02 މާޗް 2018 - 07:51

އެންމެ ލޯބިވާ މީހާގެ އަތުގައި ހިފައިގެން ހުރުމުން އަންހެނުންނަށް ތަދު އިހްސާސް ކުރެވޭލެއް ކުޑަވާކަމަށް ދިރާސާއަކުން ހާމަވެއްޖެ އެވެ.
އެމެރިކާގެ ޔުނިވަސިޓީ އޮފް ކޮލަރާޑޯގެ ސައިންސްވެރިން މިކަން ސާބިތުކުރުމަށްޓަކައި އަންހެނުންތަކަކަށް ކޮންމެވެސް ވަރެއްގެ ތަދެއް އިހްސާސް ކުރުވުމަށްފަހު އެކި ހާލަތްތަކުގައި އެމީހުންނަށް ތަދު އިހްސާސްވި މިންވަރު ބުނެދޭން އެދުނެވެ.
މި ހޯދުމުގައި ބައިވެރިކުރީ މިފަދަ ތަފާތު އެކްސްޕެރިމެންޓްތަކުގައި ބައިވެރިވާން އެދުނު 20 ޖޯޑެކެވެ. މިގޮތުން ހެދި އެކްސްޕެރިމެންޓްތަކުގެ ތެރޭގައި އަންހެންމީހާ ހޮޅިއެއްގައި ހިފަހައްޓައިގެން ހުއްޓާ އެއިން ހޫނުފެން ދޫކޮށްގެން އޭނާއަށް އިހްސާސް ކުރުވައިގެން ކުރި ތަހުލީލެއް ވެސް ހިމެނެ އެވެ.
ޖާނަލް ޕީއެންއޭއެސްގައި ޝާއިއުކޮށްފައިވާ މި ހޯދުމުގައި ބުނެފައިވާ ގޮތުގައި ތަފާތު ހާލަތްތައް މެދުވެރިކުރުވި އަންހެނުންނަށް ތަދު އިހްސާސް ކުރެވިފައިވާ ގޮތް ވެސް ތަފާތެވެ.
އެ ތަހުލީލުގައި އަންހެންމީހާގެ އަތަށް ހޫނުފެން އަޅާއިރު ފިރިހެންމީހާ ހުންނަނީ އޭނާގެ އަނެއް އަތުގައި ހިފަހައްޓައިގެންނެވެ. އަނެއް ފަހަރު ހޫނުފެން އަޅާއިރު އޭނާ އިންނަނީ ކައިރީގައި އިށީނދެގެންނެވެ. ނަމަވެސް އަތުގައި ނުހިފަހައްޓަ އެވެ.
މި ރިޕޯޓުގައި ސައިންސްވެރިން ފާހަގަކޮށްފައިވާ ގޮތުގައި ތަދު އިހްސާސްވާއިރު ބައިވެރިޔާގެ އަތުގައި ހިފަހައްޓައިގެން ތިބި މީހުންނަށް ތަދުވެފައި ވަނީ އެހެން ފަހަރުތަކަށް ވުރެ ކުޑަކޮށެވެ.
މި ހޯދުމުގައި ބުނެފައިވާ ގޮތުގައި ތަދުވާއިރު އެހެން މީހަކު އަތުގައި ހިފަހައްޓައިގެން ހުރުމުން ތަދުވާ މީހާއަށް ދެ ގޮތަކުން ފައިދާ ކުރެ އެވެ. ފުރަތަމަ ގޮތަކީ އަތްލުމުން ނުވަތަ ނުވަތަ އަތްލައިގެން ހުރުމުން ސިކުނޑިން ރިލީޒްކުރާ ކެމިކަލްއަކުން ތަދު ތަހައްމަލުކުރަން ފަސޭހަވަނީ އެވެ.
ދެވަނަ ގޮތަކީ ދެމަފިރިންގެ މެދުގައި އޮންނަ ގާތް ގުޅުމުގެ ސަބަބުން ތަދުކަނޑުވާ ކަހަލަ އަސަރުތަކެއް ސިކުނޑިއަށް ވެރިވަނީ އެެެވެ.