01 މާޗް 2018 - 10:50

ރައީސް އަބްދުﷲ ޔާމީން، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރުކަމާއި ރައީސްކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން މިއަދު އައްޔަންކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސުލައިމާން، އެންއައިސީއަށް އައްޔަން ކުރަން ފެންނަ ކަމަށް ރުހުން ދިނީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 32 މެމްބަރުންގެ އިއްތިފާގުންނެވެ. ސުލައިމާންގެ ނަން ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އޭނާއަށް ދީފައިވަނީ 75.89 މާކްސް އެވެ.

އިއްޔެގެ ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ސުލައިމާން އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 31 ގަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބު އޭނާ ހާމަނުކުރެއްވި ނަމަވެސް އޭރު ވެސް އަޑުއަރާފައި އޮތީ އެންއައިސީ އަށް އައްޔަންކުރަން އުޅޭ ކަމެވެ.
އިލެކްޝަންސް ކޮމިިޝަނުން އޭނާ އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި މައްސަލައިގައި އެ ކޮމިޝަނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށެވެ.
އެންއައިސީގެ ރައީސްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސްކަމުން ޔޫސުފް މާނިއު މަގާމުން ވަކިކުރެއްވުމުންނެވެ. މާނިއު އެ މަގާމުން ވަކިކުރީ އެ ކޮމިޝަންގެ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސް ވެރިން ހުރަސްއަޅާ ކަމަށް ތުހުމަތުކޮށް، އެ ކަމަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭނާ ދެއްވި ފަހުންނެވެ.