ރިލްވާންގެ ބޭބެއެއްގެ ހެކިބަސް ނެގުމާ މެދު ގޮތެއް ނިންމަނީ
ރިލްވާންގެ ބޭބެއެއްގެ ހެކިބަސް ނެގުމާ މެދު ގޮތެއް ނިންމަނީ

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގައި ހެކި ހުށަހެޅުމުގެ މަރުހަލާ ނިމިފައި ވަނިކޮށް، ރިލްވާންގެ ބޭބެގެ ހެކިބަސް ނަގައިދޭން ދައުލަތުން މިއަދު އެދުމުން ބޮޑު ބަހުސެއް ހިނގައި، އެކަމުގައި ގޮތެއް ނިންމަން ކޯޓުން ހަމަޖައްސައިފި އެވެ.

އޮގަސްޓް، 2014 ގައި ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ދައުވާކުރަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ އެ ދެ މީހުންނަށް ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ. ދައުލަތުގެ ދައުވާގައިވާ ގޮތުން ރިލްވާން ގަދަކަމުން ފޮރުވީ އާލިފްގެ ރަތް ކުލައިގެ ކާރަކަށް ރިލްވާން ގަދަކަމުން އަރުވައިގެން ގެންގޮސްގެންނެވެ.

ރިލްވާންގެ ބޭބެ މޫސާ ރިލްވާންގެ ހެކިބަސް ނަގަން ދައުލަތުން އެދުނީ ރިލްވާން ގަދަކަމުން އެރުވި ކަމަށް ބުނާ ކާރަށް މޫސާ ރިލްވާން އަރާފައިނުވާ ކަން ސާބިތުކޮށް ދިނުމަށެވެ. މޫސާ ރިލްވާން އެ ކާރަށް ނާރާ ކަން ސާބިތުކުރަން ދައުލަތުން ބޭނުންވަނީ އެ ކާރުން ފެނުނު ކަމަށް ބުނާ ޑީއެންއޭއާ ރިލްވާނާ ގުޅުވާލައި، އެ ކާރަށް ރިލްވާން ގަދަކަމުން އެރުވިކަން ސާބިތު ކުރުމަށެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި އެ ކާރުން ފެނުނީ ރިލްވާން މަންމަގެ ޑީއެންއޭ އެވެ. އެހެންވެ، އެ ޑީއެންއޭއާ ރިލްވާނާ ގުޅުވާލަން ދައުލަތުން ކުރިން އޮތީ ރިލްވާންގެ މަންމަ އާއި އޭނާގެ އާއިލާގެ ހަތް މެމްބަރަކު ހެކިން ގޮތުގައި ހުށަހަޅައިފަ އެވެ. އެ އަށް މީހުންގެ ހެކިބަސް ކޯޓުން މިއަދު ވަނީ ނަގައިފަ އެވެ.

މޫސާ ރިލްވާންގެ ހެކިބަސް ވެސް ނަގަން ބޭނުންވާ ކަމަށް ދައުލަތުން ބުނީ އެ އަށް މީހުންގެ ހެކިބަސް ނަގައި ނިމުމުންނެވެ.

ދައުލަތުން ބުނީ ހެކި ހުށަހެޅި މަރުހަލާގައި މޫސާ ރިލްވާންގެ ނަން ހުށަނޭޅުނީ ރިލްވާންގެ އާއިލާގެ އެހެން މެމްބަރުންގެ ބަޔާންތައް ނެގި ދުވަސްވަރު އޭނާ ރާއްޖޭގައި ނެތުމުން ކަމަށާއި މިހާރު ވެސް އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އެއީ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލްކުރަން ފެށުމުން ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ފޮނުވަން ޖެހުނު މައްސަލައެއް ކަން ފާހަގަކޮށް، ދައުލަތުން ބުނީ މޫސަގެ ބަޔާން ނުނަގައި، އެ މައްސަލަ ފޮނުވި އެއް ސަބަބަކީ ވެސް އެއީ ކަމަށެވެ.

ދައުލަތުން ބުނިގޮތުގައި އެ މައްސަލާގައި އިންސާފު ގާއިމްކުރަން މޫސަގެ ހެކިބަސް ނެގުން ވަރަށް މުހިންމެވެ.

އެކަމަކު އާލިފާއި ނޫރައްދީންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އެކަން ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އޭނާ އެ ހުށަހެޅުމަށް ދެކޮޅުހެއްދެވި އެވެ.

