03 މާޗް 2018 - 06:57

މިދިޔަ ހަފުތާގައި މަރުވި، މަޝްހޫރު ބަތަލާ ޝްރީދޭވީއަށް އޭނާގެ ފޭނުން ދިން ލޯބި އޭނާގެ ދަރިންނަށް ދިނުމަށް އާއިލާއިން އެދެފި އެވެ.
ސްރީދޭވީގެ ޖަނާޒާއަށް ފަހު އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ ސްރީދޭވީ ދެކެ މީހުންވީ ލޯތްބާއި ކުރި އިހްތިރާމްމ ސްރީދޭވީގެ ދެ ދަރިން ކަމަށްވާ ޖާންވީ އާއި ޚުޝީ މުޅި އުމުރަށް ހަނދާން ކުރާނެ ކަމަށެވެ.
އާއިލާ އިން އެދެނީ ސްރީދޭވީ އަށް ފިލްމު އިންޑަސްޓްރީ އާއި ފޭނުން ދިން ލޯބި އޭނާގެ ދެ ކުދިންނަށް ދިނުން ކަމަށާއި އެކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުންކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"އެ ކުދިން މަންމަގެ ފޮނި ހަނދާންތައް އަބަދުވެސް ކުރާނެ ފަދަ ގޮތަކަށް އެކުދިންނާ ދޭތެރޭ ކަންތައް ކޮށްދިނުން އެދެން. އަދި މަންމަގެ ހުވަފެންތައް ހަގީގަތަކަށް ހަދައި ދިރިއުޅުމެއް ބިނާ ކުރުމުގައި އެކުދިންނަށް އެހީތެރިވެދިނުން އެދެން،" ބަޔާނުގައިވެ އެވެ.
ސްރީދެވީ މަރުވީ މިދިޔަ މަހު 24 ވަނަ ދުވަހު އެވެ. އެންމެ ކުރިން ޚަބަރުތައް އިވުނު ގޮތުގައި އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ނަމަވެސް ޕޯސްޓް މޯޓަމް ރިޕޯޓްގައިވާ ގޮތުން އޭނާ މަރުވީ ބާތުޓަބް ތެރެއަށް ވެއްޓި ގެނބިގެންނެވެ.