ވެނެޒުއެލާގެ ރިޔާސީ އިންތިޚާބު ފަސްކޮށްފި
ވެނެޒުއެލާގެ ރިޔާސީ އިންތިޚާބު ފަސްކޮށްފި

ކަރާކަސް (މާޗް 2) - ވެނެޒުއެލާގައި އަންނަ މަހު 22 ވަނަ ދުވަހު ބާއްވަން އިއުލާންކުރި ރިޔާސީ އިންތިޚާބު މެއި މަހަށް ފަސްކޮށްފި އެވެ.

ނޭޝަނަލް އިލެކްޓޯރަލް ކައުންސިލް (ސީއެންއީ) އިން ބުނީ ރިޔާސީ އިންތިޚާބުގެ އާ ތާރީޚަކީ މެއި 20 ކަމަށެވެ. އިންތިޚާބު ފަސްކޮށްފައި ވަނީ ސަރުކާރާއި އިދިކޮޅު ބައެއް ކުދި ޕާޓީތަކުގެ މެދުގައި އެއްބަސްވުމަކަށް އައިސްފައި ވަނިކޮށެވެ.

ރައީސް ނިކޮލަސް މަދޫރޯ ވަނީ ހަ އަހަރުގެ ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމަވައިފަ އެވެ. ވެނެޒުއެލާ އިން ވަނީ އިންތިޚާބު އޮބްޒާވް ކުރަން އދ. އިން މޮނިޓަރުން ފޮނުވުމަށް ވެސް އެދިފަ އެވެ.

ވެނެޒުއެލާގައި އާއްމުކޮށް ރިޔާސީ އިންތިޚާބު ބާއްވަނީ ޑިސެމްބަރު މަހު އެވެ. ނަމަވެސް ސީއެންއީ އިން މިދިޔަ މަހު ވަނީ އެޕްރީލް 22 ގައި ރިޔާސީ އިންތިޚާބު ބާއްވާނެކަން އިއުލާންކޮށްފަ އެވެ. އިންތިޚާބު އަވަސް ކުރުމުން ބައިނަލްއަގުވާމީ ގޮތުން ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އާޖެންޓީނާ، ބްރެޒިލް، ޗިލީ، ކޮލަމްބިއާ، މެކްސިކޯ އަދި ޕެރޫ އިން ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލް ނުކުރާނެ ކަމަށް ބުނެފަ އެވެ. އެމެރިކާ އިން ވަނީ އިންތިޚާބު އަވަސް ކުރާ ނަމަ ވެނެޒުއެލާއާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދީފަ އެވެ.

ވެނެޒުއެލާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑިމޮކްރެޓިކް ޔުނިޓީން ވަނީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ގޮވާލައިފަ އެވެ. އަދި އިންތިޚާބަށް އެއްވެސް ކެންޑިޑޭޓެއް ނުނެރޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އިދިކޮޅު ޕާޓީތަކުން ބުނަނީ އިންތިޚާބު އަވަސް ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ބޭނުމުގައި ކަމަށެވެ.