ވައިޓްހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަނެއްކާވެސް އިސްތިއުފާ
ވައިޓްހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަނެއްކާވެސް އިސްތިއުފާ

ވޮޝިންޓަން (މާޗް 1) - ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހޯޕް ހިކްސް އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެޑްވައިޒަރެއްގެ ގޮތުން ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި 29 އަހަރުގެ ހިކްސް އަކީ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުން ވަކިވާ ހަތަރު ވަނަ ބޭފުޅާ އެވެ. ވައިޓް ހައުސްގެ ތަރުޖަމާން ސާރާ ސެންޑާސް ވިދާޅުވީ ހިކްސް ވަކިވެވަޑައިގަންނަވާނެ ވަގުތާ ބެހޭ މައުލޫމާތު ލިބިވަޑައިނުގަންނަވާ ކަމަށެވެ. އަދި ހިކްސްގެ އިސްތިއުފާއާ ވައިޓް ހައުސް އިންޓަލިޖެންސް ކޮމިޓީ އަށް ދިން ބަޔާނާ ގުޅުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ސުވާލު ކުރާ އިސް ފަރާތްތަކުގެ ތެރޭގައި ހިކްސް ހިމެނެ އެވެ.

ޓްރަމްޕް އޮގަނައިޒޭޝަންގައި ކުރިން މަސައްކަތް ކުރެއްވި ހިކްސް ވަނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޓްރަމްޕުގެ ޕްރެސް ސެކްރެޓަރީއެއްގެ ގޮތުން މަސައްކަތް ކުރައްވައިފަ އެވެ. ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމާ އޭނާ ހަވާލުވެވަޑައިގެންނެވީ އޮގަސްޓް މަހު އެވެ.

ޓްރަމްޕް އޮގަނައިޒޭޝަންއާ ހިކްސް ގުޅިވަޑައިގެންނެވީ 2014 ވަނަ އަހަރު އެވެ.