ސްރީދޭވީގެ މަރު: ބޯނީ އާއި އަރްޖުންގެ ގުޅުން ރަނގަޅުވެއްޖެ
ސްރީދޭވީގެ މަރު: ބޯނީ އާއި އަރްޖުންގެ ގުޅުން ރަނގަޅުވެއްޖެ

ސްރީދޭވީގެ ކުއްލި މަރާ ގުޅިގެން ހިތާމާގައި ހުރި ފިރިމީހާ ބޯނީ ކަޕޫރަށް އެންމެ ބޮޑު އެހީތެރިކަމެއްދިނީ ދަރިފުޅު އަރްޖުން ކަޕޫރެވެ. ސްރީދޭވީގެ މަރުގެ ޚަބަރު އަރްޖުން އަށް ލިބުނުއިރު އޭނާ ހުރީ ފިލްމެއްގެ ޝޫޓިންއެއްގައި އިންޑިއާގެ ވަރަށް ދުރުހިސާބެއްގަ އެވެ. ނަމަވެސް ޚަބަރު ލިބުމާއެކު ޝޫޓިން ކެންސަލް ކޮށްފައި މުމްބައި އަށް ގޮސް އޭނާގެ އެއްބަފާ ދެ ކުދިން ކަމަށްވާ ސްރީދޭވީގެ ދެ ދަރިން ކަމަށްވާ ޖާންވީ އާއި ޚުޝީ ކައިރިއަށް ގޮސް އެކުދިން ހިތްހަމަޖައްސައިދޭން މަސައްކަތް ފެށި އެވެ. އަދި ފަހުން ބޯނީ އަށް އެހީތެރިވާން ޑުބާއީ އަށް ވެސް ދިޔަ އެވެ.

ސްރީދޭވީގެ ޖަނާޒާގެ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އަރްޖުން އެވެ.

ސްރީދޭވީ އާއި ބޯނީ ކަޕޫރު ކައިވެނިކުރީ ފުރަަތަމަ އަނބިމީހާ އަދި އަރްޖުންގެ މަންމަ މޯނާ ކަޕޫރު ދޫކޮށްލާފައި ގޮހެވެ. އަރްޖުން އާއި ކޮއްކޮ އަންޝުލާ އަކީ މޯނާ އާއި ބޯނީގެ ދެ ދަރިންނެވެ.

މަންމަ ދޫކޮށްލާފައި ގޮސް ބައްޕަ އެހެން މީހަކާ ކައިވެނި ކުރުމުން ބޯނީ އާއި އޭނާގެ ދަރިންގެ ގުޅުން ވަރަށް ގޯސްވި އެވެ. އިތުރަށް މި ކުދިން ހިތްދަތިވާގޮތްވީ ކެންސަރު ބަލީގައި މަންމަ މަރުވުމުންނެވެ. މަންމައަށް ބައްޕަގެ ބޭނުން އެންމެ ބޮޑަށް ޖެހުނު ވަގުތު ބައްޕަގެ އެއްވެސް އެހީތެރިކަމެއް ނުލިބުނުކަން އަރްޖުން އާއި އަންޝުލާ ހަނދާންކުރެ އެވެ.

ނަމަވެސް ދޮންމަންމަ ސްރީދޭވީގެ ކުއްލި މަރާއެކު އަރްޖުން ވަނީ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ބައްޕަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ހައިސިއްޔަތުން އޭނާއަށް ވެވުނު އެންމެ ރަނގަޅަކަށް ހުރިހާ ކަމެއް ކޮށްދީފަ އެވެ. މިކަމުގެ ސަބަބުން ބައްޕަ ބޯނީ އާއި އަރްޖުންގެ ގުޅުން ވެސް ވަނީ މީން ޒަމާނަކު ރަނގަޅު ނުވާ ވަރަށް ރަނގަޅުވެފަ އެވެ.

މަންމައާ ދޭތެރޭ ކިތަންމެ ގޯސްކޮށް ކަންތައް ކޮށްފައި ވިޔަސް އަރްޖުން އާއި އަންޝުލާ ދުވަހަކުވެސް އެކުދިންގެ ބައްޕައަށް ދޭ އިހްތިރާމު ކުޑައެއް ނުކުރެ އެވެ. އަދި ފާޅުގައި ބައްޕައަށް އެއްޗެހި ކިޔައެއް ވެސް ނަހަދަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފިލްމީ މަޖައްލާ އަކަށް އަރްޖުން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ސްރީދޭވީ އާއި އޭނާގެ މާ ބޮޑު ގުޅުމެއް ނޯވެ އެވެ. ނަމަވެސް ބައްޕަގެ ހަޔާތުގެ ހިއްސާއަކަށް ވާތީ ބައްޕައަށް ކުރާ އިހްތިރާމް ދޮންމަންމަ އަށް ވެސް ކުރާނެ ކަމަށް އަރްޖުން ބުނެފައިވެ އެވެ. އަދި ދުވަހަކުވެސް އެއިން އެއްވެސް މީހަކަށް ދެރަގޮތެއް ވާން ނޭނދޭނެ ކަމަށް ވެސް އަރްޖުންގެ އިންޓަވިއުގައި ބުނެފައިވެ އެވެ.