ނޭމާ އަށް ސީޒަން ނިމިއްޖެ، ވޯލްޑް ކަަޕަށް ފިޓްވާނެ
ނޭމާ އަށް ސީޒަން ނިމިއްޖެ، ވޯލްޑް ކަަޕަށް ފިޓްވާނެ

ބެލޯ ހޮރިޒޯންޓޭ، ބްރެޒިލް (މާޗް 2) - ބްރެޒިލްގެ ތަރި ނޭމާ އަށް ދެން މި ސީޒަނުގައި ޕީއެސްޖީ އަށް މެޗެއް ކުޅުމުގެ ފުރުސަތު ނެތް ކަމަށާއި އެކަމަކު ޖޫން މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އޭނާ ފިޓްވާނެ ކަމަށް ބްރެޒިލް ޓީމުގެ ޑޮކްޓަރު ރޮޑްރީގޯ ލަސްމާ ބުނެފި އެވެ.

ފްރާންސް ލީގުގައި އޮލިމްޕިކް މާސޭއާ ދެކޮޅަށް މިދިޔަ އާދިއްތަ ދުވަހު ޕީއެސްޖީ ކުޅުނު މެޗުގައި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ފައި ފުރޮޅާލައި ކުޑަހުޅު ދުޅަވެ އަދި ފައިތިލައިގެ ކަށިކޮޅެއްގައި ވަނީ ރެނދު ލައިފަ އެވެ.

ނޭމާގެ ފަަޔަށް ލިބިފައިވާ އަނިޔާ ރަނގަޅުކުރަން އިއްޔެ ބްރެޒިލްގައި ސާޖަރީ ކުރިއަށް ގެންދާނެ ކަމަށް ކުރިން ބެެލެވިފައި އޮތް ނަމަވެސް ލަސްމާ ބުނީ ސާޖަރީ އޮންނާނީ މާދަމާ ކަމަށެވެ.

"ނޭމާ އަށް ލިބިފައި ހުރި ގެއްލުމުގެ ޓެސްޓްތައް އަހަރެމެން ހަދައިފިން. އޭނާގެ އޮޕަރޭޝަނަށް ފަހު ދެ މަހާއި ބައި ނޫނީ ތިން މަހަަށް ކުޅުމާ ދުރުގައި އޭނާ ހުންނަން ޖެހޭނެ. އުއްމީދަކީ އޭނާ ވޯލްޑް ކަޕަށް ފިޓްވުން،" ލަސްމާ ބުންޏެވެ.

އޭނާ ބުނީ އޮޕަރޭޝަނަށް ފަހު ރަނގަޅު ރިހެބިލިޓޭޝަނަކާ އެކު އެއް މަހާއި ބައިން ވެސް ނޭމާ ފިޓްވުމުގެ ފުރުސަތެއް އޮންނާނެ ކަމަށާއި އެހެން ނަމަވެސް އެއީ މުސްތަގުބަލަށް ބަލާއިރު ވަރަށް ބޮޑު ރިސްކެއް ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި އަންނަ ހަފްތާގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ޕީއެސްޖީ ކުޅެން ޖެހޭނީ ނޭމާ ނުލަ އެވެ. އެއީ އެ ޓީމަށް ލިބޭނެ އުނިކަމެކެވެ. އަދި ފްރެންޗް ލީގާއި ކަޕްގައި ވެސް ކުރިއަށް އުނދަގޫ މެޗުތަކެއް ހުރިއިރު ނޭމާ ނެތުމުން އެ ޓީމަށް މައްސަލަތަކެއް ދިމާވާނެ އެވެ.