18 ޖުލައި 2016 - 07:14

"މޮހަންޖޯ ދަރޯ"ގެ ބަތަލާ ޕޫޖާ ހެގްޅޭ އަކީ ރީތި އަދި ހުނަރުވެރި އެކްޓަރެއް ކަމަށް ފިލްމުގެ ބަތަލު ރިތިކް ރޯޝަން ބުނެފި އެވެ.
ކުރީގެ ރީތީގެ ރާނީއެއް ކަމަށްވާ ޕޫޖާ ބޮލީވުޑަށް ތައާރަފްކޮށްދެމުން ރިތިކް ވަނީ ވަރަށް ބޮޑަށް ޕޫޖާގެ ރީތިކަމަށާއި މޮޅުކަމަށް ތައުރީފުކޮށްފަ އެވެ.
ރިތިކް ބުނި ގޮތުގައި ޕޫޖާއާ އޭނާ ފުރަތަމަ ބައްދަލުވި ދުވަހު އެ ދެ މީހުން އެކުގައި ކެމެރާއަށް ކުރިމަތިލާ ތަމްސީލުކުރި ލޯބީގެ މަންޒަރުގައި ޕޫޖާގެ ހަރަކާތްތައް އޮމާންވެފައި ނަލަކަން ފާހަގަވި އެވެ. އެ ދުވަހު ވެސް ޕޫޖާއަކީ ވަރަށް ޚާއްސަ ކުއްޖެއް ކަމާއި ފިލްމު އިންޑަސްޓްރީގައި މަތީ މަގާމެއް ހޯދާނެ ބަތަލާއެއްކަން ޔަގީންވި ކަމަށް ރިތިކް ބުނެފައިވެ އެވެ.
ރިތިކް ބުނި ގޮތުގައި "މޮހަންޖޯ ދަރޯ"ގެ ޗާނީގެ ރޯލަށް ޕޫޖާ ވަރުގެ މީހަކު ނެތެވެ. އަދި ޕޫޖާ ކަހަލަ ހުނަރުވެރި ބަތަލާއަކާ އެކު ފިލްމު ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު އުފަލެއް ކަމަށް ވެސް ރިތިކް ބުނެފައިވެ އެވެ.
ރިތިކް މާގިނައިން ތައުރީފުކުރުމުން ލަދުން ހުރި ޕޫޖާ ބުނީ ރިތިކްގެ ކިބައިގައި ހުރި ރަނގަޅުކަމުން ކުޑަ މިންވަރެއް ނަމަވެސް އޭނާއަށް ލިބޭނެކަމަށް އުންމީދުކުރާ ކަމަށެވެ.
ބޫޖްގައި އެތައް މަސްތަކެއް ވަންދެން އޭނާއާ އެކު "މޮހެންޖޯ ދަރޯ"ގެ ޝޫޓިންގައި ރިތިކް ހޭދަކުރިއިރު ރައްޓެއްސެއްގެ ހައިސިއްޔަތުން އޭނާ އަށް ބެހެއްޓި އޯގާތެރިކަމަށް ވެސް ޕޫޖާ ވަނީ ރިތިކަށް ޝުކުރު އަދާކޮށްފަ އެވެ.
ރިތިކް ނޫނަސް މި އިވެންޓަށް ހާޒިރުވި ގިނަ ނޫސްވެރިންނަށް ވެސް ޕޫޖާގެ ރީތިކަމާއި އޭނާގެ ކިބައިގައި ހުރި ގިނަ ބަތަލާއިންގެ ނުހުންނަ ހުނަރުވެރި ރީތި ސިފަތަކެއް ފާހަގަކުރެވިގެން އެ ވާހަކަތައް ލިޔެފައިވެ އެވެ. ބައެއް ނޫސްވެރިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި ބޮލީވުޑްގައި ރަނިކުރަން ކުރުމުގެ ގާބިލްކަން ޕޫޖާގެ އެބަހުއްޓެވެ.
އިންޑަސް ވެލީ ސިވިލައިޒޭޝަންގެ ޒަމާނުގައި ހިނގި ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ކުޅެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ "ލަގާން" އާއި "ޖޯދާއަކް އަކްބަރް" ފަދަ ތާރީޚީ ރީތި ފިލްމުތަކެއް އުފައްދާފައިވާ އަޝޫތޯޝް ގޮވަރިކަރް އެވެ. ފިލްމް ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް 12 ވަނަ ދުވަހު އެވެ.