01 މާޗް 2018 - 18:23

ނިއު ޔޯކް (މާޗް 1) - ފުލުހުން ގަދަކަމުން ބުރުގާ ބާލުވައިގެން މޫނުގެ ފޮޓޯ ނެގި މުސްލިމް ތިން އަންހެނުންނަށް ބަދަލުގެ ގޮތުގައި 180،000 ޑޮލަރު ދިނުމަށް ނިއު ޔޯކް ސިޓީން އެއްބަސްވެއްޖެ އެވެ.
ތިން އަންހެނުންގެ ވަކީލް ތަހާނީ އަބޫޝީ ވިދާޅުވީ ބްރޫކްލިން ފެޑެރަލް ކޯޓުގައި މައްސަލަ ހައްލު ކުރިއިރު ކޮންމެ އަންހެނަކަށް 60،000 ޑޮލަރު ދޭން އެއްބަސްވެފައިވާ ކަމަށެވެ. ތިން އަންހެނުންގެ ބުރުގާ ވެސް ބާލުވާފައި ވަނީ ނިއު ޔޯކުގެ ބްރޫކްލިންގަ އެވެ. މީގެ ތެރޭން ދެ އަންހެނަކު ހައްޔަރު ކުރީ 2015 ގަ އެވެ. އަނެއް މީހާ 2012 ގަ އެވެ. މީގެ ތެރޭން އެކަކު ހައްޔަރުކޮށްފައި ވަނީ މީހަކަށް ފުރައްސާރަކޮށްގެންނެވެ. އަނެއް މީހާ ހައްޔަރު ކުރީ ޕާކިންގެ މައްސަލައެއްގަ އެވެ.
ތިން އަންހެނުން ވެސް ބުނެފައި ވަނީ ދީނީ ގޮތުން އެ މީހުންނަށް ލިބިފައިވާ ހައްގެއް ނިގުޅައިގެންފައިވާ ކަމަށެވެ. އެހެންވެ އެ ތިން މީހުން ވަނީ ނިއު ޔޯކް ސިޓީ އާއި ޕޮލިސް ޑިޕާޓްމަންޓާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ.