17 ޖުލައި 2016 - 01:36

އަންކާރާ (ޖުލައި 17) - ތުރުކީ އަށް ސިފައިން ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތަށް ފަހު 2،745 ފަނޑިޔާރުން މަގާމުން ދުރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ފަނޑިޔާރުންގެ މަގާމުތަކުން އެކެހެރިކޮށްފައި ވަނީ ތުރުކީގެ އެންމެ މަތީ ޖޫޑިޝަރީ ބޯޑު ކަމަށްވާ ޕްރޮސެކިއުޓާސް ހައި ކައުންސިލުގެ ކުއްލި ބައްދަލުވުމަކަށް ފަހު އެވެ. މަގާމުން ވަކިކޮށްފައި ވަނީ ބަޣާވަތާއި ގުޅުން ހުރި ފަނޑިޔާރުންނާއި އެމެރިކާގައި ދިރިއުޅޭ ތުރުކީ ސަރުކާރާ އިދިކޮޅު ފަތުހުﷲ ގުލާންއާ ގުޅުން އޮންނަ ފަނޑިޔާރުންނެވެ. ޖޫޑީޝަރީ ބޯޑުގެ 10 މެންބަރަކު ވެސް މަގާމުން ވަކިކޮށް ހައްޔަރުކޮށްފައިވާ ކަމަށް ތުރުކީގެ ބައެއް ނޫސްތަކުން ބުންޏެވެ. މީގެ އިތުރުން އިދާރީ ކޯޓުތަކުގެ 48 މެންބަރުންނާއި އިސްތިއުނާފް ކޯޓުގެ 140 މެންބަރުން ހައްޔަރު ކުރުމަށް ވެސް ވަނީ އަމުރު ނެރެފަ އެވެ.

ތުރުކީ ސަރުކާރުން ވެސް ތުހުމަތު ކުރަނީ ބަޣާވަތުގެ ފަހަތުގައި ވަނީ ދީނީ އިލްމުވެރިޔާ ގުލާން ކަމަށެވެ. ގުލާން އާއި ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އަކީ 2013 ވަނަ އަހަރާ ޖެހެންދެން ވަރަށް ގާތް ދެ ބޭފުޅުންނެވެ. މި ދެ ބޭފުޅުން ހަތުރުންނަށް ބަދަލުވީ އުރުދުޣާންގެ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގެ ފަހަތުގައި ހުރީ ގުލާން ކަމަށް އުރުދުޣާން އަށް ތުހުމަތު ކުރެވުނު ހިސާބުންނެވެ. ބަޣާވާތް ކުރަމުން ދިޔަ އިރު ފޭސްޓައިމް މެދުވެރިކޮށް ސީއެންއެންއާ ވާހަކަ ދައްކަވަމުން އުރުދުޣާން ވަނީ ބަޣާވަތުގެ ތުހުމަތު ގުލާންގެ ބޮލުގައި އަޅުވައިފަ އެވެ.
ބަޣާވާތަށް ފަހު ސިފައިންގެ ތެރެ ސާފު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. މިހާތަނަށް ވަނީ ސިފައިންގެ ތެރޭން 2،839 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ބިނާލީ ޔިލްދިރިމް ވަނީ ވިދާޅުވެފަ އެވެ. ބަޣާވާތާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 161 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެ އެވެ.
ތުރުކީ ސިފައިންގެ ތެރޭން ފައުޖެއް ނުކުމެ އެ ގައުމުގެ މުހިންމު ހައިވޭތައް ބަންދުކުރުމަށް ފަހު ގައުމީ ޓީވީ މެދުވެރިކޮށް ގައުމުގެ ކޮންޓްރޯލް އެ މީހުންނަށް ލިބިފައިވާކަން އިއުލާން ކުރުމާ އެކު އުުރުދުޣާން ވަނީ ރައްޔިތުން މަގުތަކަށް ނުކުމެ ބަޣާވާތާ ދެކޮޅު ހެދުމަށް ގޮވާލައްވައިފަ އެވެ. ބަޣާވާތް އެހާ ފަސޭހަ އިން ނާކާމިޔާބުވީ އުރުދުޣާންގެ ގޮވާލެއްވުމަށް ރައްޔިތުން އިޖާބަ ދިނުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
ތުރުކީ އަށް މީގެ ކުރިން ވެސް ވަނީ ހަތަރު ފަހަރެއްގެ މަތިން އަސްކަރީ ބަޣާވާތެއް ގެންނަން އުޅެފަ އެވެ. އެންމެ ފުރަތަމަ 1960 ވަނަ އަހަރުގެ ބަޣާވާތުގައި އިސްކޮށް އުޅުނީ ސިފައިންގެ ތެރޭން ޒުވާން ގްރޫޕެކެވެ. އޭގެ ފަހުން 1971 ވަނަ އަހަރު އަދި 1980 ވަނަ އަހަރު ވެސް ސިފައިން ވަނީ ތުރުކީ އަށް ބަޣާވާތެއް ގެނެސްފަ އެވެ. ތުރުކީ އަށް 1997 ވަނަ އަހަރު ގެނައި ބަޣާވާތުގައި ނެކްމަތިން އެރްބަކާން ވަނީ އިސްތިއުފާ ދެއްވަން ޖެހިފަ އެވެ.