ހެކި ހުށަހެޅިއިރު މޫސަގެ ނަން ދައުލަތުން ހުށަހަޅާފައި ނުވާކަން ފާހަގަކުރައްވައި، ނޫރު ވިދާޅުވީ ހެކި ހުށަހެޅުމުގެ މަރުހަލާ ނިމުމަށް ފަހު މިހާރު އެއްވެސް ފަރާތަކަށް އާ ހެއްކެއް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އެހެންވެ މޫސަގެ ހެކިބަސް ނެގުމާ މެދު ދެކޮޅުހައްދަވާ ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ މުޅި މައްސަލަ ބިނާވެފައިވަނީ ކާރުން ފެނުނު ކަމަށް ބުނާ ޑީއެންއޭގެ މައްޗަށް ކަމަށެވެ. އެހެންކަމުން މޫސާ ރިލްވާންގެ ވާހަކަ ކުރިން ފާހަގަނުކޮށް އޮތް އޮތުމަކީ ދައުލަތުން ރަނގަޅަށް ކުރި ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ގާޒީ ވަނީ ރިލްވާންގެ އާއިލާގެ އެހެން މެމްބަރުން ތަހުގީގަށް ދިން ބަޔާންތަކުގައި ވެސް މޫސަގެ ވާހަކަ ބުނެފައި އޮތްކަން ފާހަގަކޮށްފަ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލަކީ ދެ ފަރާތުން ހުށަހަޅާ ހެކިތަކަށް ބިނާކޮށް މައްސަލަ ނިންމުން ކަން ފާހަގަކުރައްވައި، ގާޒީ އާރިފް ވިދާޅުވީ ކޯޓުގެ އިސް ނެގުމުގައި ހާޒިރުކޮށް ހޯދޭނީ އެކްސްޕާޓުންގެ ބަސް ކަމަށެވެ. އެހެންވީއިރު، ކޯޓުގެ އިސް ނެގުމުގައި މޫސަގެ ހެކިބަސް ނެގޭނެ ގާނޫނީ ހަމައެއް އެބަ އޮތްތޯ ގާޒީ އާރިފް ދައުލަތާ ސުވާލުކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ހެކި ހާމަކުރުމާ ގުޅޭ ކަންކަން ތަންފީޒު ކުރުމާ ބެހޭ ގޮތުން އޮންނަ، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 136 ވަނަ މާއްދާގެ ދަށުން މޫސާ ރިލްވާންގެ ހެކިބަސް ނެގިދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އާލިފާއި ނޫރައްދީންގެ ވަކީލް އެކަމަށް ވެސް ދެކޮޅުހެއްދެވި އެވެ. ނޫރު ވިދާޅުވީ ގާނޫނުގެ އެއީ ހާމަކުރަން ޖެހޭ ހެއްކެއް ހާމަނުކޮށްފި ނަމަ ނުވަތަ އުސޫލަކާ ޚިލާފްވެއްޖެ ނަމަ އަމަލު ކުރަން ޖެހޭ އުސޫލުތައް ބަޔާންކުރާ މާއްދާއެއް ކަމަށާއި އެ މާއްދާއަކީ އާ ހެއްކެއް ހުށަހަޅަން ފުރުސަތު ލިބޭ މާއްދާއެއް ނޫން ކަމަށެވެ.

މޫސާ ރިލްވާންގެ ބަސް ހޯދުމަކީ މުހިންމު ކަމެއް ކަން ކުރިން ދައުލަތަށް އެނގި ތިބެ، ދައުލަތުން އަމަލުކުރި ގޮތަކީ، އާލިފާއި ނޫރައްދީނަށް ފައިދާހުރި ގޮތަކަށް މާނަކުރަން ޖެހޭ ކަމެއް ކަމަށް ވެސް ނޫރު ވިދާޅުވި އެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު، ގާޒީ އާރިފް ނިންމެވީ އެކަމާ މެދު ގާނޫނީ ގޮތުން އިތުރު ދިރާސާތަކެއް ހެދުމަށް ފަހު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމުމަށެވެ.

ރިލްވާންގެ މަންމަ އާއި އެއްބަނޑު ހަތަރު ދައްތައަކާއި ތިން ބޭބެއެއްގެ ހެކިބަސް މިއަދު ވަނީ ނަގައިފަ އެވެ. ހެކިންގެ ގޮތުގައި އެ މީހުން ބޭނުންކުރަނީ ރިލްވާން ގަދަކަމުން އެރުވި ކަމަށް ބުނާ ކާރަށް އެއިން މީހަކު އަރާފައި ނުވާކަން ސާބިތުކޮށްދޭށެވެ. އެކަން ސާބިތުކުރަން ދައުލަތުން ބޭނުންވަނީ އެ ކާރުން ފެނުނު ޑީއެންއޭއާ ހަމައެކަނި ރިލްވާނާ ގުޅުވާލުމަށްޓަކަ އެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ހެކިބަސް ދެމުން ރިލްވާންގެ މަންމަ އާއި އަނެއް ހަތް މެމްބަރުން ވެސް ބުނީ ރިލްވާން ގަދަކަމުން އެރުވި ކަމަށް ބުނާ ކާރަށް އެއިން މީހަކު ދުވަހަކު ވެސް ނާރާ ކަމަށެވެ. އެ ކާރުގެ ރަޖިސްޓްރީ ނަމްބަރާ އެކު ނަގާފައިވާ ފޮޓޯއެއް ކޮންމެ މީހަކަށް ވަކިވަކިން ދައްކައި، ސުވާލުކުރުމުން ވެސް އެ އެންމެން ޔަގީންކަމާ އެކު ބުނީ އެ ކާރަށް އެ މީހުން އަރާފައި ނުވާކަން ކަށަވަރުވާ ކަމަށެވެ.

"ހަމަ ޔަގީން، ދުވަހަކު ވެސް ނާރަން،" ރިލްވާންގެ މަންމަ އައިމިނަތު އީސަ ބުންޏެވެ.

އެ މީހުން ބުނިގޮތުގައި ރިލްވާން ގެއްލުމުގެ ކުރިން، ރިލްވާން ހުޅުމާލޭގައި ދިރިއުޅުނު ފްލެޓަށް ވެސް އެ މީހުން ގޮސްފައެއް ނުވެ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭގެ ތެރެއިން ބައެއް މީހުން ބުނީ އެ މީހުން ދިރިއުޅޭ ގެއަށް ރިލްވާން އަންނާތީ އެވެ. އެކަމަކު ރިލްވާން ގެއްލުނު ފަހުން ފުލުހުންނާ އެކު، އެ ފްލެޓަށް ގޮސްފައިވާނެ ކަމަށް އޭގެ ތެރެއިން ބައެއް މީހުން ބުންޏެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުންތަކެއް އަންނަ ހަފުތާގައި ބާއްވާނެ އެވެ. އަންނަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު އަޑުއެހުންތައް ބާއްވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގާށެވެ.