02 މާޗް 2018 - 19:25

ޑާކާ (މާޗް 2) - ދެ ގައުމު ހިއްސާކުރާ ބޯޑަރު ކައިރިއަށް މިއަންމާ ސިފައިން ގިނަ އަދަދަކަށް ޖަމާކުރާތީ ބަންގްލަދޭޝް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދެ ގައުމު ހިއްސާ ކުރާ ބޯޑަރު ކައިރީ މިހާރު ވެސް ދަނީ 5،000 ވަރަކަށް ރެފިއުޖީން ދިރިއުޅެމުންނެވެ. މިއަންމާ ސިފައިން ބޯޑަރަށް ޖަމާކުރަމުންދާ އިރު ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ ރެފިއުޖީން އަނބުރާ ފޮނުވުމުގެ އިންތިޒާމްތައް ދަނީ ހަމަޖައްސަމުންނެވެ. މިދިޔަ އަހަރުގެ ފަހުކޮޅު މިއަންމާގެ ރަކީން ސްޓޭޓުގައި ހަމަނުޖެހުންތައް ބޮޑުވުމުން ބަންގްލަދޭޝް އަށް ވަނީ ހަ ލައްކައެއްހާ ރެފިއުޖީން އެތެރެވެފަ އެވެ.
ބޯޑަރަށް ސިފައިން ޖަމާކުރާ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރަން ބަންގްލަދޭޝް އިން ވަނީ މިއަންމާ ސަފީރު ހާޒިރުކޮށްފަ އެވެ. އަދި ސިފައިން ފަހަތަށް ޖެއްސުމަށް ވަނީ އަންގައިފަ އެވެ.
ބަންގްލަދޭޝްގެ ބޯޑަރު ގާޑުން ބުނެފައި ވަނީ މިއަންމާ ސިފައިންގެ 100-200 އަދަދެއްގެ ސިފައިން ބޯޑަރު ކައިރީ ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި މޯޓަރާއި މެޝިން ބަޑި އެ މީހުން ގެންގުޅޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ރޮހިންޖާ ރެފިއުޖީންގެ ކޮމިއުނިޓީ ލީޑަރެއް ކަމަށްވާ ދިލް މުހައްމަދު ރޮއިޓާސް އަށް ބުނެފައި ވަނީ މިއަންމާ ސިފައިން ދަނީ ބޯޑަރުގައި ދިރިއުޅޭ ރެފިއުޖީން އެ ސަރަހައްދު ދޫކޮށް ދިއުމަށް އަޑުގަދަ ކުރާ ބޭނުންކޮށްގެން ގޮވަމުން ކަމަށެވެ.