17 ޖުލައި 2016 - 11:19

އަންކާރާ (ޖުލައި 17) - ސިފައިންގެ ތެރޭން ބަޔަކު ނުކުމެ ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތަށް ފަހު ސަރުކާރަށް ތާއީދު ކުރުމުގެ ގޮތުން ގިނަ ބަޔަކު އިސްތަންބޫލް އާއި އެނޫން ވެސް ސިޓީތަކަށް އެއްވެއްޖެ އެވެ.

ބަޣާވާތް ގެންނަން އުޅުނުތާ 24 ގަޑިއިރު ވެސް ނުވަނީސް ރައްޔިތުން ނުކުމެ ވަނީ ނާކާމިޔާބުވި ބަޣާވާތުގައި އިސްކޮށް އުޅުނު މީހުންނަށް ބަހުގެ ހަމަލާތައް ރައްދުކޮށްފަ އެވެ.

ސަރުކާރުގެ ބާރުތައް ވަރުގަދަ ކުރުމުގެ ގޮތުން ގާތްގަނޑަކަށް 3،000 ސިފައިން ހައްޔަރުކޮށް، 2،700 ފަނޑިޔާރުން ވަނީ މަގާމުން ދުރުކޮށްފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ސިފައިންގެ އިސް ޖެނެރަލުން ވެސް ހިމެނެ އެވެ.

ބޮޑު ވަޒީރު ބިނާލީ ޔިލްދިރިމް ވިދާޅުވީ ބަޣާވާތަކީ ތުރުކީގެ "ޑިމޮކްރެސީގައި ޖެހުނު ލައްގަނޑެއް" ކަމަށެވެ. ބަޣާވާތް ކުރި މީހުންގެ ތެރޭން 104 ސިފައިން މަރުވެފައިވާ އިރު އާއްމުންގެ ތެރޭން ވެސް ވަނީ 161 މީހުން މަރުވެފަ އެވެ. ގާތްގަނޑަކަށް 1،440 މީހުން ވަނީ ޒަޚަމްވެފަ އެވެ.
އުރުދުޣާންގެ ވެރިކަމުގެ 13 އަހަރުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށް ފަހު ވަނީ ރައްޔިތުން މަގުތަކަށް ނުކުތުމަށް އެ މަނިކުފާނު ގޮވާލައްވައިފަ އެވެ. އިސްތަންބޫލްގެ އިތުރުން ރައީސް އުރުދުޣާންގެ އުފަން ސިޓީ ކަމަށްވާ ކިސުކްލީ އާއި އަންކާރާގެ ކިޒިލޭ މައިދާން އަދި އައްސޭރި ފަށުގެ ސިޓީއެއް ކަމަށްވާ އިޒްމީރަށް ގިނަ ބަޔަކު ނުކުމެ ވަނީ ސަރުކާރަށް ތާއިދުކޮށްފަ އެވެ. އުރުދުޣާންގެ ވެރިކަމާ ތުރުކީގެ ގިނަ ބަޔަކު ދެކޮޅު ހަދަމުން ދިޔަ ނަމަވެސް ސަރުކާރާ އެއްކޮޅަށް ގިނަ ބަޔަކު ނުކުތީ ބަޣާވާތާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. އަދި ބަޣާވާތުގެ ވެރިކަމަކުން ގައުމަށް ލިބޭނެ ރަނގަޅެއް ނެތް ކަމަށް ތުރުކީ ރައްޔިތުން ގަބޫލް ކުރެ އެވެ.