05 މާޗް 2018 - 06:27

ޑިޒްނީން ކުރިން ގެނެސްދީފައިވާ އެނިމޭޓެޑް ފިލްމްތަކުގެ ތެރެއިން ހަގީގީ އެކްޓަރުންނާ އެކު އުފައްދާ ފިލްމްތަކުގެ ލިސްޓުގައި ހިމަނައި މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރަން ނިންމި "މުލާން" 2020 ވަނަ އަހަރަށް ފަސްކޮށްފި އެވެ.
ޑިޒްނީގެ ކުރިއަށް ހުރި ޕްރޮޖެކްޓްތައް ރިލީޒްކުރާ ތާރީހުތައް އަލުން އާންމު ކުރި އިރު، "ދަ ޒޫ ކީޕާޒް ވައިފް" ގެ ޑައިރެކްޓަރު ނިކީ ކާރޯއާ ހަވާލުކޮށްފައިވާ "މުލާން" ރިލީޒް ކުރާ ތާރީހަކަށް މިހާރު ހަމަޖައްސައިފައި ވަނީ މާޗް، 27، 2020 އެވެ. ކުރިން އެ ފިލްމް ރިލީޒް ކުރަން އޮތީ މި އަހަރުގެ ނޮވެމްބަރުގެ 2 ގަ އެވެ.
ނަމަވެސް އަހަރަކަށް ވުރެ ދިގު މުއްދަތަކަށް ފިލްމް ފަސްކުރި ސަބަބެއް ޑިޒްނީން ނުބުނެ އެވެ. "މުލާން" ގެ ޓައިޓްލް ރޯލުން ފެނިގެން ދާނީ ކްރިސްޓަލް ލިިއުގެ ނަމުން މަޝްހޫރު ޗައިނާގެ ބަތަލާ/ލަވަކިޔުންތެރިޔާ ލިއު ޔިފީ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގެ ބަތަލާއަކަށް "ދަ އެސަސިންސް" ފަދަ ފިލްމްތައް ކުޅެފައިވާ 30 އަހަރުގެ ކްރިސްޓަލް ނެގީ 1،000 ވުރެ ގިނަ ބަތަލާއިން އޮޑިޝަން ހަދައި، އޭގެ ތެރެއިން ހޮވާލައިގެންނެވެ.
"މުލާން" އަކީ 1998 ގައި ބެރީ ކުކް އާއި ޓޯނީ ބެންކްރޮފްޓް ޑައިރެކްޓްކޮށް ގެނެސް ދިން ފިލްމެކެވެ. މީގެ މައިގަނޑު ވާހަކައަކީ އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ އުމުރުން ދުވަސްވީ މީހަކު އަލުން އެނބުރި ހަނގުރާމަ އަށް ނުކުންނަން ޖެހުމުން ބަދަލުގައި އޭނާގެ އަންހެން ދަރިފުޅު ބަދަލުގައި ހަނގުރާމަ އަށް ނުކުމެ ދައްކައިލާ ކުޅަދާނަ ކަމެވެ.
ބޮކްސް އޮފީހުގައި "މުލާން" އަށް 304.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އިރު، ފިލްމަ ހަދާފައި ވަނީ އެންމެ 90 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. މިއީ ޑިޒްނީން ހެދި 36 ވަނަ އެނިމޭޓެޑް ފިލްމެވެ.
އެ ސްޓޫޑިިއޯ އިން ލައިވް-އެކްޝަން ފިލްމްތަކުގެ ގޮތުގައި ގެނެސް ދޭން ރާވާފައި ހުރި ޕްރޮޖެކްޓަތަކުގެ ތެރެއިން "އަލައްދިން" ސިނަމާތަކަށް އަންނާނީ މެއި، 24، 2019 ގަ އެވެ. މި ލިސްޓްގައި 16 ވަރަކަށް ފިލްމް ހިމެނޭ އިރު، އޭގެ ތެރޭގައި ލަޔަން ކިންގް، ޕިނޯކިއޯ، ޑަމްބޯ އަދި ދަ ސްވޯޑް އިން ދަ ސްޓޯމްގް ހިމެނެ އެވެ.
"ޑަމްބޯ" ރިލީޒް ކުރަން ތާވަލްކޮށްފައި ވަނީ މާޗް، 29، 2019 ގަ އެވެ.
ޑިޒްނީގެ ފިލްމަކަށް ދެން އެންމެ އަވަހަށް ބެލުންތެރިންނާ ބައްދަލު ކުރާނީ މި މަހުގެ 9 ގައި ރިލީޒް ކުރާ "އަ ރިންކަލް އިން ޓައިމް" އެވެ. މި ފެންޓަސީ/ސައިންސް ފިކްޝަން ފިލްމްގެ ކާސްޓުންގެ ތެރޭގައި އޯޕްރާ ވިންފްރީ، ކްރިސް ޕައިން، ރީޒް ވިދަސްޕޫން އަދި މިންޑީ ކޯލިން ހިމެނެ އެވެ.