02 މާޗް 2018 - 07:43

ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ މި ފަހުން ބޮޑު ސްކްރީނުން ފެނުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެންމެ ފަހުން އޭނާ ފިލްމެއްގެ ބޮޑު ރޯލަކުން ފެނުނީ އަމިއްލަ އަށް ޑައިރެކްޓްކޮށް، ކުރީގެ ފިރިމީހާ އަދި އެކްޓަރު ބްރެޑް ޕިޓާ އެކު ކުޅުނު 2015 ގެ ފިލްމް "ބައި ދަ ސީ" އިންނެވެ.

އޭގެ ފަހުން ޖޮލީ އެއްވެސް ފިލްމެއް ކުޅޭކަށް ސޮއެއް ނުކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން 2014 ގައި ރިލީޒް ކުރި ފިލްމް "މެލަފިޝަންޓް" ގެ ދެވަނަ ބައިން ވެސް އޭނާ ފެންނާނެ އެވެ.
ނަމަވެސް މި ފަހަރު މިއޮތީ ޖޮލީގެ ފޭނުން އުފާވާ ކަހަލަ ވާހަކައެކެވެ. އޭނާ ބައޮޕިކަކުން ފެނުނު ފުރުސަތު ބޮޑެވެ. ޑިވަޖެންޓް (2014) އާއި ލިމިޓްލެސް (2011) ގެނެސް ދިން ޑައިރެކްޓަރު ނީލް ބާގާ އަލަށް ފަށާ އެކަމަކު އަދި ނަމެއް އިއުލާންކޮށްފައި ނުވާ ބައޮގްރަފިކަލް ޑްރާމާ ޖޮލީ އަށް ވަނީ ހުށަހަޅައިފަ އެވެ.
މި ފިލްމަކީ އެމެރިކާގެ އަސްކަރިއްޔާ އިން އަފްގާނިސްތާނުގައި ހިންގި ވަރުގަދަ އޮޕަރޭޝަނުގައި ދެއްކި ކުޅަދާނަ ކަމާއި ހިތްވަރުގެ ސަބަބުން އެ ގައުމުގެ ރައީސްގެ ނަމުގައި ދޭ "ޕާޕަލް ހާޓް މެޑަލް" ހާސިލްކޮށްފައިވާ މޭޖާ މޭރީ ޖެނިންސް ލިޔެފައިވާ ބައޮގްރަފީ "ޝޫޓް ލައިކް އަ ގާލް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. މިދިޔަ އަހަރު ނެރުނު މި ބައޮގްރަފީގައި މޭރީ ވަނީ އޭނާގެ ހަނގުރާމައިގެ ތަޖުރިބާތައް ވަރަށް ތަފުސީލްކޮށް ހިއްސާކޮށްފަ އެވެ.
މޭރީގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނަން އަމާޒު ހިފާފައިވާ އިރު، ފިލްމްގެ ސްކްރީންޕްލޭ ލިޔަނީ ޑައިރެކްޓަރު ނީލް އާއި އެލީސް އޯނީލް އެވެ. މި ދެ މީހުން އެންމެ ފަހުން އެކުގައި މަސައްކަތް ކުރި ޕްރޮޖެކްޓަކީ ޝޯޓައިމްގެ ސިލްސިލާ "ބިލިއަންސް" އެވެ.
ގޯތަމް ގްރޫޕުން ޕްރޮޑިއުސް ކުރާ ފިލްމްގެ މަސައްކަތް ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެހެންވެ ފިލްމް ސިނަމާ ގެންނާނެ ތާރީހަކާ ބެހޭ ގޮތުން އަދި ގޮތެއް ނިންމަ އެވެ. އެކަމަކު ވަރުގަދަ އަންހެނެއްގެ ރޯލުން ޖޮލީ ސްކްރީނަށް އެނބުރި އައުމަކީ އޭނާގެ ފޭނުން ނިކަން އުފާވާނެ ކަމެކެވެ.
އޭނާގެ އެންމެ ފަހުގެ މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރެވެނީ މިދިޔަ އަހަރު ޑައިރެކްޓްކޮށް ނެރުނު "ފަސްޓް ދޭ ކިލްޑް މައި ފާދާ" އެވެ.