01 މާޗް 2018 - 13:41

ކޮލަމްބޯ (މާޗް 1) - ސްރީ ލަންކާގެ ބަނދަރުތަކާއި ހައިވޭތައް ހަދަން ފުރަތަމަ ހުށަހެޅީ އިންޑިއާ އަށް ކަމަށާއި އެކަމަކު އެކަން ކުރަން އިންޑިއާ އިން ޝައުގުވެރި ނުވީ ކަމަށް ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
"ބަނދަރުތަކާއި ހައިވޭ މަޝްރޫއުތައް ފުރަތަމަ ހުށަހެޅީ އިންޑިއާ އަށް. އެކަމަކު އިންޑިއާ އިން ކޮންމެވެސް ވަރަކަށް ޝައުގުވެރިވި ހަމްބަންޓޯޓާގައި ބަނދަރެއް ހެދުމަށް. އެހެންނަމަވެސް އެއީ ހަނގުރާމައިގެ ދުވަސްވަރަށް ވުމުން ސަރުކާރުން އެކަން ކުރަން އޭރު ބޭނުން ނުވީ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރާޖަޕަކްސާ އިއްޔެ ވިދާޅުވި އެވެ.
ރާޖަޕަކްސާ ވިދާޅުވީ ސްރީ ލަންކާގެ މަޝްރޫއުތައް ޗައިނާ އަށް ހުށަހެޅުމުން އެ ގައުމުން ވަގުތުން ޝައުގުވެރިވި ކަމަށެވެ.
"އެއީ މުޅިން ވިޔަފާރިއާ ގުޅިފައިވާ މަޝްރޫއުތައް. އެ މަޝްރޫއުތަކުގެ އަގު ހޯދާނެ ގޮތް ޗައިނާ އަށް އެނގޭ،" ރާޖަޕަކްސާ ވިދާޅުވި އެވެ.
ލަންކާގެ ކުރީގެ ރައީސް ވިދާޅުވީ މިހާރުގެ ސަރުކާރުން ކުރާ ކަމަކީ ތަންތަން ވިއްކުން ކަމަށެވެ. އަދި އޭނާގެ ވެރިކަމުގައި ޕްރައިވެޓައިޒޭޝަންގެ ސިޔާސަތަށް ތަބާވެފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވެރިކަމުގައި ޕްރައިވެޓައިޒޭޝަނެއް ނޯންނާނެ. މިހާރުގެ ސަރުކާރުން އެ ދަނީ ތަންތަން 99 އަހަރަށް ވިއްކަމުން،" ހަމްބަންޓޯޓާ ބަނދަރު ޗައިނާ ކުންފުންޏަކަށް 99 އަހަރަށް ދިނުމަށް އިޝާރާތް ކުރައްވާ ރާޖަޕަކްސާ ވިދާޅުވި އެވެ.
ދާދި ފަހުން ނިމުނު ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތް ކުރައްވާ ރާޖަޕަކްސާ ވިދާޅުވީ އެއީ ހަމައެކަނި ލޯކަލް ކައުންސިލް އިންތިޚާބެއް ނޫން ކަމަށާއި އެއީ ވޭތުވެދިޔަ ތިން އަހަރު ސަރުކާރުން ކަންކުރި ގޮތާ މެދު ރައްޔިތުން ހިތްހަމަ ނުޖެހޭތީ ސަރުކާރަށް ތާއީދު ނެތްކަން ދައްކުވައިދިން ވޯޓެއް ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ރާޖަޕަކްސާގެ ޕާޓީ ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ.