އާސެނަލް ބަލިކޮށް ސިޓީ ލީގު ޗެމްޕިއަންކަމާ ގާތަށް
އާސެނަލް ބަލިކޮށް ސިޓީ ލީގު ޗެމްޕިއަންކަމާ ގާތަށް

ލަންޑަން (މާޗް 2) - ފަސް ދުވަހުގެ ތެރޭގައި ދެ ވަނަ ފަހަރަށް އާސެނަލް އަތުން 3-0 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް މެންޗެސްޓާ ސިޓީން ޖެހިލައިފި އެވެ.

ސިޓީ ވަނީ މިދިޔަ އާދިއްތަ ދުވަހު ލީގު ކަޕް ފައިނަލުގައި ވެސް އާސެނަލް އަތުން 3-0 އިން މޮޅުވެފަ އެވެ. ޕްރިމިއާ ލީގުގައި ރޭ އާސެނަލް ދަނޑުގައި ކުޅުނު މެޗު ނިމުނީ ވެސް ހަމަ މި ނަތީޖާ އިންނެވެ.

ރޭގެ މެޗަށް ފަހު ސިޓީ އަށް ވަނީ ލީގުގެ އެއް ވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ލީގުގެ އެއް ވަނައިގައި 28 މެޗުން 75 ޕޮއިންޓާ އެކު ސިޓީ އޮތްއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 28 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ.

ބާކީ އޮތް 11 މެޗުން ލީގު ޗެމްޕިއަންކަން ޔަގީންކުރަން ސިޓީ އަށް ބޭނުންވަނީ ފަސް މޮޅެވެ. ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި މޮޅާ އެކު ލީގު ޗެމްޕިއަންކަން ހޯދުމުގެ ޔަގީންކަން ބޮޑުވެފައިވާ ކަމަށް ބުނެފަ އެވެ.

"އަހަރެމެން މި އޮތީ ޗެމްޕިއަންކަން ހޯދުމައި ގާތުގައި. އަމިއްލަ ބާރު އެބައޮތް. އެކަން ބަދަލެއް ނުކުރެވޭނެ. މިއީ ޗެމްޕިއަންކަން ހޯދުމަށް އަޅާ ފަހު ފިޔަވަޅުތަށް. ބޭނުމީ މި ގޮތަށް ކުރިއަށްދާން،" ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

ރޭގެ މެޗުގައި ސިޓީން ޖެހި ތިން ގޯލު ވެސް އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ 33 މިނިޓް ތެރޭގަ އެވެ. ފުރަތަމަ ލަނޑު ޕޯޗުގަލްގެ ވިންގާ ބެނާޑޯ ސިލްވާ ކާމިޔާބުކުރިއިރު، ދެ ވަނަ ލަނޑު ޖެހީ ޑޭވިޑް ސިލްވާ އެވެ. އަދި ތިން ވަނަ ލަނޑު ކާމިޔާބުކުރީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖަރުމަނުގެ ވިންގާ ލެރޯއި ސާނޭ އެވެ.

މި މެޗުގެ ދެ ވަނަ ހާފުގައި އާސެނަލަށް ލަނޑެއް ޖަހައިދޭން އެ ޓީމަށް ކުޅޭ ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޮބާމަޔަން ފޮނުވާލި ޕެނަލްޓީ ސިޓީގެ ކީޕަރު އެޑަަސަން ވަނީ މަތަކޮށްފަ އެވެ.

މިއީ 1912 ވަނަ އަހަރަށް ފަހު އާސެނަލް ދަނޑުގައި ސިޓީ އަށް ލިބުނު އެންމެ ބޮޑު މޮޅެވެ. މި ބައްޔާ އެކު ގަދަ ހަތަރަކަށް ވަންނަން އާސެނަލުން ކުރަމުން އަންނަ މަސައްކަތަށް ވަނީ ބޮޑު އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ލީގުގައި ބާކީ 10 މެޗު އޮތްއިރު ގަދަ ހަތަރަކާ އާސެނަލާ ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ރޭގެ މެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ މެޗުން ބަލިވީ ފުރަތަމަ ހާފުގައި ދަށްކޮށް ދިއުމުން ކަމަށެވެ. އަދި ލީގު ކަޕް ފައިނަލުގައި ހެދުނު ގޯސްތައް މި މެޗުގައި ވެސް ތަކުރާރު ވެގެންދިޔަތަން ފެނުނު ކަމަށް އޭނާ ބުންޏެވެ.

ވެންގާ ބުނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށާއި އެހެން ނަމަވެސް ޔަގީނުން ވެސް އޭނާ އަމިއްލަ އަށް މަގާމު ދޫކޮށްފައި ނުދާނެ ކަމަށެވެ.