސޭ ސްވާގަތު" އަށް ޕާކިސްތާން ވެސް ނަށަނީ
"ސުވެގް ސޭ ސްވާގަތު" އަށް ޕާކިސްތާން ވެސް ނަށަނީ

ސަލްމާންގެ އެންމެ ފަހުގެ ފިލްމް "ޓައިގާ ޒިންދާ ހޭ" ގެ ލަވަ "ސުވެގް ސޭ ސްވާގަތު" ވަރަށް މަޝްހޫރެވެ. ވަރުގަދަ މިއުޒިކަށް ގްރީސްގެ ހިތްގައިމު މަންޒަރުތަކުގައި ސަލްމާނާއި ކެޓްރީނާ ކައިފް ދެއްކި ޖާދޫގައި، އިންޑިއާއާ ވާދަވެރި ޕާކިސްތާނު ވެސް ޖެހިއްޖެ އެވެ.

ލާހޯރްގެ ޗީމާ ނަމަކަށް ކިޔާ ފޯނު ވިއްކާ ފިހާރައިގެ އިޝްތިހާރަށް ހެދި މި ލަވަ އަކީ މަޖާގަނޑެކެވެ. އެކި ބްރޭންޑްތަކުގެ ފޯންތަކުގެ ނަން ވެސް ބޭނުންކޮށްގެން ލަވައިގެ ޅެން ހަދާފައިވާ އިރު، އިޝްތިހާރުގައި ފެންނަނީ ފިހާރައިގެ ކުރިމަތީގައި ތިބެގެން، ބަޔަކު ސަލްމާނާއި ކެޓްރީނާގެ ސްޓެޕްތަކަށް ނަށާ ތަނެވެ.

ބެކްގްރައުންޑްގައި ޑިޒްނީގެ ކެރެކްޓާތަކާއި ފުއްޕާހަންތަކެއް ބޭނުންކޮށްފައިވެ އެވެ. އަދި ވީޑިއޯ އިން ފިހާރައިގެ އެތެރޭގެ މަންޒަރުތައް ވެސް ދައްކައިލަ އެވެ.

ގިނަ ބަޔަކަށް ލަވަ އެންމެ މަޖާވީ ލަވައިގެ ފެންނަ މައި ކެރެކްޓާ ބްލޮންޑް އިސްތަށިގަނޑަކާއި ތުނބުޅިއަކާ އެކު އެ ދައްކައިލާ ހަރަކާތްތަކުންނެވެ. މި ވީޑިއޯ މަޖާވިލެއް ބޮޑުކަމުން ވައިރަލްވެ، އެތައް ބަޔަކު އެއަށް ލައިކްކޮށް، ޝެއާ ވެސްކޮށްފައި އެވެ.

ވީޑިއޯ ނިންމައިލަނީ ޗީމާ ފިހާރައިގެ ވެރިމީހާ ނަދީމް ޗީމާގެ ފޮޓޯއެއް ވެސް ދައްކައިލަމުންނެވެ. ޔަގީނުން ވެސް އޭނާއަކީ ސަލްމާން ވަރަށް ބޮޑު ފޭނެއް ކަމަށް މިހާރު ބުނެވި ދާނެ އެވެ. މި އިޝްތިހާރުގެ ސަބަބުން ނަދީމްގެ ވިޔަފާރި އަށް ހެޔޮ އަސަރެއްކޮށްފާނެ އެވެ.