01 މާޗް 2018 - 11:03

ދިމިޝްގު (މާޗް 1) - އިރުމަތީ ޣޫތާގައި ހަމަލާ ދިނުން ހުއްޓާލުމުގެ ގަރާރާ ރަޝިޔާ އާއި ސީރިއާ އިން ޚިލާފުވަމުންދާ ކަމަށް ބުނެ އެ ދެ ގައުމަށް އެމެރިކާ އިން ފާޑުކިޔައިފި އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ 2401 ވަނަ ގަރާރުން ވަނީ ސީރިއާގެ ހަމަލާތައް 30 ދުވަހަށް ހުއްޓާލުމަށް ފާސްކޮށްފަ އެވެ. ފެބްރުއަރީ 18 ވަނަ ދުވަހުން ފެށިގެން އިރުމަތީ ޣޫތާ އަށް ވައިގެ ހަމަލާ ދެމުންދަނީ ސީރިއާ އާއި ރަޝިޔާ އިންނެވެ. ގަރާރަށް ބޯލެނބުމުގެ ގޮތުން ރަޝިޔާ އިން ވަނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 9 އިން ފެށިގެން ފަސް ގަޑިއިރަށް ހަމަލާތައް ހުއްޓާލާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އެ ގަޑިތަކުގައި ވެސް ވައިގެ ހަމަލާތައް ދޭ ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެ އެވެ.
ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ މަންދޫބު ކެލީ ކޫރީ ވަނީ އިރުމަތީ ޣޫތާ އަަށް ސީރިއާ އިން ހުއްޓުމެއް ނެތި ދޭ ވައިގެ ހަމަލާތައް ކުށްވެރިކޮށްފަ އެވެ. އޭނާ ވިދާޅުވީ ސީރިއާގެ އަމަލުތަކުން ދޭހަކޮށް ދެނީ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް ސީރިއާ އިން ބޯނުލަނބާކަން ކަމަށެވެ. އަދި ރަޝިޔާ އިން ވަކި ވަގުތަކަށް ހަމަލާތައް ހުއްޓާލާނެ ކަމަށް ބުނުމަކީ ވެސް ގަރާރާ ޚިލާފުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިރުމަތީ ޣޫތާގެ ތިން ޓައުނަކަށް އިއްޔެ ވެސް ހަމަލާ ދިން ކަމަށް އެ ސިޓީގެ މީހުން ބުނެ އެވެ. އަދި އެހީ ބޭނުންވެފައިވާ މީހުންނަށް އެ ސިޓީން ނުކުތުމުގެ ފުރުސަތު ލިބިފައި ނެތް ކަމަށް ބުނެފައިވެ އެވެ.
ސަލާމަތީ މަޖިލީހުގައި ރަޝިޔާގެ ސަފީރު ވިދާޅުވީ ދުވާލަކު ފަސް ގަޑިއިރަށް ހަމަލާތައް ހުއްޓާލާފައި ބޭއްވުމަށް ރަޝިޔާ އިން ކުރެވުނު މަސައްކަތެއް ކުރާނެ ކަމަށެވެ.