02 މާޗް 2018 - 16:42

ގާނޫނީ ވަކީލް ހިސާން ހުސެއިން ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންގެ މަރުކަޒުން ޝާހިދާއި ރިޔާޒާ ދިމާވި ކަމަށާއި އެ ބޭފުޅުން ދޫނިދު އަށް ގެންދަން ނިންމާފައިވާ ކަން އަންގާފައިވާ ކަމަށް. އެކަމަކު ޝާހިދާއި ރިޔާޒް ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ކަމަށް ނުނިންމާ ކަމަށް ފުލުހުންނާ ހަވާލާދީ ހިސާން ވިދާޅުވޭ. އެ ދެ ބޭފުޅުންގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފާއި އެހެން ބައެއް އާންމުން ވެސް މިއަދުގެ އެއްވުމުން ވަނީ ހައްޔަރުކޮށްފައި.

މަޖިލީހުގެ ތިން މެމްބަރުގެ އިތުރުން، އެއްވުމުން ބައެއް އާންމުން ވެސް ވަނީ ހައްޔަރުކޮށްފައި. މަޖީދީމަގުގެ ހަތަރު ސަރަހައްދެއްގައި އެއްވުން ބޭއްވި ނަމަވެސް ފުލުހުން ނުކުމެ އެ މީހުން ވަނީ ފަހަތަށް ޖައްސާފައި. އެކަމަކު އެކި ސަރަހައްދުތަކުގައި އަދިވެސް ކޮންމެވެސް ވަރަކަށް މީހުން އެއްވެ އެބަތިބި. މިއަދުގެ މެދުކެނޑުމެއް ނެތި އެއްވުން ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ހައްޔަރުކޮށްފި.

އަލީ އާރިފް: ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އެއްވުމަށް ނުނިކުންނަވާށޭ. ސަރުކާރުން ދަނީ ހުރިހާ ކަމެއް ކޮށްދެމުންނޭ. މަދަނީ ބަސް ނޭހުމަށް ގޮވާލި ގޮވާލުމަށް ވެސް ސިވިލް ސާވަންޓުން އިޖާބައެއް ނުދިން. ރަށްރަށުގެ ކަރަންޓާއި ފެނުގެ އަގުގެ ތަފާތު ވެސް ކުޑަކޮށްދެއްވީ ވެސް ރައީސް ޔާމީންގެ ސަރުކާރުން.

ޕީޕީއެމްގެ ޗީފް ސްޕޯކްސްޕާސަން އަލީ އާރިފް: އެމްޑީޕީން ކުރަނީ ޣައިރު ގާނޫނީ މަސައްކަތެއް. މިއީ ގާނޫނު ނަގަހައްޓާނެ ސަރުކާރެއް. ކުށެއް ކޮށްފިއްޔާ ކޮންމެ މީހަކާ މެދު ވެސް މި ސަރުކާރުން ފިޔަވަޅު އަޅާނެ. އިދިކޮޅު ފަރާތުގައި އުޅޭ އެއްވެސް މީހަކު މަގުމައްޗަކަށް ނުނިކުންނާނެ. ފެށުނީއްސުރެ އިސް މީހުންގެ ބޭނުމަކީ އިދިކޮޅު ހަރަކާތުގެ އާންމު މީހުން ނެރެ ޖަލަށް ފޮނުވުން.

މެމްބަރު އިމްތިޔާޒު ފަހުމީ: އަބްދުﷲ ޔާމީނަކީ މިހާރު އަޒުލްކުރަން ޖެހޭ [ބޭފުޅެއް]. ފުލުހުން ނުޖެހޭނެ އަބްދުﷲ ޔާމީންގެ އަމުރަށް ކިޔަމަންވާކަށް.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އޮފީހުގައި ކުރިއަށް ގެންދާ ނިއުސް ބްރީފިންގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ ފެށުމުގެ ކުރިން ރޫޅިފައިވާ ކަމަށް. އަދި އެކަން އެހެންވީ ފުލުހުންގެ ސަބަބުން ނޫން ކަމަށާއި މުޒާހަރާ އަށް ދާނެ ބަޔަކު ނުވެގެން ކަމަށް އޭނާ ވިދާޅުވި. އަދި މިއީ ރައީސް ޔާމީނަށް އޮތް ތާއީދު ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި.

އިމްތިޔާޒު ފަހުމީ: ދައުލަތު އަނދަވަޅަކަށް ރައީސް ޔާމީން ވަނީ ވައްޓާލާފައި. މީގެ ކުރިން ރިޔާސީ ކޮމިޝަނެއް ނުހަދާނަމޭ ކިޔާފައި މިހާރު އެ އުޅެނީ ރިޔާސީ ކޮމިޝަން ވެސް ހަދައިގެން. އެ ކޮމިޝަނުން ވެސް ބަލަންވީ އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރުގެ މައްސަލަ ބެލުން.

