ފަރުދުންގެ ގުޅުމުގައި ވެސް އަދުލުވެރިކަން ދަމަހައްޓަން ޖެހޭ
ފަރުދުންގެ ގުޅުމުގައި ވެސް އަދުލުވެރިކަން ދަމަހައްޓަން ޖެހޭ

އިސްލާމް ދީނަކީ އަދާލަތުގެ މައްޗަށް ގާއިމުވެގެންވާ އަދި އަނިޔާވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރާ ދީނެކެވެ. ﷲ އަކީ އަދުލުވެރި ރަސްކަލާނގެ އެވެ. ﷲ ގެ ދީނަކީ އަދުލެވެ. ނަބީންނާއި ރަސޫލުން ވަޑައިގެންނެވީ އަދުލުވެރިކަން ތަންފީޒު ކުރެއްވުމަށެވެ. މިހުރިހާ ސަބަބަކަށްޓަކައި އިސްލާމީ މުޖުތަމައާއި އާއިލާތަކުގައި އަދުލުވެރިކަން ދެމިއޮންނަން ޖެހެއެވެ. އަދި މީގެ ހެޔޮ އަސަރު ޣައިރު މުސްލިމުންނަށް ވެސް ފޯރަން ޖެހެއެވެ.

މި ކަންކަމަށް ކުރީގެ ދެތިން ލިޔުމެއްގައި އަލިއަޅުވާލެވިފައިވާނެ އެވެ. މި ލިޔުމުގައި މި ބަލައިލަނީ އަދުލުވެރިކަން ދެމެހެއްޓުން ހަގީގަތަކަށް ހެދުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވާ ކަމެއްގެ މައްޗަށެވެ. އާދެ، ވަކިވަކި ފަރުދުންގެ މެދުގައި އޮންނަން ޖެހޭ ގުޅުމުގައި އަދުލުވެރިކަން ދެމެހެއްޓުމާ ބެހޭ ގޮތުންނެވެ.

ކީރިތި ޤުރުއާނުގެ އައްނަޙްލު ސޫރަތުގެ 90 ވަނަ އާޔަތުން އެނގޭ ގޮތުގައި އިންސާނުން އެކަކު އަނެކަކާ ދެމެދު އޮންނަން ޖެހޭ ގުޅުމަކީ އަދުލުވެރި ކަމާއި އިހުސާންތެރި ކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. ﷲ އަމުރު ކުރައްވަނީ އަދުލުވެރި ވުމަށާއި އިހުސާންތެރި ވުމަށެވެ. އިންސާނާ ﷲ އަށް އަޅުވެތިވުން އަމަލީ ގޮތުން ދައްކައިދެވޭނީ ވެސް ފަރުދުންގެ މެދުގައި މިފަދަ ގުޅުމެއް އޮވެގެންނެވެ. ވީއިރު މި ގުޅުން ދަމަހައްޓާނެ ގޮތް ކޮންމެ މުސްލިމަކުވެސް ދެނެގަންނަން ޖެހެއެވެ.

އަދުލުވެރި ކަމުގެ މާނަ އަކީ އިންސާފު ވެރި ވުމެވެ. އެބަހީ ދެފަރާތުން ނުވަތަ އެއަށްވުރެ ގިނަ ފަރާތުން ކުރެ އެއްވެސް ފަރާތަކަށް އަނިޔާވެރި ވުމެއް ނެތި ހުރިހާ ފަރާތަކަށް ވެސް ލިބެންވާ ހައްގުތައް އިންސާފުން ލިބިގެން ދިއުމެވެ. އަދުލުވެރި ކަމުގެ ގުޅުމަކީ ހަގީގަތުގައި އިންސާނާ އާއި އެހެން އިންސާނުންނާ ދެމެދު އޮންނަން ޖެހޭ ގުޅުމުގެ އެންމެ ދަށް މިންވަރެވެ. ފުރިހަމަ ނުވަތަ އެންމެ ފުރިހަމަ މިންވަރެއް ނޫނެވެ.

ފުރިހަމަ ވުމަށްޓަކައި އިހުސާންތެރިކަމުގެ ގުޅުންވެސް އޮންނަން ޖެހެއެވެ. އިންސާނީ ތަބީއަތަށް ބަލާއިރު ހުރިހާ ހާލަތެއްގައި މި ފުރިހަމަ ދަރަޖައަށް ނުދެވިދާނެ އެވެ. އެހެންކަމުން އެ ދަރަޖައަށް ދިއުމުގައި އިސްލާމް ދީން ލުޔެއް ދިނަސް އަދުލުވެރިކަމުގެ ގުޅުން ދެމެހެއްޓުމުގައި ލުޔެއް ނުދެއެވެ. އަބަދުވެސް އަދުލުވެރިވާން ޖެހެއެވެ. އެއީ އެކަން ނެތުމުން މެދުވެރިވާ ނުރައްކާ ތަކުގެ ބޮޑުކަމުންނެވެ.

