03 މާޗް 2018 - 08:10

އެ ބޭފުޅުންގެ ދުލުން އިވުނު އެންމެ ޝައުގުވެރިކުރުވަނިވި ވާހަކައަކީ މިއީ އެވެ: މި ތިބީ "އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގަނެ، އަތުގުޅާލައިގެން" ނެވެ. މިއީ އެކި ތުހުމަތުތަކުގައި ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ އަނބިއަނބިކަނބަލުންގެ ޝުއޫރެވެ. އެ ބޭފުޅުންގެ ވާހަކަތަކުން އެނގުނު ގޮތުގައި ތިއްބެވީ ދޫދޭ ގޮތަކަށް ނޫނެވެ. ކޮންމެ ކަމަކާ ކުރިމަތިލައްވަން ވެސް ފިސާރި ކެރިގެންނެވެ.

ޖަލުގައި ތިއްބެވި ނުވަ ބޭފުޅެއްގެ އަނބިއަނބިކަނބަލުން ސައި މޭޒެއްގެ ދޮށުގައި ތިއްބެވި ފޮޓޯ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތެވެ. އެ ގުޅުން ކުއްލިއަކަށް އުފެދުނީ ކީއްވެތޯ ވެސް ބައެއް މީހުން ސުވާލުކުރި އެވެ. އެއްބައެއްގެ ނަޒަރުގައި އެއީ ފިސާރި، ޖޯޝުގައި ތިއްބެވި ބޭފުޅުންކޮޅެކެވެ. ކެތްތެރި، ހިތްވަރުގަދަ އަނބިންތަކެކެވެ.
މި ހުރިހާ ބޭފުޅުންގެ ވެސް އޮތީ އެއް ބޭނުމެކެވެ. ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރަށް ފަހު "ރަހީނުކޮށްފައި" ތިބި ބޭފުޅުން ސަލާމަތްކުރުމެވެ.
1- ނަސްރީނާ އިބްރާހީމް (ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން)
2- މަރިޔަމް ނަޝްވާ (ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލުން)
3- ޔުމްނާ މައުމޫން (އަހުމަދު ނަދީމްގެ އަނބިކަނބަލުން)
4- އަފާފް އަބްދުލްމަޖީދު (ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އަނބިކަނބަލުން)
މި ހުރިހާ ބޭފުޅުން އެކަތިގަނޑެއްގެ ގޮތުގައި ތިއްބެވިކަން ހާމަކޮށްދެއްވަން އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) އެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެންގެ އަމާޒަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވީހާވެސް އަވަހަކަށް "ބަލިކޮށްލު"މެވެ.
"މިއިން ކޮންމެ އަންހެނެއްގެ ދަރިން އެބަ ތިބި. ކޮންމެ މީހެއްގެ ވެސް ހިތުގެ ޝުއޫރުތައް ހުންނާނެ ފިރިމީހާއާ ވަކިން އުޅެން ޖެހޭތީ. އާއިލީ ބައްދަލުވުންތައް ލިބެނީކީ ނޫން،" ނަޒޫ ވިދާޅުވި އެވެ.
"އެންމެން ވެސް ގުޅިގެން މަސައްކަތް ކުރަން މި ފެށީ މިއަދުގެ ހާލަތު އިހްސާސް ކުރެވޭތީވެ."
އޭނާއެކޭ އެއްގޮތަކަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާގެ ވިސްނުން ވެސް ހުރީ އެކަހަލަ ގޮތަކަށެވެ. ސުޕްރީމް ކޯޓުން ކުރި އަމުރު ސަރުކާރުން ތަންފީޒު ނުކުރި ނަމަވެސް ހަތަރު ބޭފުޅުން ވެސް ބޭނުންވީ ބޭރަށް ނުކުންނަވައި، ފިރިންގެ ހައްގުގައި ކުރެއްވުނު މަސައްކަތެއް ކުރައްވާށެވެ.
ނަޝްވާ ވިދާޅުވީ މިގޮތަށް އެކުވެގެން މަސައްކަތް ކުރުމަކީ މީގެ ކުރިން ހިޔާލަށް ވެސް ގެނެވުނު ކަމެއް ނޫން ކަމަށެވެ.
"އަމާޒަކީ ކޯޓުގެ އަމުރު ތަންފީޒުވެފައި، ގައުމު އެހެން ހާލަތަކަށް ބަދަލުކުރުން. އަދި މިވަގުތު ރަހީނުކޮށްފައި ތިބި އެންމެން މިނިވަންކޮށް ގައުމު އަމާންކުރުން،" ނަޝްވާ ވިދާޅުވި އެވެ.
"ރަހީނުކުރުމޭ" އެ ބޭފުޅުން ވިދާޅުވަނީ، ހުކުމުގައި ތިއްބެވި ސިޔާސީ ބޭފުޅުންތަކެއް ވަގުތުން މިނިވަންކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ސަރުކާރުން ތަންފީޒު ނުކުރުމުންނެވެ. އެހެންކަމުން ފެބްރުއަރީ 1 ގެ އަމުރަށް ފަހު އެ ބޭފުޅުން ޖަލުގައި ތިއްބެވުމަކީ "ރަހީނުކުރުން" ކަމަށް ދެކެވަޑައިގަންނަވަނީ އެވެ.
ނަޒޫގެ ނަޒަރުގައި ކެރޭ އަންހެން ބޭފުޅުންކޮޅެއް "މޭ އައްޑަނައަކަށް" ހައްދަވައިގެން ނިކުންނެވުމުން އެންމެ ބޮޑަށް އަސަރު ކުރާނެ އެއް ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީނެވެ.
ނަޒޫ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި އެ ބޭފުޅުންގެ ފަރާތުން އެކި ކަންކަން ފެންނާނެ އެވެ.
"ސޯޝަލް މީޑިއާގައި އަދާކުރާ ދައުރު އިތުރަށް ފުޅާކުރުމަކީ އަމާޒެއް. އާއިލާތަކަށް ވާ އުނދަގޫތައް ރައްޔިތުންނާ ހިއްސާކުރަން ބޭނުންވަނީ،" ނަޒޫ ވިދާޅުވި އެވެ.
"ނުހައްގުން ޖަލަށް ލާފައި ތިބި ބޭފުޅުންނަކީ ކުށެއް ކުރައްވާފައި ތިއްބެވި ބޭފުޅުންނެއް ނޫން. އެހެންވެ، އާއިލާތައް މިވަގުތު ތިބީ ވަރަށް ބޮޑު ހިތްދަތިކަމެއްގައި."
އެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ގާނޫނީ ގޮތުން ރައްޔިތުންނަށް ލިބެން ޖެހޭ ހުރިހާ ހައްގުތަކެއް ލިބެން އޮތީ ރައީސް ޔާމީން، ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން މަގާމުން ވަކިކޮށްގެންނެވެ. ރައީސް ޔާމީން ވެރިކަމުގައި ހުންނެވިހާ ހިނދަކު، އިންސާފު ނުލިބޭނެ ކަން އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
5- ޝާދިޔާ އާދަމް (ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ އަނބިކަނބަލުން)
6- ފަހުމާ އަހުމަދު (މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ނިހާނުގެ އަނބިކަނބަލުން)
7- މަރިޔަމް ރީމާ (އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ އަނބިކަނބުން)
8- އައިޝަތު ލީޝިޔާ (ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސްގެ އަނބިކަނބަލުން)
9- އައިޝަތު މާޝާ (ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން)
10- ނަޒްރާ ނަސީމް (ނަޒޫ) (ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ އަނބިކަނބަލުން)
މި ހުރިހާ ބޭފުޅުންނަށް އެހީތެރިވުމުގެ އިސް ސަފުގައި ތިއްބެވީ އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ވެރިޔާ ޝިދާތާ ޝަރީފާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަންގެ އައިމިނަތު ނާދިރާ އެވެ. ނާދިރާ އާއި ޝިދާތާއާ އެކު، "ސިޔާސީ ސައްލާއެއް"ގައި ޝާދިޔާ، ފަހުމާ، ރީމާ، ލީޝިޔާ، މާޝާ އަދި އަފާފް ބައިވެރިވެވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ.
ޝިދާތާ ސިފަކުރެއްވި ގޮތުގައި މިއީ "ގަދަ އަނބިންތަކެ"ކެވެ.
ނަޒޫ އާއި ނަޝްވާ ވިދާޅުވީ މި ހުރިހާ ބޭފުޅުން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް ހިތްވަރު ދެއްވީ ޝިދާތާ އާއި ނާދިރާގެ އިތުރުން މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނެވެ. މިއީ އިދިކޮޅު ހަރަކާތްތަކުގައި ފަހަކަށް އައިސް ފެންނަ އާންމު މޫނުތަކެވެ. އެ ތިން ބޭފުޅުންގެ އެހީތެރިކަމާ ނުލައި، މި މަސައްކަތް ކާމިޔާބު ނުވީސްކަން ނަޝްވާ އާއި ނަޒޫ ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑުމެންނަކީ އެކްޓިވިސްޓުންގެ ގޮތުގައި މަސައްކަތް ކުރާ ބައެއް ނޫން. އެކަމަކު މީތި ލީޑް ކުރަމުން މިހާރު އެ ދަނީ ޝިދާތާ އާއި ނާދިރާ އާއި ޔުމްނާ އަދި ނަޒޫ. އެމީހުންގެ ފަރާތުން ދެން ތިބި މީހުންނަށް ވަރަށް ބޮޑު ހިތްވަރެއް މި ލިބެނީ ހަގީގަތުގައި،" ނަޝްވާ ވިދާޅުވި އެވެ.
ނަޒޫ ވިދާޅުވީ އެ ބޭފުޅުންގެ "ޓީމާ އެކު" މަސައްކަތް ކުރުމުގެ ފުރުސަތު ކޮންމެ އަންހެނަކަށް ވެސް އެބަ އޮތް ކަމަށެވެ.
ނަޝްވާގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރާނެ އިތުރު މީހުން ލިބި، ޓީމު ބޮޑުވުމެވެ.
"ހުރިހާ އެންމެން ވެސް ވަރަށް އެކުވެރި. އެއް ވިސްނުމެއްގައި މަސައްކަތް މި ކުރަނީ،" ނަޝްވާ ވިދާޅުވި އެވެ.
"އެންމެން އެއްކޮށް ނިކުތުމުން ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ. ފަސްނުޖެހި މަސައްކަތް ކުރާ ވަރަށް ހިތްވަރު ލިބިއްޖެ."
މި ހުރިހާ ބޭފުޅުން ސައި މޭޒު ދޮށުގައި ތިއްބެވި ފޮޓޯ އިން އެކަން ބުނެދެ އެވެ.