ބެލުންތެރިންނަށް "ލީނާ" ކަމުދާނެ: އައްޒަ
ބެލުންތެރިންނަށް "ލީނާ" ކަމުދާނެ: އައްޒަ

މިދިޔަ އަހަރު އެންމެ ގިނައިން ސްކްރީނުން ފެނުނު ބަތަލާ މަރިޔަމް އައްޒަގެ މި އަހަރުގެ ފުރަތަމަ ފިލްމަކަށް ވާނީ "ލީނާ" އެވެ. އއ. އުކުޅަހުގައި ޝޫޓިން ނިންމާލައި، ޓީމް މިހާރު މާލެ އައިސްފައިވާ އިރު، ފިލްމްގެ ޓައިޓްލް ރޯލް ކުޅުނު އައްޒަ ބުނީ އޭނާ ހުރީ ކުރެވުނު މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ.

ބެލުންތެރިންނަށް "ލީނާ" ކަމުދާނެ: އައްޒަ
ބެލުންތެރިންނަށް "ލީނާ" ކަމުދާނެ: އައްޒަ

"ލީނާ" އަކީ މީގެ އަހުރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާތެރޭގައި މަރާލި އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

އައްޒަ ބުނީ އޭނާ ފިލްމްގައި ކުޅުނު ރޯލާ ބެލުންތެރިން ވަރަށް ގަޔާވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"މީގެ ބޮޑު މާ ޑިޓެއިލްއަކަށް އަދި ދެވޭކަށް ނެތް. އެކަމަކު އޯޑިއަންސް ވަރަށް ލައިކަބަލްވާ ކަހަލަ ރޯލަކަށް އައްޒަގެ ރޯލްވެގެން ދާނީ،" މިދިޔަ އަހަރު ހަތަރު ފިލްމަކުން ފެނުނު ބަތަލާ ބުންޏެވެ. "އަހަރެން މިހިރީ ހަމަ ކުރެވުނު މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި."

އައްޒަ ބުނި ގޮތުގައި އެންމެ ބޮޑަށް ބެލީ ޑައިރެކްޓަރު/އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ބޭނުންވި ގޮތަށް ހުނަރު ދައްކައިލެވޭތޯ އެވެ.

"ޑައިރެކްޓަރު ބޭނުންވި ގޮތަށް އަހަންނަށް މަސައްކަތް ކުރެވިފައި ހުރި ކަމަށް ގަބޫލު ކުރަނީ. އޭނަގެ ވިޝަން އަށް އަހަރެން ފޯކަސް ކުރީ،" އޭނާ ބުންޏެވެ.

"ލީނާ" ގެ ކާސްޓުންގެ ތެރޭގައި އަހުމަދު ނިމާލް، ޒީނަތު އައްބާސް އަދި އަހުމަދު ސައީދު ފަދަ ތަޖުރިބާކާރު ތަރިން ހިމެނެ އެވެ. އޭގެ އިތުރުން ޒުވާން ދެ ތަރިން ކަމަށްވާ އަލީ (ދޮންއައްޔަ) އާޒިމާއި ނުޒުހަތު (ނުޒޫ) ޝުއައިބް ވެސް ފިލްމުން ފެނިގެން ދާނެ އެވެ.

"އަސްލު ވަރަށް ރަނގަޅު އެކްސްޕީރިއަންސެކޭ ބުނެވެނީ މިއީ. ވަރަށް ފަންކޮށް ފިލްމްގެ ޝޫޓިން ކުރިއަށް ދިޔައީ. އެންމެން ވެސް ވަރަށް ގުޅިގެން މަސައްކަތް ކުރީ،" ބިރުވެރި ފިލްމް "4426" އިން ވިދާލި ބަތަލާ ބުންޏެވެ.

"ލީނާ" ގެ މަސައްކަތަށް ފަހު، އައްޒަގެ އިތުރު ފިލްމްތަކެއް ވެސް ކުރިއަށް އެބަ ހުއްޓެވެ. އެގޮތުން މިހާރު ވެސް ދެ ފިލްމެއް އޮތީ ކަށަވަރުވެފަ އެވެ. އޭގެ ތެރެއިން އެކައްޗަކީ އާއިލީ ފިލްމް ކުންފުނި ޔާރާ ޕްރޮޑަކްޝަނުން ހަދާ ފިލްމެކެވެ.

"އިތުރު އެހެން ޕްރޮޖެކްޓްތަކަކަށް ވެސް ވާހަކަ ދެކެވެމުން އެބަދޭ،" އައްޒަ ބުންޏެވެ.