އޮޅިގެން ނުބައި މީހެއްގެ ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފި
އޮޅިގެން ނުބައި މީހެއްގެ ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފި

ނައިރޯބީ (މާޗް 2) - ނައިޖީރިއާގެ ޑޮކްޓަރުންގެ ޓީމަކަށް އޮޅިގެން ނުބައި މީހެއްގެ ބޮލުގެ ނާށިގަނޑު ކަނޑާލުމަށް ފަހު ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފި އެވެ.

ވެރިރަށް ނައިރޯބީގެ ކެންޔާއްޓާ ނޭޝަނަލް ހޮސްޕިޓަލްގައި އެކެއްގެ ސިކުނޑީގައި އިން ގަނޑު ލޭ ކޮޅެއް ނެގުމަށް ވަނީ އޮޕަރޭޝަނެއް ކުރަން ޖެހިފަ އެވެ. އަނެއް މީހާގެ ބޯ ދުޅަވެގެން ޑޮކްޓަރަށް ދެއްކި ނަމަވެސް އޭނާގެ އޮޕަރޭޝަން ކުރާކަށް ނުޖެހެ އެވެ. އެކަމަކު ހަތަރު މީހުންގެ މެޑިކަލް ޓީމަކުން އޮޕަރޭޝަން ކުރީ އޮޕަރޭޝަން ކުރަން ނުޖެހޭ މީހާގެ އެވެ. ޑޮކްޓަރުންނަށް އެކަން އެނގުނީ ނާށިގަނޑު ކަނޑާލާ ސިކުނޑީގައި ގަނޑު ލޭ ކޮޅެއް ނެތުމުންނެވެ.

ހޮސްޕިޓަލުގެ ސީއީއޯ ލިލީ ކޮރޮސް ވިދާޅުވީ އޮޕަރޭޝަން ކުރި މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އެކަން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޮޕަރޭޝަނުގައި ބައިވެރިވި ހަތަރު ސްޓާފުން ކަމަށްވާ ނިއުރޯސާޖަން އާއި ވޯޑް ނަރުސް، ތިއޭޓާ ނަރުސް އަދި ހޭނައްތާ ޑޮކްޓަރު ސަސްޕެންޑްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހާދިސާ އާ ގުޅިގެން ހޮސްޕިޓަލުގެ ބޯޑް އިސްތިއުފާ ދިނުމަށް ވެސް ދަނީ ގޮވާލަމުންނެވެ.

ނައިޖީރިއާގައި ސިއްހީ ކަންކަން ރެގިއުލޭޓް ކުރާ ބޯޑުން ބުނީ މިއީ އެ ގައުމުގައި މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެ ހާދިސާ ހިނގި ގޮތުގެ ފުރިހަމަ ރިޕޯޓެއް ތައްޔާރު ކުރަން އަންގާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ނުބައި މީހެއްގެ ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައި މިވަނީ ނައިޖިރިއާގެ ހޮސްޕިޓަލްތަކުގައި ވިހާފައި ތިބޭ މައިންނަށް ޖިންސީ ގޯނާކުރާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ހެލްތު މިނިސްޓަރު އެންގިތާ ހަ ހަފުތާ ފަހުންނެވެ.