ވަކިވަކި ފަރުދުންގެ މެދުގައި އަދުލުވެރިކަމުގެ ގުޅުން ބޭއްވޭނީ ތަފާތު ދާއިރާތަކެއްގައި ކޮންމެ ފަރުދަކުވެސް އެ ކަމަށް ސަމާލުކަން ދީގެންނެވެ. މިގޮތުން އެއް ދާއިރާ އަކީ އިންސާނާ ޚުދު އޭނާގެ އަމިއްލަ ނަފްސާ މެދު އަދުލުވެރި ވުމެވެ. އައްނިސާއު ސޫރަތުގެ 135 ވަނަ އާޔަތުގައި އަދުލު އިންސާފު ގާއިމުކުރުން މަތީ ދެމިތިބޭ ބަޔަކު ކަމުގައި ވުމަށް އީމާންވީ މީހުންނަށް އޮތް އަމުރުގައި އެންމެ ފުރަތަމަ ބަޔާން ކުރައްވާފައި ވަނީ އަމިއްލަ ނަފްސުތަކުގެ މައްޗަށް އަދުލުވެރި ވުމަށެވެ.

އަމިއްލަ ނަފްސަށް އަދުލުވެރި ވުމަކީ ނަފްސަށް އަނިޔާ ނުކުރުމެވެ. މިގޮތުން އަމިއްލައަށް ފުރާނަ ދުއްވާލުމާއި މުދަލުން އިސްރާފު ކުރުމާއި ހައްގުގެ މަގު ދޫކޮށް ކުފުރު ވުން ފަދަ އަނިޔާތަކުން ނަފްސު ސަލާމަތް ކުރުމަކީ އަމިއްލަ ނަފްސަށް އަދުލުވެރި ވުމެވެ.

އަދުލުވެރިކަމުގެ ގުޅުމުގެ ދެވަނަ ދާއިރާ އަކީ ކޮންމެ ފަރުދަކުވެސް އެމީހެއްގެ މައިންބަފައިންނާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނާ މެދު އަދުލުވެރި ވުމެވެ. ކުރިން އިޝާރާތް ކުރި އައްނިސާއު ސޫރަތުގެ 135 ވަނަ އާޔަތުގައި ދެވަނަ އަށް ބަޔާން ކުރައްވާފައި ވަނީ މައިންބަފައިންނެވެ.

ތިންވަނަ އަށް ބަޔާން ކުރައްވާފައި ވަނީ ގާތްތިމާގެ މީހުންނެވެ. އެކަކަށް ވުރެ ގިނަ އަނބިންނާ ކައިވެނި ކުރާ ހާލަތެއްގައި އެ އަނބިންނާ މެދު އަދުލުވެރި ނުވެވޭނެ ކަމުގެ ބިރު ހީވާނަމަ ހަމައެކަނި އެކަކާ ކައިވެނި ކޮށްގެން ހުރުމަށް އައްނިސާއު ސޫރަތުގެ 3 ވަނަ އާޔަތުގައި އަންގަވާފައި ވެއެވެ. ދަރިންނާމެދު އަދުލުވެރިވުމަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވަސިއްޔަތް ކުރައްވާފައި ވެއެވެ.

ބަސްބުނުމުގައި އަދުލުވެރި ވުމަށް އަލްއަންޢާމް ސޫރަތުގެ 152 ވަނަ އާޔަތުގައި އަންގަވާފައި ވާއިރުވެސް ތިމާ އެބަހެއް ބުނަނީ ގާތްތިމާގެ މީހަކާ މެދުގައި ކަމަށް ވިއަސް އަދުލުވެރިވުމުން އެއް ކިބާވެގެން ނުވާނެ ކަން ބަޔާން ކުރައްވާފައި ވެއެވެ.

