02 މާޗް 2018 - 07:45

ބިރުވެރި ހިންދީ ފިލްމެއް ސިނަމާތަކަށް ނާންނަތާ ވަރަށް ގިނަ ދުވަސްތަކަކަަށްފަހު މީގެ ފިލްމެއް މި ހަފުތާގައި ރިލީޒްކުރާނެ އެވެ. އެއީ އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކޮށް ލީޑް ރޯލު ކުޅެފައިވާ "ޕަރީ" އެވެ. ފިލްމު ޕްރޮމޯޓްކުރުމަށް ގެންގުޅޭ އުސޫލުގެ ދަށުން ވަރަށް ބިރުވެރި ސިފައެއްގައި އަނުޝްކާ ހުންނަ ބޮޑެތި ޕޯސްޓަރުތަކެއް އިންޑިއާގެ ސިނަމާތަކުގައި ވަނީ ތަތްކޮށްފަ އެވެ. ގިނަ ބަޔަކު މި ޕޯސްޓަރުތައް ސިފަކުރަނީ ސިނަމާތައް ވެސް ނާމާންކޮށްލި ފޮޓޯތަކެއްގެ ގޮތުގަ އެވެ.
މި ފިލްމުގެ ވާހަކައާ ބެހޭ މާ ގިނަ އެއްޗެހި ހާމަކޮށްފައެއް ނުވެ އެވެ. ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ވެސް ކޮށްފައިވަނީ ވަރަށް ކުޑަކޮށެވެ. ފިލްމުގެ ހަގީގީ ސަސްޕެންސް މީހުންނަށް އެނގިދާނެތީ އެވެ.
މި ފިލްމުގައި އަނުޝްކާ ކުޅެނީ ރުޚްސާނާ ކިޔާ ވިޗް އެއްގެ ރޯލެވެ. ޕްރޮސިތު ރޯއީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަނުޝްކާގެ އިތުރުން ރަޖަތު ކަޕޫރު، ޕަރަމްބްރާތާ ޗެޓަޖީ މުހިއްމު ރޯލުތައް ކުޅެފައިވެ އެވެ.
ފިލްމުގެ ޓްރެއިލާތަކަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
މި ފިލްމުގައި އަނުޝްކާގެ ބިރުވެރި ސިފަ ޖެއްސުމުގައި އިސްކޮށްހުރީ ބްރިޓިޝް ޕްރޮސްތެޓިކްސް ޑިޒައިނާ ކްލޯވާ ވޫޓަން އެވެ. އޭނާ ދާދިފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި "ޕަރީ"ގެ އަނުޝްކާގެ ކެރެކްޓާގައި ވަރަށް ތަފާތު ސިފަތަކެއް ހުންނާނެ ކަމަށެވެ.
ފިލްމާ ބެހޭ ގޮތުން އަނުޝްކާ ބުނި ގޮތުގައި "ޕަރީ" އަކީ ލޯބީގެ ވާހަކައެކޭ ބުނެފި ނަމަ އެންމެން ވެސް ވަރަށް ހައިރާން ވާނެ އެވެ. ނަމަވެސް އެއީ ލޯބީގެ ވާހަކައެއް ކަމަށް އަނުޝްކާ ބުންޏެވެ.
އަނުޝްކާ ޕްރޮޑިއުސްކޮށް މީގެ ކުރިން ނެރުނު "ފިއްލޯރީ" އާއި "އެންއެޗް10" އަކީ ވެސް ވަރަށް ތަފާތު އަދި ޝައުގުވެރި ގޮތަކަށް އުފައްދާފައިވާ ފިލްމުތަކަށް ވާތީ މި ފިލްމު ވެސް މީގެ ކުރިން އުފައްދާފައިވާ ބިރުވެރި ހިންދީ ފިލްމުތަކާ ތަފާތު ވާނެ ކަމަށް ބެލެވެ އެވެ.