02 މާޗް 2018 - 07:47

އަންނަ އަހަރު ރިލީޒް ކުރާ ފިލްމްތަކުގެ ތެރެއިން މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ވޮންޑަ ވުމަން" ގެ ދެވަނަ ބަޔަކީ ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް ފިލްމެވެ. އެ ފިލްމްގެ މަސައްކަތް ފަށަން ޑައިރެކްޓަރު ޕެޓީ ޖެންކިންސް މިހާރު އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

ޔަގީންވާ ކަމަކީ ދެވަނަ ބައިން ވެސް ޑަޔާނާ ޕްރިންސްގެ ރޯލުން ގަލް ގެޑޯ ފެންނާނެ ކަމެވެ. ފިލްމްގެ އިތުރު ކާސްޓުން ހޯދަން އަތްފުނާ އަޅަމުން އަންނަ އިރު، "ވޮންޑަ ވުމަން 2" ގެ ވިލަންގެ ރޯލް، މި ފަހަރު ކްރިސްޓެން ވިގް އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވެރައިޓީން ބުނާ ގޮތުގައި ވިލަންގެ ރޯލަށް ގެންނަން ޕެޓީ މި ފަހަރު އެންމެ ބޭނުން ވަނީ ކްރިސްޓެން އެވެ. އެހެންވެ އޭނާއާ މިހާރު އަންނަނީ ވާހަކަ ދައްކަމުންނެވެ.
އެކަމަކު "ގޯސްޓްބަސްޓާ" އާއި "ބްރެއިޑްސް މެއިޑް" ފަދަ ފިލްމްތައް ކުޅެފައިވާ 44 އަހަރުގެ ބަތަލާ "ވޮންޑަ ވުމަން 2" އަށް ސޮއި ކުރި ކަމެއް އަދި ކަށަވަރެއް ނޫނެވެ. އެކަމަކު ވެރައިޓީން ބުނަނީ ފިލްމްގެ ވިލަންގެ ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ ކްރިސްޓެން ކަމަށެވެ.
އޭނާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ޖެނިފާ ލޮރެންސްގެ ބިރުވެރި ފިލްމް "މަދާ" އިންނެވެ. ކްރިސްޓެންގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން އެންމެ އަވަހަށް ދެން ބެލުންތެރިންނާ ހަމައަށް އަންނާނީ މި އަހަރުގެ އޮކްޓޯބަރުގައި ރިލީޒް ކުރާ ކޮމެޑީ ފިލްމް "ވެއާ ވުޑް ޔޫ ގޯ، ބާނެޑެޓް؟" އެވެ.