17 ޖުލައި 2016 - 09:07

ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 15 އަހަރުން ދަށުގެ ކެޑޭޓް ކެޓަގަރީން ރާއްޖޭގެ އަންހެން ޓީމު ލޯ މެޑަލް ހޯދިއިރު ޑަބަލްސް ކެޓަގަރީން އައިޝަތު ރަފާ ނާޒިމާއި ލައިސާ ފަތުހުﷲ ރިހި މެޑަލް ހޯދައިފި އެވެ.
ފަނަރަ އަހަރުން ދަށުގެ ކެޓަގަރީގައި ރާއްޖެ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން ޕާކިސްތާން އަތުން ވަނީ މޮޅުވެފަ އެވެ. އެކަމަކު ދެ ވަނަ މެޗުން ނޭޕާލް އަތުން 3-1 އިން ބަލިވުމުން ރިހި މެޑަލް ހޯދުމުގެ ފުރުސަތު ގެއްލުނީ އެވެ.
ރަފާ އާއި ލައިސާ އަދި އައިމިނަތު މަލީޝާ މުއާޒް ހިމެނުނު ޓީމުން ވަނީ 18 އަހަރުން ދަށުގެ ކެޓަގަރީން ރިހި މެޑަލް ހޯދައިފަ އެވެ. އެ ކެޓަގަރީގައި ރާއްޖެ ވަނީ ނޭޕާލާއި ޕާކިސްތާން އަތުން 3-2 އިން މޮޅުވެފަ އެވެ.
ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޭމް ރާއްޖޭގެ ރަފާ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ދެ ވަނަ ގޭމާއި ތިން ވަނަ ގޭމުން ލައިސާ އަދި މަލީޝާ ވަނީ ސީދާ ތިން ސެޓުން ބަލިވެފަ އެވެ. ޕާކިސްތާން ލީޑު ނަގާފައިވަނިކޮށް ރާއްޖޭން މެޗު ކާމިޔާބުކުރީ ރަފާ އަދި ލައިސާ ފަހު ދެ މެޗު ސީދާ ތިން ގޭމުން ކާމިޔާބުކުރުމުންނެވެ.
މީގެ ތެރެއިން ރަފާ އަކީ މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ސީނިއާ ޓީމުގައި ވެސް ހިމެނުނު، އަދި ރާއްޖޭގެ އެންމެ އުއްމީދީ އަންހެން ކުޅުންތެރިޔާ އެވެ.
ރާއްޖޭގެ އަންހެން ޓީމު މުބާރާތް ނިންމާލީ ތިން މެޑަލާ އެކު އެވެ. އަށާރަ އަހަރުން ދަށުގެ ކެޓަގަރީން ރިހި މެޑަލް އަދި 15 އަހަރުން ދަށުގެ ކެޓަގަރީން ލޯ މެޑަލް ހޯދިއިރު ޑަބަލްސް އިވެންޓުން ރަފާ އާއި ލައިސާގެ ޕެއާ ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.