އަސަދުﷲ އެނބުރި އަންނަން މާގިނަ ދުވަހެއް ނެތް
އަސަދުﷲ އެނބުރި އަންނަން މާގިނަ ދުވަހެއް ނެތް

އަނިޔާ އަށް ފަހު މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށާއި ގިނަ ދުވަސްތަކެއް ނުވެ އޭނާ އެނބުރި އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

އަސަދުﷲ ގެ ވާތު ކަކުލަށް ހާނިއްކަވީ މިދިޔަ އޮގަސްޓް މަހު 19 ވަނަ ދުވަހު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ އަތުން 1-0 އިން މާޒިޔާ މޮޅުވި މެޗުގަ އެވެ. އަސަދުﷲގެ ވާތު ކަކުލުގެ މެނިސްކަސް އާއި ލިގަމެންޓްގެ ސާޖަރީ ހެދީ އިންޑިއާގެ ކޮއިމްބަތޫރުގެ އޯރުތޯ-ވަން އޮރުތޮޕެޑިކް ސްޕެޝިއަލްޓީ ސެންޓަރުގައި މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.

"އަސަދުﷲ އޮޕަރޭޝަނަށް ފަހު މިހާރު ފިޒިއޮތެރަޕިސްޓުގެ ލަފާގެ މަތިން ކުރިއަށްދަނީ. ޖިމް ޕްރޮގްރާމްތައް އިންސްޓްރަކްޓަރުގެ ލަފާގެ މަތިން އެބަ ކުރިއަށް ގެންދާ. ދެން މަޑުމަޑުން އަޅުގަނޑުމެންގެ ޕްރީ ސީޒަންގެ ވެސް ލޯ އިންޓެންސިޓީ ޓްރެއިނިންގައި ވެސް ބައިވެރިވަމުން އައީ،" އަސަދުﷲ ބުންޏެވެ.

އޭނާ ބުނީ އަސަދުﷲ އަންނަނީ "ދުވަހެއް ދުވަހެއް ރަނގަޅުވަމުން" ކަމަށާއި "އުއްމީދުކުރަނީ ވީހާ ވެސް އަވަހަކަށް ދަނޑުމަތިން ފެންނާނެ ކަމަށް" ކަމަށެވެ.

"މާކަށް ގިނަ ދުވަހެއް ނުނަގާނެ ދަނޑުގެ މަތިން ފެންނާކަށް،" އިންމަ ބުންޏެވެ.

މިދިޔަ ސީޒަނުގައި އަސަދުﷲ އަށް އަނިޔާވުމުން މާޒިޔާ އެޓޭކުގައި ގިނަ މައްސަލަތަކެއް ދިމާވި އެވެ. އަދި އަސަދުﷲ ނެތްތަން ފޫބެއްދުމަކީ ފަސޭހަކަމެއް ނޫން ކަމަށް އޭރު މާޒިޔާގެ ކޯޗު މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮސްކީ ވެސް ވަނީ ބުނެފަ އެވެ. އަދި އިންމަ ވެސް ވަނީ އަސަދުﷲ ނެތުމަކީ ޓީމަށް އޮތް ގެއްލުމެއް ކަމަށް ބުނެފަ އެވެ.

މާޒިޔާގެ ފޯވާޑް ލައިން މިހާރު ބަލަހައްޓަނީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދެއްކި ސެއިންޓް ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވަޓާއި ނާއިޒް ހަސަން (ދާދު) އެވެ. އަސަދުﷲ އާ އެކު އެ ޓީމުގެ ކުރި އިތުރަށް ވަރުގަދަވެގެންދާނެ އެވެ.

އާ ސީޒަނުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން އެސްޓީއޯ މާލޭ ލީގުގައި ކްލަބް ގްރީންްސްޓްރީޓްސްއާ 2-2 އިން ވަނީ އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގައި މާދަމާރޭ ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.