ވަކީލުކަމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ވަކީލުކަމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ވަކީލު ކަމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ހުޅުވާލައިފި އެވެ.

އެ ޑިޕާޓްމެންޓުން ނެރުނު އިއުލާނެއްގައި ވަނީ ވަކީލު ކަމުގެ ހުއްދަ ދިނުމަށް މި އަހަރު ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވާން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް އެދި ހުށަހަޅަން ޖެހޭނީ ޚާއްސަ ފޯމަކުންނެވެ.

ވަކީލު ކަމުގެ ހުއްދަ ދެނީ ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން ޑިގްރީއެއް ލިބިފައިވާ ނަމަ އެވެ. އެ ޑިގްރީ ހާސިލް ކޮށްފައި ވަނީ ރާއްޖެ އިން ބޭރުގެ ޔުނިވާސިޓީއަކުން ނަމަ އެއީ ރާއްޖޭގެ ޔުނިވާސިޓީތަކުން ދޭ ފެންވަރުގެ ޑިގްރީއަކަށް ވާންޖެހެ އެވެ. އަދި އެއީ އެ ގައުމެއްގައި ވަކީލުކަން ނުވަތަ ފަނޑިޔާރުކަން ކުރުމުގެ ހުއްދަ ދިނުމުގައި ގަބޫލު ކުރެވޭ ޑިގްރީއަކަށް ވެސް ވާންޖެހެ އެވެ.

މީގެ އިތުރުން ވަކި ބާވަތެއްގެ ކުށްތަކެއް ސާބިތުވެފައި ނެތުމަކީ ވެސް ވަކީލުކަމުގެ ހުއްދަ ދިނުމުގައި ބަލާ ޝަރުތެކެވެ. ވަކީލު ކަމުގެ ހުއްދަ ދޭނީ ސުޕްރީމް ކޯޓުގައި އެކަމަށް އޮންނަ ޚާއްސަ ކޮމެޓީއަކުންނެވެ.