އަދުލުވެރިކަމުގެ ގުޅުމުގެ ތިންވަނަ ދާއިރާ އަކީ ކޮންމެ ފަރުދަކުވެސް ނިސްބަތްވާ ޖަމާއަތާ މެދު އަދުލުވެރި ވުމެވެ. މިގޮތުން މީސްތަކުންގެ މެދުގައި ހުކުމެއް ކުރާނަމަ އަދުލުވެރި ކަމާ އެކު ހުކުމް ކުރުމަށް އައްނިސާއު ސޫރަތުގެ 57 ވަނަ އާޔަތުގައި އަންގަވާފައި ވެއެވެ. މިތަނުގައި ހުކުމް ކުރުމުގެ މާނަ އަކީ ހަމައެކަނި ގާޒީން މައްސަލައަކާ މެދު ހުކުމެއް ކުރުން އެކަންޏެއް ނޫނެވެ.

މަސްއޫލިއްޔަތެއް އަދާ ކުރާ ކޮންމެ މީހަކު އޭނާގެ މަސްއޫލިއްޔަތުގެ ދަށުގައިވާ މީހުންނާ މެދު ނިންމާ ކޮންމެ ނިންމުމަކީ ވެސް ހުކުމް ކުރުމެއް ކަމުގައި ބެލެވޭނެ އެވެ. ޖަމާއަތުގެ ތެރެއިން އެހެން ޖަމާއަތެއް އުފެދި އެއްބަޔަކު އަނެއްބަޔަކާ މެދު ތަޅާފޮޅުމެއް ނުވަތަ ހަނގުރާމަ އެއް ހިނގާ ހާލަތެއް އަޔަސް އެ ދެމެދު އިސްލާހު ކުރުމުގައި ވެސް އަދުލުވެރިވާން އަލް ޙުޖުރާތު ސޫރަތުގެ 9 ވަނަ އާޔަތުގައި ﷲ އަންގަވާފައި ވެއެވެ. އަދި އަދުލުވެރިން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގަންނަވާކަން ބަޔާން ކުރައްވާފައި ވެއެވެ.

އަދުލުވެރިކަމުގެ ގުޅުމުގެ ހަތަރުވަނަ ދާއިރާ އަކީ މުޅި އިންސާނިއްޔަތާ މެދު ކޮންމެ ފަރުދަކުވެސް އަދުލުވެރި ވުމެވެ. އެބަހީ އާއިލާގެ ނުވަތަ ގާތްތިމާގެ ނުވަތަ ނިސްބަތްވާ ޖަމާއަތުގެ މީހަކަށް ބެލުމެއް ނެތި އިންސާނެއް ވިއްޔާ އެމީހަކާ މެދު އަދުލުވެރި ވުމެވެ. މިގޮތުން މި ދާއިރާގެ ތެރެއިން ވިއަސް އަދި އެހެން ދާއިރާއެއްގެ ތެރެއިން ވިއަސް ތިމާ އަދުލުވެރިވާން ޖެހޭ ފަރާތަކީ ތިމާ އާ ގުޅުމެއް ހުރި މީހެއްތޯ ބަލާކަށް ނުޖެހެއެވެ.

މިސާލަކަށް އެއީ ތިމާގެ އެކުވެރިއެއްތޯ ނުވަތަ އަދާވާތްތެރިއެއްތޯ ނުވަތަ އެއީ މުސްލިމެއްތޯ ނުވަތަ ކާފިރެއްތޯ ނުވަތަ ތިމާ އާ އޭނާ އާ ދެމެދުގައި ހަމަނުޖެހުމެއް އޮތްތޯ ނުވަތަ ނޫންތޯ ފަދަ ކަންކަމަށް ބަލާކަށް ނުޖެހެ އެވެ. އަލްމާއިދަތު ސޫރަތުގެ 8 ވަނަ އާޔަތުގައި ﷲ އަންގަވަނީ ބަޔަކު މީހުންނާ މެދު އުފެދިފައިވާ ރުޅިވެރިކަމެއް އެއީ އަދުލުވެރި ނުވުމަށް ބާރުއަޅާ ކަމެއް ކަމުގައި ނުހެދުމަށެވެ. އަދި އައްޝޫރާ ސޫރަތުގެ 15 ވަނަ އާޔަތުން ދޭހަވާ ގޮތުގައި ގޯސްކޮށް މުއާމަލާތު ކުރުމުގައި ތިމާ މާޔޫސްވާ ދަރަޖަ އަށް އަނެކުން ކަން ކުޅަޔަސް އެމީހުންނާ މެދު ވެސް އަދުލުވެރިވާން ޖެހެ އެވެ.

އެހެނީ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަށް ﷲ އަންގަވާފައި ވަނީ އެ ފަދަ ގޯސް މީހުން ތަބާވާ ކަންކަމަށް ތަބާވެ ވަޑައިނުގެން ސީދާ މަގުގައި ހުންނެވުމަށާއި، ﷲ ބާވާލެއްވި ފޮތަށް އެކަލޭގެފާނު އީމާންވާ ކަމާއި އަދި އެކަލޭގެފާނަށް އަމުރުވެވިގެން ވަނީ އެބައިމީހުންނާ މެދު އަދުލުވެރި ވުމަށް ކަމަށް އެމީހުންނަށް ވިދާޅުވުމަށެވެ.

ފަރުދުންގެ މެދުގައި އަދުލުވެރިކަމުގެ ގުޅުން އާންމުވެ ދެމި އޮންނަ ނަމަ އެކަމުން ދަލީލު ލިބެނީ އެމީހުން ފުރާފުރިހަމަވެ ސީދާ ވެގެންވާ ކަމެވެ. އެއާ ޚިލާފަށް ފަރުދުންގެ މެދުގައި ވެސް އަނިޔާވެރިކަން އޮންނަ ނަމަ އޭގެ މާނަ އަކީ ނާތަހުޒީބާއި އުނިކަމެވެ. ނުކުޅެދުންތެރިކަމާއި ޖާހިލުކަމެވެ.

ސީދާ މަގުގައި ހުރެ އިންސާފަށް އަމުރުކޮށް އުޅޭ މީހަކާއި، އެއްވެސް ކަމެއްގެ މައްޗަށް ކުޅަދާނަ ވެގެން ނުވާ މަންމަނަކާ ދެ މީހުންގެ މިސާލު ކީރިތި ޤުރުއާނުގައި (އައްނަޙްލު 76) ބަޔާން ކުރައްވާ އިރު މި މަންމަނު މީހާ އެއީ އޭނާގެ ސާހިބު މީހާއަށް އޮތް ބުރައަކަށް ވާކަމާއި އޭނާ ކުރިމަތި ކޮށްފި އެއްވެސް ދިމާއަކުން ހެޔޮ ކަމަކައިގެން ނާދެވޭކަން ބަޔާން ކުރައްވާފައި ވެއެވެ.

މި މިސާލުން ލިބިގަންނަން ޖެހޭ އެއް ފިލާވަޅަކީ އެއްވެސް ބައެއްގެ މެދުގައި އިލްމުވެރިކަން ފެތުރި ތަރައްގީ އާ ކުރިއެރުން ލިބުމަށްޓަކައި އެބަޔަކު ސީދާކަން މަތީ ތިބެން ޖެހޭނެ ކަމެވެ. އަދި މި ސީދާކަން ފުރިހަމަ ވާނީ ފަރުދުންގެ މެދުގައި އަދުލުވެރިކަމުގެ ގުޅުމެއް ދެމިއޮވެގެން ކަމެވެ. އަދި އަދުލުވެރިކަން ނެތިއްޖެ ނަމަ އެއްވެސް ކަމަކަށް ކުޅަދާނަކަން ލިބިގެން ނުވާ، ޖާހިލުކަން ފެތުރިފައިވާ ބަޔަކަށް ވެގެންދާނެ ކަމެވެ.

ފަރުދުންގެ މެދުގައި އަދުލުވެރިކަމުގެ ގުޅުން ދެމިއޮތުމަކީ އަމަންއަމާން ކަމާއި ސަލާމަތްކަން ފެތުރިފައި އޮތުމަށާއި، ވަކި ފަރާތަކަށް ނުޖެހި ކަންކަން ކުރިއަށް ގެންދިއުމަށް ވެސް އޮތް އެންމެ މުހިންމު އެއް ސަބަބެވެ. އެހެނީ އަދުލުވެރިކަން އޮވެއްޖެ ނަމަ ތައައްސުބުވުންތައް ނެތިގެންދާނެތީ އެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ހަމަނުޖެހުންތަކާއި ޖަރީމާ ތަކުން މުޖުތަމައު ސަލާމަތް ކުރެވޭނެތީ އެވެ.

ވީމާ ވަކިވަކި ފަރުދުންގެ މެދުގައިވެސް އަދުލުވެރި ކަމުގެ ގުޅުން ދެމެހެއްޓުމަށް ހަމަ ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި މީގެ އާޚިރު ނަތީޖާއެއްގެ ގޮތުން މުޖުތަމައުގެ ހުރިހާ ނިޒާމު ތަކެއްގައި ވެސް އަދުލުވެރިކަން ދެމެހެއްޓުމަށް އެ ނިޒާމުތަކުގެ މަސްއޫލުވެރިން ސަމާލުކަން ދޭން ޖެހޭނެ އެވެ.