އެމްޑީޕީގެ މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ: ސަރުކާރާއި އަބްދުﷲ ޔާމީން ކުރާ ކަންކަމަށް ނަފުރަތުކޮށް، ޝުއޫރު ފާޅުކުރާތީ އާންމުންނަށް ޝުކުރު ދަންނަވަން. ސުލްހަވެރިކަމުގައި ތިބި ރައްޔިތުންގެ އެއްވުން ރޫޅާލައި، ޕެޕާ ސުޕްރޭ ދަނީ ޖަހަމުން. ފުލުހުން އެގޮތަށް އަމަލްނުކުރަން ގޮވާލަން.
ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ކުރާ ކޮންމެ މުޒާހަރާއެއްގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން މި މުޒާހަރާގެ ކުރިން ވަނީ ހައްޔަރުކޮށްފައި. އޭގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފް ފާހަގަކޮށްލެވޭ. ކުރިން އޮތް އެއްވުމެއްގެ ތެރެއިން ހައްޔަރުކުރި ގޮތަށް އޭނާ ދުލެއް ނުކުރޭ. އޭނާގެ އާއިލާ އިން ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުގެ ކުރިން އޭނާ ދޫކޮށްނުލާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް.
މަޖީދީމަގުގެ އެކި ސަރަހައްދުތަކަށް އެއްވާ މީހުން ފުލުހުން ރޫޅާލި ނަމަވެސް އެ މީހުން އެހެން ސަރަހައްދުތަކަށް އެއްވެ އަނެއްކާވެސް ޝުއޫރު ފާޅުކުރަމުން އެބަދޭ.
ކޮންމެ ސަރަހައްދެއްގައި ވެސް ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން އާންމުންނާ އެކު ބައިވެރިވޭ. އަދި އެ ބޭފުޅުން ގެންދަނީ ގާނޫނުއަސާސީން ލިބިދޭ ހައްގުތަކަށް ފުލުހުން އަރައިނުގަތުމަށް ގޮވާލައްވަމުން. ގައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ތަބާނުވަން ވެސް އެ ބޭފުޅުން އެދިވަޑައިގަންނަވާ.
ސަރުކާރާ ދެކޮޅު މި އެއްވުމުގައި އާންމުން ގޮވާލަމުން ދަނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން. އަދި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް ނޭޅުމަށް. އެކަމަކު އެއްވެ އުޅޭ ހުރިހާ ސަރަހައްދެއްގައި ވެސް އެސްއޯ ފުލުހުން ދަނީ ހަރަކާތްތެރިވަމުން. އަދި ޕެޕާ ސްޕްރޭ ވެސް ޖަހާ.
ދިއްދޫ ދާއިރާގެ މެމްބަރު ލަތީފު: އަޅުގަނޑު ހައްޔަރުކޮށްގެން ގެންދަނީ އަމުރަށް ނުކިޔަމަންތެރިވެގެންނެއް ނޫން. އަޅުގަނޑު މިއަދު ފުލުހުންގެ ބާރުގެ ދަށަށް ގެންދަން އަމުރު ކުރީމާ ފުލުހުން ނަގައިގެން ގެންދަނީ. މިހާރު މި އިނީ ފުލުހުންގެ ވެހިކަލްގެ ތެރޭގައި.
ގާނޫނީ ވަކީލު ހިސާން: ފުލުހުން ގެންދަނީ އެކަށީގެންނުވާ ބާރުގެ ބޭނުންކުރަމުން. އޭގެ ސަބަބުން ބައެއް މީހުންނަށް ގެއްލުންތައް ލިބެމުން ދޭ.
ގާނޫނީ ވަކީލު ހިސާން: ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ރައްޔިތުންނަށް ކަށަވަރުކޮށް ދީފައިވާ އެއްވެ އުޅުމުގެ ހައްގު ފުލުހުންނަށް ނިގުޅައެއް ނުގަނެވޭނެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހައްޔަރުކޮށްފި.
ބައެއް ސަރަހައްދުތަކުގެ އެއްވުން ރޫޅާލައި ބައެއް މީހުން ވަނީ ހައްޔަރުކޮށްފައި.
ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މާލޭގެ މަޖީދީމަގުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
މި އިހުތިޖާޖު މިހާރު ކުރަމުން ދަނީ މަޖީދީމަގާއި ޗާންދަނީމަގާ ގުޅުނު ކަންމައްޗާއި މަޖީދީމަގާއި ސޯސަންމަގު އަދި ޖުމްހޫރީ ޕާޓީ އޮފީސް ހިންގާ މ. ކުނޫޒް ކައިރީގަ އެވެ. އެއްވުން ފެށިތާ ގިނައިރުތަކެއް ނުވަނީސް ފުލުހުން ނުކުމެ ބައެއް ހިސާބުތަކުން މީހުން ފަހަތަށް ޖެއްސުމަށް މަސައްކަތް ފަށައިފަ އެވެ.
މުޒާހަރާ ކުރާ މީހުން އެއްވި އެކި ސަރަހައްދުތައް ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާއިރު، ބައެއް މީހުން އެ ސަރަހައްދުން ފޮނުވާލުމަށްޓަކައި ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހައިފަ އެވެ.