03 މާޗް 2018 - 06:55

މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ބަތަލާ ސްރީދޭވީ މަރުވި ހަބަރާ އެކު، ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ (އާރްޖީވީ) އަންނަނީ އޭނާގެ އިހުސާސްތައް ފާޅުކުރަމުންނެވެ. "ރަންގީލާ" އާއި "ސަރްކާރް" ފަދަ ފިލްމްތައް ހަދާފައިވާ އާރްޖީވީއަކީ ސްރީދޭވީގެ ވަރަށް ބޮޑު ފޭނެކެވެ. ސްރީދޭވީ މަރުވި ހަބަރާ އެކު، ލިބުނު ފުން ހިތާމައިފައި، އޭނާ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކަށް ބައެއް މީހުން ވަނީ ފާޑު ވެސް ކިޔައިފަ އެވެ.
ހާއްސަކޮށް ސްރީދޭވީގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން އޭނާ ހިއްސާކުރި ބައެއް ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ރުޅިވެރިކަން ވެސް އާރްޖީވީ އަށް ސޯޝަލް މީޑިއާގައި ބާލައިފައިވެ އެވެ.
އޭނާ ސިފަކުރި ގޮތުގައި ކިތަންމެ ރީތި ސިފަޔަކާ އެކު ހިތްގައިމު މޭކަޕާ އެކު، އަބަދު ހިނިތުންވެފައި ސްރީދޭވީ ހުއްޓަސް އޭނާގެ ދިރިއުޅުން ވަރަށް އަނދިރި އެވެ. ވަރަށް ހިތާމަވެރި އެވެ. ހަޔާތުގައި އޭނާ މުޅިން ވެސް ތަޖުރިބާކުރީ ހިތްދަތި ކަމެވެ. އެހެންވެ މި ދުނިޔޭން ވަކިވުމަކީ ސްރީދޭވީ އަށް އަދި ކިރިޔާ ހަމަ ނޭވާލާން ލިބުނު ފުރުސަތުގެ ގޮތުގައި އާރްޖީވީ ސިފަކޮށްފައިވެ އެވެ.
އޭނާގެ މި ވާހަކަތަކާ އެކު ކުރިން ވެސް ލަފާ ކުރެވުނު ގޮތަށް ސްރީދޭވީ ހަޔާތުގެ މައްޗަށް ފިލްމެއް ހަދާނެކަމުގެ އަޑުތައް މިހާރު ވަނީ ގަދަވާން ފަށައިފަ އެވެ. އެކަން އަދި ރަސްމީކޮށް އާރްޖީވީ އިއުލާން ނުކުރި ނަމަވެސް، ތެލެގޫ ޅެންވެރިޔާ ސިރަސްރީ ވަނީ އެފަދަ އިޝާރާތެއް ދީފަ އެވެ.
ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ސްރީދޭވީގެ ހަޔާތަށް ހަދާ ފިލްމްގެ ވާހަކަ މިހާރު ލިޔަމުން އަންނަ ކަމަށާއި އެ ނިމުނުހާ އަވަހަކަށް، ފިލްމް ރަސްމީކޮށް އާރްޖީވީ އިއުލާން ކުރާނެ ކަމަށެވެ. އެހެންވެ އިތުރު ތަފުސީލެއް ނުދެ އެވެ.
ސްރީދޭވީ، 54، އާ އެކު އާރްޖީވީ އެއްވެސް ހިންދީ ފިލްމެއް ޑައިރެކްޓްކޮށްފައި ނެތަސް އޭނާ ވަނީ ތެލުގޫ ފިލްމް ކްޝާނާ ކްޝަނަމް (1991) ގައި ކުޅަދާނަ ބަތަލާއާ އެކު މަސައްކަތްކޮށްފަ އެވެ.
އުމުރުން އެންމެ ހަތަރު އަހަރުން ފެށިގެން އިންޑިއާގެ އެކި ބަހުރުވައިގެ ފިލްމްތަކުގައި މަސައްކަތްކޮށްފައިވާ ސްރީދޭވީގެ 50 އަހަރުގެ ކެރިއަރުގައި 300 އާ ގާތް ކުރާ އަދަދަކަށް ފިލްމް ކުޅުނެވެ.
އަދި އޭނާވެގެން ގޮސްފައި ވަނީ އިންޑިއާގެ ފުރަތަމަ އަންހެން ސްޕަސްޓާރަށެވެ.
ނަމަވެސް ސްރީދޭވީގެ ހަޔާތުގެ މައްޗަށް އާރްޖީވީ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ އިރު، ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރާއި އާއިލާ އިން އެކަމަށް އެއްބަސް ވާނެތޯ އެއީ ޝައުގުވެރި ސުވާލަކަށް ވާނެ އެވެ.